އުމްރާއަށް ދާ ބަޔަކު ފުރަން ތައްޔާރުވެގެން އެއާޕޯޓުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އުމްރާ

އުމްރާއަށް ދާ މީހުން ހަނގުރާމައާ ގުޅިގެން ސަމާލުވާން އެދިއްޖެ

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާގައި ތިބި މީހުންނަށް ހާއްސަކޮށްގެން، ހޮޓްލައިން ނަމްބަރެއް މިނިސްޓްރީގައި ގާއިމް ކުރަމުން އަންނަ ކަމަށް

ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވާތީ، މިދުވަސްވަރު އުމްރާއަށް ދާ މީހުންނާއި އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ތިބި މީހުން ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިއްޔެ އިސްވެ އީރާނަށް ދިން ހަމަލާތަކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ. އެއާ އެކު، ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ބައެއް ސަރަހައްދުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.

ކޮންމެ ރޯދަ މަހެއްގައި ވެސް ރާއްޖޭން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ދާއިރު، މި އަހަރު ވެސް ގިނަ ބަޔަކު އަންނަނީ އެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރަމުންނެވެ.

ތަފްސީލް - ހާލަތު މިހާރު ބަދަލުވެފައިވާތީ، އިސްލާމިކް މިނިސްޓްރީން ވަނީ، ހާއްސަ ކަމެއް މެދުވެރިވެއްޖެ ނަމަ، ސައުދީގެ ރިޔާޒުގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް ގުޅުމަށް އެދިފަ އެވެ.

  • ރިޔާޒުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު: 966506894477  

  • ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުުގެ ހޮޓްލައިން ނަމްބަރު: 966530838329

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާވެރިންނަށް ހާއްސަކޮށްގެން، މައުލޫމާތު ދިނުމަށް ހާއްސަ ހޮޓްލައިން ނަމްބަރެއް މިނިސްޓްރީގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ނިމުމާއެކު، އާއްމުކުރާނެ ކަމަށް ބުންޏެވެ.

"އަދި ދަންނަވަމެވެ. އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ނަސޭހަތްތެރިވަމެވެ،" އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް