މިސްކިތް ހުޅުވައިދެއްވުމަށްފަހު ޝަހީމް އަދި ގާސިމް މިސްކިތަށް ވަންނަނީ؛ އެ މިސްކިތުގައި ހުކުރު ނަމާދު ކޮށްދެއްވީ ޝަހީމް
ގާސިމް މާމިގިއްޔަށް ހަދިޔާކުރި މިސްކިތް ހުޅުވައިފި
އދ. މާމިގިލީގައި، އެ ރަށުގެ ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ބިނާކުރި 'މަސްޖިދު އިބްރާހިމް' މިސްކިތް މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ހުކުރު ނަމާދަށް މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ގާސިމް އެވެ. އެ ރަސްމިޔާތުގައި މާމިގިލީގެ ކައުންސިލަރުންނާއި ރައްޔިތުން ވެސް ބައިވެރިވި އެވެ.
ތަފްސީލް - މިސްކިތް ހުޅުވައިދެއްވުމަށް ފަހު، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ޝަހީމް އެވެ.
މި މިސްކިތަކީ، ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުލޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ 800 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ އޭސީ މިސްކިތެކެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުގެ ހަރަދުގައި އިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން އިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް މިހާތަނަށް ހުޅުވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް ވެސް ވަނީ، އޭނާގެ ބައްޕަގެ ހަނދާނުގައި 'މަސްޖިދު އަލް މުހައްމަދު ގާސިމްގެ'ގެ ނަމުގައި ނ. ކުޑަފަރީގައި މިފަހުން މިސްކިތެއް ހުޅުވާފަ އެވެ.