ސުޕްރީމް ކޯޓް (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

އީސީން ބަލައިނުގަތް ކެންޑިޑެސީއެއް ބަލައިގަންނަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ތުލުސްދޫ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ސޫޒަންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ 2006ގައި އޭނާ ދަރަންޏެއް ދައްކަން ކޯޓުން ކުރި ހުކުމަކަށް ބަލާފައި؛ ނަމަވެސް އެ ދަރަނި ދައްކައި ނިންމައި 2021ގައި ބޭއްވި އިންތިހާބުގައި ވެސް އޭނާ ވާދަކުރި
17 ފެބްރުއަރީ 2026

އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކެންޑިޑެސީ ބަލައިނުގަތް މައްސަލައެއްގައި ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - އީސީން ކެންޑިޑެސީ ބަލައިނުގަތުމުން މިހާރު ކޯޓު މަރުހާލަގައިވާ ދެ މައްސަލައާ ގުޅިގެން، ކ. ގުރައިދޫ އާއި ކ. ތުލުސްދޫގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ކަނޑައަޅަން ގުރުލާފައެއް ނުވެ އެވެ. އެހެން ހުރިހާ ރަށެއްގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ގުރުއަތުން ކަނޑައަޅައި މިހާރު ވަނީ ތަރުތީބުކޮށްފަ އެވެ.

ތަފްސީލް - ކެންޑިޑެސީއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާ ހަމައަށް ދިޔަ ދެ މައްސަލައަކީ:

  • ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ކުރިމަތިލި އަބްދުލްމަޖީދު، ރިނދަލިގެ/ގުރައިދޫ، ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައެއް

  • ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައެއް

ސުޕްރީމް ކޯޓުން މިއަދު ނިންމީ:

  • ކ. ތުލުސްދޫގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިގަތުމަށް

  • ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި އަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމީ ރަނގަޅަށް ކަމަށް

ސޫޒަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ:

  • އީސީން ކެންޑިޑެސީ ބަލައިނުގަތީ ފިނޭންސް މިނިސްޓްރީއަށް 12،000ރ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ދެއްކިކަން އަންގައިދޭ މިނިސްޓްރީގެ ލިޔުމެއް ހުށަހަޅާފައި ނެތުމުން ކަމަށް

  • ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދެއްކިކަމާއި ދަރަަނީގެ ރެކޯޑު ސާފުވެފައިވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިން ލިޔުންތަކުން އެނގޭ

  • އޭގެ އިތުރުން ޑީޖޭއޭން ސާފުކޮށްދީފައިވާ ރެކޯޑާ އެކު ސޫޒަން 2021ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްފައި ވެސް ވޭ

ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި އަބްދުލްމަޖީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކުރީ، މުޅި އުމުރު ދުވަހުގެ ދަރަނީގެ ރެކޯޑު އޭނާ ހުށަހަޅާފައިނެތްކަން އެނގޭ އިރު، އިންތިހާބަށް ކުރިމަތިލާން ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތެއް ހުށަހަޅާފައި ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް