ޕީއެންސީގެ މާފަންނު ކެމްޕޭން ޖަގަހަ، ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ރޭ ހުޅުއްވައިދެއްވަނީ (ފޮޓޯ/އެމްއެމްޓީވީ)

ގައުމު ހިންގުމުގައި ކުރިމަތިވަނީ އެމްޑީޕީން ކުރި އުނދަގޫތައް: ނައިބު ރައީސް

ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި ގައުމު ސަލާމަތުގެ އައްސޭރިއަށް މި ދަތުރުކުރެވެނީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ތޫނުކަމުން
17 ފެބްރުއަރީ 2026
1

ގައުމު ހިންގުމުގައި ރައީސް މުހައްމަދު މުއިއްޒަށް އެންމެ ބޮޑަށް ކުރިމަތިވެވަޑައިގަންނަވަނީ އެމްޑީޕީން ކުރި "އުނދަގޫތައް" ކަމަށް ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކައުންސިލް އިންތިހާބަށް ޕީއެންސީގެ މާފަންނު ކެމްޕެއިނު އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއަދު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން، ކުރީގައި ނިންމެވި ނުބައި ނިންމުންތަކުގެ ސަބަބުން، ބޮޑެތި ގޮންޖެހުންތަކެއް ސަރުކާރަށް ކުރިމަތިވި ކަމަށެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި:

  • ގައުމު ބައްޓަން ކުރުމުގައި އެމްޑީޕީން އަބަދުވެސް އިސްކުރަނީ އެ މީހުންގެ އަމިއްލަ ފިކުރު

  • އެމްޑީޕީ ބޭނުންވި ގޮތަށް ހުރިހާ ކަމެއް ދިޔަ ނަމަ، ގައުމު އަނެއްކާވެސް އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެން ދާނެ

"ކޮން ފަދަ ނުބައި ނިންމުންތަކެއްތޯ ނިންމައިގެން އެ ތިބީ؟ އޭރުގެ އެ ކަންކަން ބޭނުންވި ގޮތަށް ނިމިގެން ދިޔަ ނަމަ އަޅުގަނޑުމެން ވެއްޓިގެންދާނީ ކިހާ ބޮޑު އަނދަވަޅަކަށްތޯ؟ އުފެދިގެންދާނީ ކިހާ ބޮޑު ހަމަނުޖެހުންތަކެއްތޯ؟" ހުސެން ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕް ކުރަން އުޅުމުން އެކަން ނުކުރުމަށް އޭރު އެމަނިކުފާނު ވެސް މަޖިލީހުގައި ވަކާލާތު ކުރެއްވި ކަމަށް ވިދާޅުވި އެވެ. އެކަމަކު ހައްދެއް ނެތް މިންވަރަށް އެމްޑީޕީއިން ފައިސާ ޗާޕު ކުރިކަމަށާއި އޭގެ ދަތިކަން މި ސަރުކާރުން ވެސް ތަހައްމަލު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ގައުމު ސަލާމަތުގެ އައްސޭރިއަށް މި ދަތުރުކުރެވެނީ، ރައީސް މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމުންނެވެެ.

"އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ރައްޔިތުންގެ އިހުސާސްތައް. ގައުމު ހިންގަން އެނގިވަޑައިގަންނަވާ. ވެރިކަން ލިބިވަޑައިގަތުމަށް ފަހު އިގްތިސޯދަށް ބޭނުންވާ ފައިސާ ހޯއްދެވުމުގައި ކުރިމަތިވެ ވަޑައިގެންނެވި ކަންކަމަކީ މީގެ ކުރިން ދުވަހަކު ވެސް ބޭފުޅަކަށް ކުރިމަތިނުވާ، އުނދަގޫ މަރުހަލާތަކެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

ހުސެން ވިދާޅުވީ އެ އުނދަގޫތަކާ އެކުގައި ވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަމެއް އަޔަނުދީ، ބާރު ސްޕީޑުގައި ކަންކަން ކުރެއްވުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.


ކޮމެންޓް (1)

ކޮސް

17 ފެބްރުއަރީ 2026
މަނިކުފާނުވެސް ތިޔަކަހަލަ ދިއުޅިއެއްނުވާ ވާހަކަ ދައްކަވަން ޖެހެނީ ވެރިމީހާ ދެކެބިރުފުޅުން. ޤައުމު ހިނގާގޮތް ރަނގަޅުވެގެނެއްނޫން. ނައިބުރައީސަށްވެސް މިހާތަނަށް ޝައްކުގެ ލޮލުން ބަލާ ހަމައެކަނި ރައީސަކީ މުއިއްޒު.....
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް