ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން، ވެރިކަންކުރާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ޕީއެންސީ)

އިންތިހާބުތައް ގިނަވުމުން ގައުމުގެ އަމާންކަން ގެއްލޭ: ޝިޔާމް

ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ އިންތިހާބުތައް ގިނަވުމުން އާއިލާތަކާއި ރަށްރަށުގެ މުޖުތަމައުތަކުގެ ސުލްހަ އާއި އަމާންކަން ގެއްލޭ އެތައް ކަމެއް ހިނގާ ކަމަށް

އިންތިހާބުތައް އޮންނަ ދުވަސްތައް ގިނަވެ، ކެމްޕެއިން ދުވަސްތައް ގިނަވުމުން ގައުމުގެ އެކި މުޖުތަމައުތަކުގެ އަމާންކަން ގެއްލިގެންދާ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފަ އެވެ. ރައްޔިތުންގެ ކައިރިއަށް ސިޔާސީ ވެރިންނާއި ޕާޓީތަކުން އަންނަން ޖެހޭ ދުވަސްތައް މަދުކުރާކަށް ނުޖެހޭ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

ވެރިކަންކުރާ ޕީއެންސީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ، އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދިނުމަށާއި ޕީއެންސީން ދެ އިންތިހާބު އެއްކޮށްލަން ގޮވާލާ ކެމްޕެއިން ފެށިކަން ހާމަކުރަން ވެގެންނެވެ.

ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އިންތިހާބުތައް ވަކިން ބާއްވާތީ ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބު ފިޔަވައި އެހެން އިންތިހާބުތަކުގައި މީހުން ވޯޓުލާން ނުކުންނަ ވަރު މަދުވާ ކަމަށެވެ.

މައި ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ވާނީ މިހާރަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓަކުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އިންތިހާބުތަކުގެ ޓާންއައުޓް ވިދާޅުވުމަށް ޝިޔާމް ދެން ވާހަކަ ދެއްކެވީ އިންތިހާބުތައް އޮންނަ ދުވަސްތައް ގިނަވުމުން ވަރަށް ގިނަ މައްސަލަތަކެއް އާންމުންގެ މެދުގައި ހިނގާ ކަމަށެވެ.

"ކޮމިއުނިޓީތަކުގެ ތެރޭގައި މި އުފެދޭ ސިޔާސީ އޮއިވަރަކީ، އެއް އިންތިހާބުން އަނެއް އިންތިހާބަށް ދާއިރު އާއިލާތަކުގެ ތެރޭގައި ހުންނަ މައްސަލަތަކަށް ހައްލެއް ނުވޭ. އެކަހަލަ ނުތަނަވަސްކަންތަކުގެ ތެރެއިން ރަށްރަށުގައި ހިންގަން ހުންނަ އިޖުތިމާއީ ކަންކަމާއި ސަރުކާރަކުން ފޯރުކޮށްދޭން ޖެހޭ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ހިޔަނި އެޅިގެންދޭ،" ޝިޔާމް ވިދާޅުވި އެވެ.

އިންތިހާބުތަކާއި ކެމްޕެއިންތައް ގިނަވުމަކީ ގައުމުގެ އަމާންކަން ގެއްލޭ ކަމެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.

"ސުލްހަ އާއި ސުލްހަ މަސަލަސްކަމާ ގުޅުން އެބަހުރި އިންތިހާބުތައް ގިނަވުމާ. ގައުމުގެ އެކި ތަންތަނުގެ އަމާންކަން އެބަ ގެއްލޭ. ޕާޓީތައް އިންތިހާބުތައް ތެދުވާ ތެދުވުމުގައި އިދިކޮޅުގައި ތިބޭއިރު ސަރުކާރާއި ގައުމުގެ ތަސައްވުރު ވެސް އެބަ އޮޅުވާލާ،" ޝިޔާމް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން، ވެރިކަންކުރާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ޕީއެންސީ)

'ދައުރު މެދު ތެރޭ ބަސް ބުނަން ފުރުސަތު ނުގެއްލޭ'

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވީ މި ބަދަލުގެ ސަބަބުން ވެސް ރިޔާސީ ދައުރުގެ މެދުތެރެއިން ސަރުކާރާ މެދު ދެކޭ ގޮތް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ނުގެއްލޭ ކަމަށެވެ.

އެމްޑީޕީން މި ފަހުން ވަކާލާތުކުރަމުން ދަނީ މަޖިލިސް އިންތިހާބު ދައުރުގެ މެދު ތެރެއަށް ބަދަލުކުރުމަށެވެ. ރިޔާސީ އިންތިހާބު ބާއްވާތާ ފަސް މަހެއްހާ ދުވަސް ފަހުން މަޖިލިސް އިންތިހާބު އޮންނަ އިރު، ކޮންމެ ފަހަރަކު އޭރެއްގެ ސަރުކާރުން ބޮޑު މެޖޯރިޓީއެއް ހޯދަ އެވެ.

ފަލާހް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމުން ވެސް ކައުންސިލް އިންތިހާބު އޮންނާނީ ދައުރުގެ މެދުތެރެއަށެވެ. އެހެންކަމުން ދައުރުގެ މެދުތެރެއަށް ބޮޑު އިންތިހާބަކާ އޭރެއްގެ ސަރުކާރުން ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް އިންތިހާބު ބޭއްވިއަސް، ކައުންސިލް އިންތިހާބު ބޭއްވިއަސް އޭރު އޮންނަ ސަރުކާރު ބަދަލުވަނީއެއް ނޫން. ނަމަވެސް ސަރުކާރަކަށް އެބަ ޖެހޭ މި ގޮތަށް ބަދަލުކުރުމުން ވެސް ބޮޑު އިންތިހާބަކަށް ދައުރު މެދުތެރެއިން ރައްޔިތުންނާ ހަމައަށް ދާން،" ފަލާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނާ ކައިރިއަށް ދާން ޖެހެނީ ކޮންމެހެން އިންތިހާބުތަކުގައި އެކަނި ނޫން ކަމަށެވެ. އިންތިހާބެއް ނެތިސް، ރައީސް މުއިއްޒު ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިކަމަށް ފަލާހް ވިދާޅުވި އެވެ.


ކޮމެންޓް (1)

ތެފައާސާ.

1 މާރިޗު 2026
ދެން އަނެއްހެން އެއްވެސް އިންތިޚާބެއް ނުބާއްވާގޮތަށް ހަދައި ނިންމާލަންވީނު؟ އޭރުން އާއިލާތަކާއި ރަށްރަށުގެ މުޖުތަމައުތަކުގެ ސުލްހަ އާއި އަމާންކަން އަދި މާ ގަދައަށް އޮންނާނެއެއްނު؟
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް