އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި އެ ކޯލިޝަންގެ އިސް ލީޑަރުން: ކޮމަންޑޫ ދާއިރާގެ ބައި-އިލެކެޝަނަށް އެ ކޯލިޝަނުން ވަނީ ޕްރައިމަރީއަކަށް ހުޅުވާލާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕީޕީއެމް-ޕީއެންސީން ޕްރައިމަރީއަކަށް

ޕްރައިމަރީއަށް ކުރިމަތިލުމަށް ތިން ދުވަހުގެ މުއްދަތެއް؛ ދެ ޕާޓީގެ މެންބަރުން ވޯޓުލާ މި ޕްރައިމަރީ އޮންނާނީ އަންނަ އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރައިމަރީއަކަށް މިއަދު ހުޅުވާލައިފި އެވެ.

އެނގުން މުހިންމު - ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން ވަހީދު މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހުސައިން ވަހީދު އަވަހާރަވުމާ އެކު، މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ބައި އިލެކްޝަން އިއުލާންކޮށް، މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.

ޕީޕީއެމް ފިޔަވައި އިންތިހާބުގައި ވާދަކުރަން ނިންމާފައިވާކަން މިހާތަނަށް އިއުލާނުކޮށްފައި ވަނީ ދެ ޕާޓީ އަކުންނެވެ. އެއީ:

  • އެމްޑީޕީ

  • މި ފަހުން އުފެއްދި އެމްއެންޕީ

ތަފްސީލު - އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަންނަ ފެބްރުއަރީ މަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ޕީއެންސީގެ މެންބަރުން ވެސް ހިމެނޭ ގޮތަށް ދެ ޕާޓީގެ މެންބަރުންގެ މެދުގައި އޮންނަ ޕްރައިމަރީ އަކުން ކަމަށެވެ.

ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހާއިރަށެވެ. ޕްރައިމަރީގެ ވޯޓުލުން އޮންނާނީ:

  • އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 2 އިން 5 އަށް

  • ކޮމަންޑޫ ދާއިރާ ނިސްބަތްވާ ށ. ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގެ އިތުރުން މާލޭގައި

ފަސްމަންޒަރު - އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ އެމްޑީޕީ އަދި އެމްއެންޕީން ވެސް ވަނީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމަށް ޕްރައިމަރީއަކަށް ވަނީ ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ދާއިރާގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ސުންގަޑި ހަމަވާނީ މި މަހުގެ 30 އަށެވެ. އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 5ގަ އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުތަކުގެ ނަތީޖާ

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި މިދިޔަ ދެ އިންތިހާބުގައި ވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.

2014ގެ އިންތިހާބުގެ ނަތީޖާ:

  • ނަހުލާ އަލީ (ޖުމްހޫރީ ޕާޓީ) - 646 ވޯޓު (%25.25)

  • އަހްމަދު ޒާހިރު (އަދާލަތު ޕާޓީ) - 697 ވޯޓު (%27.25)

  • އަހްމަދު ނާޝިދު (އެމްޑީޕީ) - 1،215 ވޯޓު (%47.50)

2019ގެ އިންތިހާބުގެ ނަތީޖާ:

  • ހުސައިން ވަހީދު (އެމްޑީޕީ) - 1،553 ވޯޓު (%56.41)

  • އިބްރާހިމް ރަޝީދު (ޕީއެންސީ) - 1،200 ވޯޓު (%43.59)

އިތުރު އާޓިކަލް

އިތުރު އާޓިކަލް