މިއަދު ބޭއްވި ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ އިސް ދެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/މަޖިލިސް)

ޕެންޝަން އޮފީސް

އާ އިސްލާހުތަކުގެ ސަބަބުން ޕެންޝަން ފަންޑަށް އަސަރެއް ނުކުރާނެ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުން ބުނީ ޕެންޝަން ގާނޫނަށް ހުށައަޅާފައި ވަނީ މި ވަގުތަށް މުހިންމު ބަދަލުތަކެއް ކަަމަށް
16 ފެބްރުއަރީ 2026
3

ޕެންޝަނާ ގުޅޭ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ސަބަބުން، ޕެންޝަން ފަންޑަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟- ޕެންޝަނާ ގުޅޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން މިއަދު ވަނީ ކަމާ ގުޅޭ އިދާރާތަކާ އެކު ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާކޮށްފަ އެވެ. ޕެންޝަން އޮފީހުގެ އިތުރުން ދެން އެ ބައްދަލުވުމުގައި ބައިވެރިވީ ފިނޭންސް މިނިސްޓްރީ އާއި މީރާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި އެ ބައްދަލުވުމުގައި، ޕެންޝަން އޮފީހުގެ އޮފިޝަލުން ވަނީ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި އެއީ މި ވަގުތަށް ބޭނުންތެރި ނިންމުންތަކެކެވެ.

ޕެންޝަން ގާނޫނަށް ގެންނަ ބައެއް އިސްލާހުތައް:

  • ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ދޫކުރުން

  • ގެދޮރު ގަތުމާއި މަރާމާތުކުރުމަށް ބޭނުންވާ ޑައުންޕޭމަންޓް ފައިސާ، އެ މީހެއްގެ ނަމުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ދޫކުރުން 

  • 65 އަހަރު ވެ، ރިޓަޔާކޮށްފައި ހުންނަ މީހުން ހައްޖަށް ދާން ބޭނުންވެގެން، ހައްޖު ކޯޕަރޭޝަނުގެ ކިޔުއަށް އެރުމަށް ޖާގަ ރިޒާވްކުރަން ޕެންޝަން ފަންޑުން ފައިސާ ދޫކުރުން

މި އިސްލާހުތަކުގެ ސަބަބުން ޕެންޝަން ފަންޑުގެ އަސްލު މަގްސަދު ހާސިލް ނުވެ ހިނގައިދާނެތޯ، ބައެއް މެމްބަރުން ވަނީ ސުވާލުކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން، ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީ ވިދާޅުވީ ޕެންޝަން ފަންޑުގެ މައިގަނޑު މަގްސަދަކީ ރިޓަޔާމެންޓަށް ފައިސާ އެއްކޮށްފައި ބެހެއްޓުން ކަމަށާއި އެއަށް މަގުފަހިވާނެ ގޮތަކަށް ކަންކަން ހުރެފައި، އެހެން އިސްލާހުތައް ގެނައުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެއީ ފަންޑުގެ މަގްސަދާ ހިލާފުވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޖަށް ދާން ޕެންޝަން ފަންޑުން މިހާރު ވެސް ފައިސާ ބޭނުން ކުރެވޭނެ ކަމަށެވެ. އަލަށް ގެނައި އިސްލާހަކީ، 65 އަހަރު ވާ ފަހުން ވެސް އެ ފުރުސަތު ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފިކުރީ ވިދާޅުވި ގޮތުގައި ޕެންޝަން ނެގުމުގެ ބަދަލުގައި އެ މީހަކު އަމިއްލައަށް އެ ހިޔާރުކުރަނީ، ހައްޖަށް ދާން ކިޔުއިން ޖާގަ ހޯދަން ރިޒާވްކުރާނެ ފައިސާ އެވެ.

ގެދޮރު އިމާރާތް ކުރުމަށް ނުވަތަ މަރާމާތު ކުރުމަށް ފައިސާ ދޫކުރަނީ ވެސް، ޕެންޝަން ދޭ އުމުރު ހަމަވާން ވާއިރަށް، އެ ފައިސާ އަނބުރާ ފަންޑަށް ވަންނަ ގޮތަށް ނުވަތަ އެ ލޯނު ހަލާސްވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ޕެންޝަން ދިނުމަށް މިއިން އެއްވެސް ކަމަކުން އަސަރެއް ނުކުރާނެ،" ފިކުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާހުގައި ހިމަނާފައިވަނީ ބަދަލުކުރަން ޖެހޭ ކަންކަން ކަމަށެވެ. ޕެންޝަން އޮފީހުގެ މަގްސަދަކީ ވީހާވެސް ޕޮޒިޓިވްކޮށް، އާއްމުންނަށް ކަންކަން ފަހިކޮށްދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (3)

ތެފައާސާ.

17 ފެބްރުއަރީ 2026
މިސާލަކަށް ޕެންޝަން ފަންޑު އެކީ އެކަށް ނަގައި ޕީއެންސީގެ ކެމްޕޭނަށް ޚަރަދުކުރަން ސަރުކާރުން ނިންމައި، އެ ނިންމުމާއިމެދު ސުވާލުކުރަން ޕެންޝަން އޮފީހުގެ ބޭކަލުން މަޖިލީހަށް ހާޒިރުކުރިޔަސް ބުނާނެ، އެކަމުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް އަސަރެއް ނުކުރާނެއޭ. އެ ފެންވަރުގައި ބޮޑެތި ސިންގާ މުއައްސަސާތަކުގެ ވެރިން މި ތިބެނީ.
3 0

ރަންބިސް

16 ފެބްރުއަރީ 2026
ތި ފަންޑަކީ ވަރަށްބޭކާރު ފަންޑެއް. ސިވިލްސާވެންޓުން މުސްކުޅިވާ ދުވަހު ސަލާން ޖަހަން ނުކުންނަށް ޖެހޭ ފަންޑެއް!
1 2

ބިސް ކަޅުލަސް

17 ފެބްރުއަރީ 2026
@ރަންބިސް އޭރުން އޭތިކޮޅުވެސް ލިބޭތާ. ނޫނީ ހަމަ ބޭނުމީ މުސްކުޅިވާ ދުވަހުވެސް ސިޓީފުޅު ހިފައިގެން ސަލާންޖެހުން ދޯ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް