2024 ވަނަ އަހަރު ބޭއްވި މުބާރާތެއްގައި ލިބުނު އެއްވަނަ އަާއެކު އުމައިރު(މ) ލިބުމުން ފޮޓޯއަކަށް ހުއްޓިގެން

ކުޅިވަރު

އުމައިރު އަކީ ހުނަރުވެރި ކުޅުންތެރިއެއް: ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް

މަހުލޫފް ވިދާޅުވި ގޮތުގައި އުމައިރު އެ އެވޯޑަށް ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވާތީކީ ނޫން، އެކަމަކު އޭނާގެ ހުނަރުން
14 ފެބްރުއަރީ 2026

ސްޕޯޓްސް މިނިސްޓްރީގެ ކުޅިވަރު އެވޯޑަކަށް ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟-  އުމައިރު ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީ އަށެވެ. މި ކެޓަގަރީއަށް އޭނާ ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ރައީސްއެއްގެ ބޭފުޅަކު ފުރަތަމަ ފަހަރަށް މި ފަދަ އެވޯޑަކަށް ނޮމިނޭޓްވިއިރު، އެއާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެކަމަކު އެމްޑީޕީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަދި މިހާރު ޖަޕާނުގެ ސަފީރު ކަމުގެ މަގާމުގައި ހުންނެވި މަހުލޫފް ވަނީ އުމައިރުގެ ހުނަރަށް ތައުރީފް ކުރައްވާފަ އެވެ.

2024 ވަނަ އަހަރު ބޭއްވި މުބާރާތެއްގައި އުމައިރު އެއްވަނަ ލިބުމުން (ކ) ފޮޓޯއަކަށް ހުއްޓިގެން

އޭނާ ވިދާޅުވި ގޮތުގައި:

  • އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއް

  • އަދި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް

  • 2024 ވަނަ އަހަރު އޭނާ ވަނީ ކާމިޔާބީތަކެއް ހޯދާފައި 

  • އަދި އެއީ އެމްޑީޕީގެ ވެރިކަމުގައި ހިންގި އަރުތަ ޕްރޮގްރާމްގައި ހިމެނުނު އެތުލީޓެއް

މަހުލޫފް ވިދާޅުވީ އެ އެވޯޑަށް އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި އެއީ އެންމެ ކުޑައިރުއްސުރެ އޭނާ ކުރި މަސައްކަތުން ކަމަށެވެ.

"ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވި އެވެ.

ފާޑުކިޔުންތަކާ ގުޅިގެން ޕީއެންސީގެ ބައެއް އެކްޓިވިސްޓުން ވެސް އަންނަނީ އުމައިރުގެ ކާމިޔާބީތައް ކިޔައިދީ، އެ އެވޯޑު އޭނާއަށް ހައްގުކަމަށް ބުނަމުންނެވެ. އެ މީހުންގެ ނަޒަރުގައި އެއީ މިދިޔަ އަހަރުތަކުގައި އުމައިރު ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ.

އެނގުން މުހިއްމު- އުމައިރާ އެކު ދެން އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ފިރިހެން ކެޓަގަރީގެ އެވޯޑަށް އެ އެސޯސިއޭޝަނުން ނޮމިނޭޓްކޮށްފައިވަނީ ޒީކް ހަސަން ލަތީފެވެ.

އޭގެ އިތުރުން، ބޯޑީބިލްޑިން އެސޯސިއޭޝަން (ބީބީ)ގެ ފަރާތުން ދެ ކުޅުންތެރިއަކާއި ސްވިމިން އެސޯސިއޭޝަން (އެސްއޭއެމް)އިން ކުޅުންތެރިއަކު ނޮމިނޭޓްވެފައިވެ އެވެ. އެއީ:

  • މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް)

  • އިޔަން އަހުމަދު (ބީބީ)

  • މުހައްމަދު އަޒާން އަހްމަދު (ބީބީ)

މި ކެޓަގަރީއަށް ރާއްޖޭގެ އެއް ވަނަ ކުޅިވަރު، ފުޓްބޯޅައިން އެއްވެސް ކުޅުންތެރިއަކު ނޮމިނޭޓްވެފައެއްނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް