ކުޑަފަރީގައި މެމްބަރު އަހުމަދު ސިޔާމް ބިނާކުރެއްވި މިސްކިތް - ފޮޓޯ/ލޫކަސް ޖަލީލް

މިސްކިތްތައް

ބައްޕަގެ ހަނދާނުގައި ސިޔާމް ބިނާކުރީ 'އާދަޔާހިލާފު ރީތި' މިސްކިތެއް

އެ މިސްކިތުން ފެންނަނީ އެންމެ އިހުގެ ދިވެހިންގެ ހުނަރުވެރިކަން
19 ފެބްރުއަރީ 2026
2

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކުރި މިސްކިތް މިއަދު ހުޅުއްވައިދެއްވައިފި އެވެ. މިސްކިތް ދުށް ގިނަ މީހުންގެ ނަޒަރުގައި އެއީ، އެއީ މަދުން ނޫނީ ނުފެންނަ، އާދަޔާހިލާފު ރީތި މިސްކިތެކެވެ.

"ވަރަށް ހިތްގައިމު މިސްކިތެއް. މިއީ ހަމަ ސަގާފަތަށް ލިބުނު ދިރުމެއް،" މިއަދު ހަވީރު އޮތް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވިދާޅުވި އެވެ.

ކުޑަފަރީގައި މެމްބަރު އަހުމަދު ސިޔާމް ބިނާކުރެއްވި މިސްކިތް އޭނާ ބައްލަވާ ލައްވަނީ - ފޮޓޯ/ލޫކަސް ޖަލީލް

މަސްޖިދު އަލް މުހައްމަދު ގާސިމްގެ ނަމުގައި ހުޅުވި މި މިސްކިތް ތަފާތުވަނީ، އެންމެ އިހުގެ ފަންނުވެރިކަން އެތަނުން ފެންނާތީ އެވެ. މިސްކިތުގެ ފާރުތަކުން ފެންނަނީ، ކުރީގައި ހިރިގަލުގައި ހުންނަ ޑިޒައިންތަކެވެ. ގުއްބެއްގެ ބަދަލުގައި ހުރީ މުންނާރެކެވެ. މުންނާރުގެ އެތެރޭގައި ހުރީ ވުލޫ ކުރެވޭ ގޮތަށެވެ. ލަކުޑީގެ ވަޑާމާއި ފުރާޅުން ވެސް ވެސް ހަމަ އިހުގެ ހުނަރުވެރިކަން ފެނެ އެވެ. މިސްކިތުގެ ހުރިހާ ޑިޒައިނެއް ވެސް ހުރީ އަތުން ކަނޑާ ނަގާފަ އެވެ. 

ކުޑަފަރީގައި މެމްބަރު އަހުމަދު ސިޔާމް ބިނާކުރެއްވި މިސްކިތް - ފޮޓޯ/ލޫކަސް ޖަލީލް
ކުޑަފަރީގައި މެމްބަރު އަހުމަދު ސިޔާމް ބިނާކުރެއްވި މިސްކިތް - ފޮޓޯ/ލޫކަސް ޖަލީލް

މައުރޫފް ވިދާޅުވީ ރާއްޖޭގައި ހިރިގަލުގެ މިސްކިތްތައް ނުފެންނަ ޒަމާނެއްގައި، މި ފަދަ ޑިޒައިންތައް ބޭނުންކޮށްގެން ތަން ރީތިކުރުމަކީ ސަގާފީ ފަރުމާތަކާއި އާމިޓެކްޗާއަށް ވެސް ލިބުނު ދިރުމެއް ކަމަށެވެ.

"މިތަނުން ފެންނަނީ ގޯލްޑެން ގްލޯބެއް ނުލާ ވެސް ރީތިކަން ގެނެވިދާނެކަން،" ކުޅަދާނަ އާކިޓެކްޓް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް ވެސް ވިދާޅުވީ، އެތަން ބިނާކުރުމުގައި އެންމެ އިހުގައި މިސްކިތްތައް ހަދާފައި ހުންނަ ގޮތާ ވައްތަރުކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އެތަން ހެދީ، ކުރީގެ އެ ހުނަރުވެރިކަން ހޯދައި ބަލައި ދިރާސާކޮށްގެން ކަމަށް ވިދާޅުވި އެވެ.

ކުޑަފަރީގައި މެމްބަރު އަހުމަދު ސިޔާމް ބިނާކުރެއްވި މިސްކިތް - ފޮޓޯ/ލޫކަސް ޖަލީލް

އެތަނަށް ދިޔަ ބައެއް މީހުން ބުނިގޮތުގައި މިހާރު އަޅާ މިސްކިތްތަކުން އާއްމުކޮށް ދިވެހިވަންތަކަމެއް ނުފެނެ އެވެ. އެހެންވެ، ބައްޕަގެ ހަނދާނުގައި ސިޔާމް އެޅުއްވި މި މިސްކިތް، ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށް އެ މީހުން ބުނެ އެވެ.

"އިހުގެ އާކިޓެކްޗާ ބޭނުންކޮށްގެން މިހާ ފުރިހަމަ މިސްކިތެއް އަދި ނުފެނޭ. މިތަން ވާނެ، ރާއްޖޭގެ އެންމެ ބޮޑު އެއް އެޓްރެކްޝަނަށް،" ތާރީހު ދިރާސާ ކުރުމަށް ޝައުގު ހުންނަ ޝައްމޫން ޖަލީލް ބުންޏެވެ.

ކުޑަފަރީގައި މެމްބަރު އަހުމަދު ސިޔާމް ބިނާކުރެއްވި މިސްކިތް - ފޮޓޯ/ލޫކަސް ޖަލީލް

މިއީ މާބޮޑު މިސްކިތެއް ނޫނެވެ. ތަން ބޮޑަށް ހާއްސަކޮށްފައިވަނީ ރަށަށް އަރާ ފައިބާ ދަތުރުވެރިންނަށެވެ.

ސިޔާމް މިއަދު ވަނީ ނ. ކެނދިކުޅުދޫގައި ވެސް މިސްކިތެއް ހުޅުއްވައިދެއްވާފަ އެވެ. މީގެ ކުރިން އޭނާ ވަނީ ކުޑަފަރީގައި، މަންމަގެ ހަނދާނުގައި ވެސް މިސްކިތެއް އަޅުއްވާފަ އެވެ.

ކޮމެންޓް (2)

ހުވޭދާ

20 ފެބްރުއަރީ 2026
ރަންކުލައިން ގުއްބެއް ނެތަސް މާރީތި.
1 0

ބަލާށޭ

20 ފެބްރުއަރީ 2026
ސަން ސިޔާމް ރިސޯރޓް ތަކުގެ ބީޗް ވިލާތައް ހަދަންވީ މިވައްތަރާއި ގުޅޭ ދިވެހި ސަގާފީ ގޮތްތައް ދައްކުވައިދޭ ފަރުމާ ތަކަށޭ ޖީއެކްސް ސައްޕޭ މެން ކުރަހާ ވިލާތަކަކީ އެއީ ޔޫކޭގައި ހުންނަ ގެތަކުގެ ކޮޕީސް ތަކޭ އެ އެއްގޮތަކަށް ވެސް ރީއްޗެއް ނޫނޭ މިސާލަކަށް ކޮކޯ އައިލެންޑް ގައި ހުންނަ ވިލާސް ތައް ދުރުން ބަލާލުމުން ދިވެހި ފަރުމާ ތަކެއް ގޮތަށް ސިފަވެއޭ ދިވެހި ފަރުމާ ތަކަކީ އަބަދުވެސް ވަރަށް ސިމްޕްލް އަދި އޭގެ ޚަރަދުވެސް ކުޑަ ފަރުމާތަކޭ އެކަން އިނގޭނެއޭ ބެލުމުން އިނގޭނެއޭ...
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް