ފުލުހުންގެ އޮފިސަރެއް އާއިލާއެއްގެ ކައިރީ މަޑުކޮށްލައިގެން (ފޮޓޯ/ޕޮލިސް)

ގެވެށި އަނިޔާ

ގެވެށި އަނިޔާއިން ރައްކާތެރިކަން ދޭ އަމުރާ ގިނަ ބަޔަކު ދަނީ ހިލާފުވަމުން: ޕޮލިސް

ފުލުހުން ބުނީ މިދިޔަ އަހަރު ވެސް މި ފަދަ 99 މައްސަލައެއް ވަނީ ހުށަހަޅާފައި
19 ފެބްރުއަރީ 2026

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލު ތަކުރާރުވެދާނެ ކަމުގެ ބިރު އޮތް ހާލަތުގައި، އަނިޔާ ލިބޭ މީހާގެ ރައްކާތެރިކަމަށް ނެރޭ އަމުރެކެވެ.

ގާނޫނުގައި އޮންނަ ގޮތުން އެއީ: 

  • ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމާއި އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ނެރޭ އަމުރެއް

  • އެ އަމުރު މެދުވެރިކޮށް، އަނިޔާ ކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރާކަށް ނާންގާނެ

ފުލުހުން ބުނީ މިދިޔަ އަހަރު ވެސް މި އަމުރާ ހިލާފުވެގެން 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން 38 މީހަކު ހައްޔަރުކުރި ކަމަށް ބުންޏެެވެ.

ފުލުހުން ބުނިގޮތުގައި:

  • މި އަމުރާ ހިލާފުވެއްޖެ ނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ

  • އެގޮތުން މި ފަދަ 24 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައި

ފުލުހުން ވަނީ ކޯޓުތަކުން ނެރޭ މި ފަދަ އަމުރުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް