މާލެ ސިޓީގެ އަންހެނުންގެ ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލި ކެންޑިޑޭޓުން ގުރުއަތުން ލިބުނު ނަންބަރާއެކު ހުއްޓިލައިގެން (ފޮޓޯ/ ޕީއެސްއެމް)

ދެ ރަށް ފިޔަވައި ހުރިހާ ރަށެއްގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ގުރު ކުރިއަށްނުގެންދާ ދެ ރަށަކީ ކ. އަތޮޅު ގުރައިދު އާއި ތުލުސްދޫ؛ އެ ދެ ރަށަށް ކުރިމަތިލި ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައެއް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުން
12 ފެބްރުއަރީ 2026

އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ކަނޑައަޅަން ގުރުއަތުލުން މިއަދު ކުރިއަށް ގެންގޮސްފި އެވެ. ދެ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.

ވީކިހިނެއް؟ - ކެންޑިޑޭޓު ނަންބަރު ކަނޑައަޅަން ގުރުއަތުލުން ކުރިއަށް ގެންދިޔައީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގަ އެވެ. މާލޭގައި ކުރިއަށް ގެންދިޔައީ އިންތިހާބާ ބެހޭ މަރުކަޒުގަ އެވެ.

ތަފްސީލް - މާލޭގައި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ފަހު، އީސީގެ ރައީސް މުހައްމަދު ޒާހިދު "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކ. ތުލުސްދޫ އާއި ކ. ގުރައިދޫ ފިޔަވައި އެހެން ރަށްރަށުގައި ގުރުއަތުލުން ގެންދެވިފައިވާ ކަމަށެވެ.

އެ ދެ ރަށުގައި ގުރުއަތުލުން ނުގެންދިޔައީ ކޯޓުގައި އިންތިހާބީ މައްސަލަތަކެއް ހުރުމުން ކަމަށް ޒާހިދު ވިދާޅުވި އެވެ. މި ވަގުތު ސުޕްރީމް ކޯޓުގެ މަރުހަލާގައި އޮތް ދެ މައްސަލަ ނިމުމުން އެ ރަށުގައި ވެސް ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 2،994 ކެންޑިޑޭޓުންގެ ފޯމު ކޮމިޝަނުން ބަލައިގަތް ނަމަވެސް ގުރުއަތުލުމުގެ ކުރިން 67 ކެންޑިޑޭޓުން ނަން އަނބުރާ  ގެންގޮސްފައިވެ އެވެ.

އެހެންވެ ކެންޑިޑޭޓުންގެ އަދަދު މިހާރު ވަނީ 2،927އަށް މަދުވެފަ އެވެ. ކޯޓު މަރުހަލާގައި އޮތް ދެ މައްސަލަ ނިމޭ ގޮތަކުން ލިސްޓަށް ދެ ކެންޑިޑޭޓަކު އިތުރުވުމަކީ ވެދާނެ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް