ސުޕްރީމް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އީސީން ކެންޑިޑެސީ ބަލައިނުގަތް 2 މައްސަލައެއް ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ

ކ. ގުރައިދޫ އާއި ކ. ތުލުސްދޫ ފިޔަވައި އެހެން ރަށްތަކުގެ ކެންޑިޑޭޓުންގެ ނަންތައް އީސީން މިހާރު ވަނީ ތަރުތީބުކޮށްފައި؛ މި ދެ ރަށުގެ ކެންޑިޑޭޓުންގެ ނަންބަރު ގުރުލުން ގެންދާނީ މާދަމާ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން
16 ފެބްރުއަރީ 2026

އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކެންޑިޑެސީ ބަލައިނުގަތް ދެ މައްސަލައެއްގައި މާދަމާ ގޮތެއް ނިންމައި ހުކުމްކުރުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

ވީކިހިނެއް؟ - އީސީން ކެންޑިޑެސީ ބަލައިނުގަތުމުން މިހާރު ކޯޓު މަރުހާލަގައިވާ ދެ މައްސަލައާ ގުޅިގެން ކ. ގުރައިދޫ އާއި ކ. ތުލުސްދޫގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ކަނޑައަޅަން ގުރުލުން ގެންގޮސްފައެއް ނުވެ އެވެ. އެހެން ހުރިހާ ރަށެއްގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ގުރުލައިގެން ކަނޑައަޅައި މިހާރު ވަނީ ތަރުތީބުކޮށްފަ އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދެ މައްސަލައަކީ:

  • ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތިލި އަބްދުއްމަޖީދު، ރިނދަލިގެ/ގުރައިދޫގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައެއް

  • ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައެއް

އޭގެ ތެރެއިން އަބްދުއްމަޖީދު ހުށަހެޅި މައްސަލައިގެ ހުކުމްކުރުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. އެ ގޮތުން:

  • މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން

  • އެއީ ހުސައިން ޝަހީދު، އައިޝާ ޝުޖޫން މުހައްމަދު އަދި މުހައްމަދު ސަލީމް

ފާތިމަތު ސޫޒަން ހުށަހެޅި މައްސަލައިގެ ހުކުމްކުރުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ. އެ ގޮތުން:

  • މި މައްސަލަ ވެސް ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން

  • އެއީ އަބްދުﷲ ހަމީދު، ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދު ހުސައިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް