އުމަރު ޒާހިރުގެ ސަންދޯން އިސްލާމީ މަރުކަޒުން ނެރެނީ: ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކަށު ނަމާދުގައި ބައިވެރިވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އުމަރު ޒާހިރު

އުމަރު ޒާހިރުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ފަސްދާނުލީ ގަލޮޅު ސަހަރާގައި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި
20 ޑިސެމްބަރު 2021
1

އުމުރުފުޅުން 85 އަހަރުގައި، ކޮވިޑް-19ގެ އާލާސްކަންފުޅުގައި މިއަދު އަވަހާރަވި އުމަރު ޒާހިރުގެ ޖަނާޒާ ބާއްވައި، ރަސްމީ އިއްޒަތުގައި، ގަލޮޅު ސަހަރާގައި ފަސްދާނުލައިފި އެވެ.

ވީ ކިހިނެއް؟ - އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވް ވީ ފުވައްމުލަކުގައި އަމިއްލަފުޅަށް އިމާރާތްކޮށްދެއްވި މިސްކިތެއް ހުޅުވަން އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތް ފަހުންނެވެ. އަދި މި މަހު 11ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަވަހާރަވީ މިއަދު މެންދުރު 2:02 ހާއިރު އެވެ.

ތަފްސީލް - ކޮވިޑް-19ގައި މަރުވާ އެންމެން ވަޅުލަނީ ހުޅުމާލެ ސަހަރާގަ އެވެ. އެގޮތުން އުމަރު ޒާހިރުގެ މޫނުފުޅު ދެއްކުން ވެސް އޮތީ އެ ސަހަރާގަ އެވެ. އެކަމަކު އިޝާ ނަމާދަށް ފަހު އުމަރު ޒާހިރުގެ ކަށު ނަމާދު ބޭއްވީ އިސްލާމީ މަރުކަޒުގަ އެވެ. އިމާމުވެ ކަށު ނަމާދު ކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. 

އުމަރު ޒާހިރުގެ ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދުގެ އިތުރުން، ދައުލަތުގެ އިސް ވެރިންނާއި، މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

އުމަރު ޒާހިރަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ގައުމަށް ގިނަ ހިދުމަތްކުރެއްވި، ދައުލަތުގެ މަތީ މަގާމްތަކެއް ފުރުއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަމުގެ ޒިންމާތައް އުފުއްލެވި އެވެ. ގައުމީ ބޮޑެތި މަޝްރޫއުތައް ހިންގެވުމާއި އެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި އިޖުތިމާއީ އަދި ގައުމީ ވަރަށް ގިނަ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު މިސާލެކެވެ.  

  • އިސްލާމީ މަރުކަޒުގައި އުމަރު ޒާހިރުގެ ކަށު ނަމާދުކުރަނީ: އިމާމުވެ ނަމާދުކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
  • ގައުމީ ހިދުމަތްތެރިޔާ އުމަރު ޒާހިރު ފަސްދާނުލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ގައުމީ ހިދުމަތްތެރިޔާ އުމަރު ޒާހިރު މަހާނަ: ގައުމަށް 50 އަހަރު ހިދުމަތްކޮށްދެއްވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެތައް ބައެއްގެ ތައުރީފާއި ލޯބި

އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ އެ މަނިކުފާނުގެ ހިދުމަތްތައް ފާހަގަކޮށް ހެޔޮ ބަސްތައް ރައްދު ކުރަމުންނެވެ. އުމަރު ޒާހިރާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ ރައީސް މައުމޫން ސިފަކުރެއްވީ އެއީ 'ގައުމީ ލެޖެންޑެއް'ގެ ގޮތުގަ އެވެ.

މައުމޫން ވިދާޅުވީ ފާއިތުވި 50 އަހަރު ރާއްޖެ ހާސިލުކުރި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އުމަރު ޒާހިރުގެ ހިއްސާ އޮންނާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އުމަރު ޒާހިރު އަވަހާރަވުމަކީ، މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. 

  • އުމަރު ޒާހިރު ގެކޮޅުގައި
  • އުމަރު ޒާހިރު (މ) ގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އުމަރު ޒާހިރުގެ ދަށުން ވަރަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަބްދުލް ހަމީދު އަލީއާ އެކު ފުވައްމުލަކު މިސްކިތު ބޭރުގައި
  • އުމަރު ޒާހިރު އޮފީހުގެ މަސައްކަތުގައި ބުރަކޮށް

ކުރީގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އުމަރު ޒާހިރަކީ ޒަމާނީ ރާއްޖެ ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ހިއްސާދާރެކެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް އުމަރު ޒާހިރުގެ ބައިވެރިވުން ފެންނަން ހުރި ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އުމަރު ޒާހިރުގެ ހިދުމަތްތަކާއި ހަނދާން އާކޮށް، މަސައްކަތްތަކަށް ޝުކުރުއަދާކުރަމުންނެވެ. އަދި އުމަރު ޒާހިރުގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ސިކުނޑި

20 ޑިސެމްބަރު 2021
އެއްޗެއްގެ އަގު ވަޒަން ކުރެވޭނީ އެ އެއްޗެއް ބީވެގެން ދިއުމުންނެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް