ނޫސްވެރިޔާ އަހްމަދު ރިލްވާން މައްސަލައިގައި އިންސާފަށް އެދި ބޭއްވި ހިނގާލުމެއްގައި އާއިލާގެ މެންބަރުން ބައިވެރިވަނީ (ފައިލް ފޮޓޯ/ޝާރި)
ޔާމީންގެ މަރު: ލައިވްކޮށް ދައްކާ ގޮތަށް ޝަރީއަތް އަލުން ފަަށައިފި
ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހުކުމް ބާތިލުކޮށް އަލުން ބަލަން އެންގުމުން އެ ޝަރީއަތް ވަގުތުން ދުރަށް ދައްކާ ގޮތަށް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް ޔާމީން މަރާލުމުގެ ކުށް ސާބިތުވީ، ދެ މީހުންގެ މައްޗަށް އެކަންޏެވެ. އެ ދެ މީހުންނަކީ:
-
އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ
-
އަހުމަދު ޒިހާން އިސްމާއިލް، ހުޅުމާލޭ ލޮޓް 11399
ކުށް ސާބިތުވި މި ދެ މީހުންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، މިދިޔަ ޑިސެމްބަރުގައި ހައި ކޯޓުން ވަނީ، ކުށް ސާބިތުވާކަމަށް ހައިޝަމް އާއި ޒިހާންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.
ތަފްސީލް - އެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ފަށަން ބާއްވާ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ވަގުތުން މިހާރު ދަނީ ދައްކަމުންނެވެ.
މި މައްސަލައިގެ ބެންޗުގައި ތިއްބެވީ:
-
ގާޒީ އިބްރާހިމް އިހުސާން
-
ގާޒީ މުހައްމަދު މިސްބާހު
-
ގާޒީ އަލީ ނަދީމް
އެނގުން މުހިންމު - އެ މަރަށް ފަސް އަހަރު ފަހުން 2022ގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ކުށް ސާބިތުނުވާ ކަމަށް ނިންމި ހަތަރު މީހުންގެ ތެރެއިން، ޕީޖީ އޮފީހުން، އިސްތިއުނާފް ކޮށްފައިވަނީ ދެ މީހުންގެ މައްސަލަ އެކަންޏެވެ. އެ ދެ މީހުންނަކީ:
-
މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ
-
އިސްމާއިލް ރަޝީދު މ. ތާއިފް
މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ވެސް ބާތިލުކޮށް، އަލުން ބަލަން ވަނީ އަންގާފަ އެވެ.