އުމަރު ޒާހިރު (މ) ގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އުމަރު ޒާހިރުގެ ދަށުން ވަރަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަބްދުލް ހަމީދު އަލީ، އުމަރު ޒާހިރު އިމާރާތްކޮށްދެވި މިސްކިތުގެ ބޭރުގައި

އެންމެން އުމަރު ޒާހިރު ހަނދާންކުރުމުގައި، އެހާމެ ލޯތްބާ އެކު

އުމަރު ޒާހިރަކީ ގިނަ ބަޔަކާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް. މިއަދު ސޯޝަލް މީޑިއާ ފުރާލާފައިވަނީ އޭނާގެ ހެޔޮ ވާހަކަތަކުން
20 ޑިސެމްބަރު 2021

އުމަރު ޒާހިރު އަވަހާރަވުމާ އެކު، ރައީސުން ފެށިގެން އެންމެ އާދައިގެ މީހުންގެ ހިތްތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. މުޖުތަމައުގެ ވަކި ފަންތިއެއް ނެތެވެ. އެ މަނިކުފާނުގެ ހަނދާންތައް ވަރަށް ގިނަ ބަޔަކު އަންނަނީ އާކުރަމުންނެވެ.

"އޮއްސިގެން ދިޔައީ ހާދަ އަލިގަދަ ތަރިއެކެވެ. ގެއްލިގެން ދިޔައީ ހާދަ ބޮޑު ހިދުމަތްތެރިއެކެވެ،" ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

"އުމަރު ޒާހިރުގެ ހަޔާތްޕުޅުގައި ގައުމީ ހިދުމަތް ނޫން ކަމެއް ނުފެނެ އެވެ."

އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނި 'ރަނގަޅަށް ބައްޓަން ކުރުމުގައި އުމަރު ޒާހިރުގެ ދައުރު ބޮޑު ކަމަށެ'ވެ. އަދި އެއީ މުޅި ގައުމަށް ރަނގަޅު ރޯލްމޮޑެލްއެއް ކަމަށް ވެސް ސިފަކުރެއްވި އެވެ. 

ކުޅިވަރާއި ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގި މުހިއްމު ހުރިހާ ކަމެއްގައިހެން، އުމަރު ޒާހިރު ވަނީ ބޮޑު ރޯލެއް އަދާކުރައްވައިފަ އެވެ. އެހެންވެ، އޭނާ އަވަހާރަވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.

"އެއީ ގައުމީ ލެޖެންޑެއް،" ކުޅިވަރުގެ ދާއިރާއަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި، މަހްލޫފް ވިދާޅުވި އެވެ.

އުމަރު ޒާހިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ހުޅުމާލޭ ބިން ހިއްކި އިރު

އުމަރު ޒާހިރުގެ އަމިއްލަފުޅަށް އެންމެ ފަހުން ކުރެއްވި މަސައްކަތަކީ މިސްކިިތެއް ބިނާކުރެއްވުމެވެ. ކޮވިޑް ޖެހިވަޑައިގެން އެޑްމިޓްކުރުމުގެ ކުރިން ފުވައްމުލަކުގައި އިމާރާތް އެ މަނިކުފާނު އިމާރާތްކުރެއްވި މިސްކިތް ހުޅުވަން ވަޑައިގަތެވެ. އާލާސްކަންފުޅު ޖެހިވަޑައިގަތީ އެ ދަތުރަށް ފަހު އެނބުރި ވަޑައިގަތުމާ އެކު އެވެ.

މިސްކިތް ހުޅުވުމުގައި އުމަރު ޒާހިރާ އެކު އެންމެ އަރިސްކޮށް އުޅުއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ދެ ބޭފުޅުން އެކުގައި މިސްކިތް ހުޅުވާ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކުރައްވަމުން ޝަހީމް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އުމަރު ޒާހިރާ ބައްދަލުވި ކަމަށެވެ. އަދި ސުވަރުގެ ދެއްވާތޯ ދުއާކޮށްދެއްވަން އެދިވޑައިގެންނެވި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އެމަނިކުފާނު ވަކިވެ ދިޔުމަކީ ހިތާމައެއް،" ޝަހީމް ވިދާޅުވި އެވެ.

ޅެންވެރިޔާ އަދި ދިވެހި ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ އާދަމް ނަސީރު އިބްރާހިމް އާކުރެއްވީ ވެސް އުމަރު ޒާހިރުގެ އުފާވެރި ހަނދާނެކެވެ. މާލޭގެ ތާރީހާ މެދު އޭނާ ލިޔުއްވަމުން ދިޔަ ފޮތަކަށް މައުލޫމާތު ހޯދަން އިންޓަވިއުއަކަށް ގުޅުއްވުމުން ވިދާޅުވި މަޖާ ވާހަކަފުޅެކެވެ.

"ކަމެއް ކުރަން ބޭނުން ނޫނިއްޔާ ކޮމިޓީއެއް ހަދާށެވެ. އޭރުން ގިނަގިނައިން ސައި ބޮވޭނެ އެވެ،" އުމަރު ޒާހިރު ވިދާޅުވި ކަމަށް ނަސީރު ލިއުއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އިންޓަވިއުގައި އުމަރު ޒާހިރު ވަނީ އަގުހުރި އެތައް މައުލޫމާތުތަކެއް ހިއްސާކުރައްވައިފަ އެވެ.

އުމަރު ޒާހިރުގެ އާއިލާއަށް ނިސްބަތްވާ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ވެސް ބޭބެގެ ގާތްކަން، ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.

މިހާރު ސިންގަޕޫރުގައި ދިރިއުޅޭ، އިސްމާއިލް ބުނީ ޓީވީއިން އޭނާގެ ލަވައެއް ދައްކާ ކޮންމެ ފަހަރަކު އުމަރު ޒާހިރު ގުޅުއްވާނެ ކަމަށެވެ. އަބަދުވެސް ވިދާޅުވާނީ، އޭނާ ބުނިގޮތުގައި، 'އިސްމާއީލްގެ ލަވައެއް އެބަ ޓީވީން ދައްކައޭ، ވަރަށް ރީތި' ކަމަށެވެ.

އެންމެ ފަހުން އޭނާ ގާތު ވިދާޅުވި ވާހަކަ އަކީ ވެސް، ރަނގަޅު އަހުލާގާއި ލޯތްބާ އެކު ދަރިން ބޮޑެތި ކުރުމުގެ ވާހަކަފުޅެވެ.

މިއަދު ސޯޝަލް މީޑިއާ ފުރިފައިވަނީ މި ހިދުމަތްތެރިޔާއާ ބެހޭ އެފަދަ އެތައް ވާހަކައަކުންނެވެ. މިއިން ކޮންމެ ވާހަކައަކުން ވެސް ގައުމަށް ކޮށްދެއްވި ހިދުމަތްތަކާއި ދެއްވި ނަސޭހަތްތަކާއި ބެހެއްޓެވި ގާތްކަން ހާމަވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް