ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: އެ ހޮސްޕިޓަލުގައި އޮތް ހާލު ބޮޑު ބަލި މީހަކަށް ލޭ ހޯދައިދިނުމަށް އޭނާގެ ކޮއްކޮ ދެއްކީ އާދަޔާހިލާފު ހިތްވަރެއް(ފައިލް ފޮޓޯ)

ލޯބީގެ މިސާލެއް: ދައްތައަށް ލޭ ހޯދައިދިނީ 5 ރަށުން މީހުން ގެނެސްގެން

ހާލު ސީރިއަސްވެފައިވާ ދައްތައަށް ލޭ ހޯދައިދިނުމަށް ކޮއްކޮ ދެއްކީ އާދަޔާހިލާފު ހިތްވަރެއް
12 ފެބްރުއަރީ 2026
4

"ދައްތައަކީ އަޅުގަނޑުގެ މަންމަ. މަންމައަށްޓަކައި ނޫފުލާނެ ބުރައެއް އޮންނާނެތޯ،" މުހައްމަދު އަލީ އެހި އެވެ.

އޭނާ ހުރީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އެއްބަނޑު އެއްބަފާ ދައްތަ ވަފިއްޔާ އަލީ، 43، ކުއްލިއަކަށް ބަލިވުމުން، އޭނާގެ ހިދުމަތުގަ އެވެ. މާލޭގައި ވަޒީފާ އަދާކުރިޔަސް، ދައްތަ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ހަބަރު ލިބުމުން، ހަމަ ވަގުތުން ފުރައިގެން އައީ އެވެ.

އެކަމަކު ގިނަ ބައެއްގެ ސަމާލުކަމަށް އައީ، ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ވަފިއްޔާއަށް ލޭ ހޯދައިދިނުމަށް އޭނާގެ ކޮއްކޮ ކުރި ހިތްވަރެވެ. ވަރަށް މަދު ބްލަޑް ގުރޫޕެއް ކަމަށްވާ، އޭބީ ނެގެޓިވް ލޭ ހޯދަން، ރައްޓެހިންގެ ބަހުން ނަމަ، މުހައްމަދު އަލީ ނުގުޅާ މީހަކު ނެތެވެ. މި ދެތިން ރޭ އޭނާ ހުރީ ނުނިދަ އެވެ. ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މީހަކު ލިބިއްޖެއްޔާ ގެންނަން އޭނާ ހުރީ ތައްޔާރަށެވެ.

މުހައްމަދު ބުނި ގޮތުގައި، ދައްތަ ހާލު ސީރިއަސް ވެގެން ޑޮކްޓަރުން އެންމެ ފުރަތަމަ އެންގީ ހަ މީހުންގެ ލޭ ހޯދުމަށެވެ. އެ މީހުން ހޯދަން އޭނާ މުޅި އުތުރުގައި އަތް ފުނާ އަޅަން ޖެހުނެވެ. އެ މަސައްކަތުން އޭނާއަށް މީހުން ލިބުނީ ފަސް ރަށަކުންނެވެ. އެއީ ހއ. ދިއްދޫން ދެ މީހުން، ހދ. ހަނިމާދު އާއި ނޮޅިވަރަމުން މީހެކެވެ. ދިއްދޫގެ އެކަކު އައީ ހއ. ހޯރަފުށީގައި ހުރެފަ އެވެ. އޭނާ އާއި ހަނިމާދޫ މީހާ އައީ، އިންސާނިއްޔަތަށްޓަކައި ހިލޭ ސާބަހަށް އަމިއްލައަށް ލޯންޗު ހިފައިގެންނެވެ.

އޭގެ އިތުރުން ދެން ލޭ ލިބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އުޅޭ ބިދޭސީ މީހާގެ ގައިންނެވެ.

"ހަ މީހުން ހޯދަން ބުންޏަސް އަޅުގަނޑަށް ލިބުނީ ފަސް މީހުން. އެހެން ހުއްޓާ ރޭ އަނެއްކާ ވެސް އައިސް ބުނެފި ވަރަށް އަވަހަށް އިތުރު ހަތަރު މީހުން ހޯދަން،" މުހައްމަދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެ ހިސާބުން ވަރަށް ބޮޑަށް މާޔޫސްވި އެވެ. އެކަމަކު އުއްމީދު ކަނޑާނުލާ ކުރި މަސައްކަތުން މާލޭގައި ހުރި ސިފައިންގެ މީހަކު ލޭ ދޭން އެއްބަސްވި އެވެ. ވަގުތުން ދަންވަރުގެ ފްލައިޓުން އޭނާ ކުޅުދުއްފުއްޓަށް ގެނަ އެވެ.

ދެން ތިބި މީހުން ހޯދަން އޭނާ ފޭސްބުކްގައި ޕޯސްޓް ޖެހި އެވެ. ފުލުހުންނާއި ސިފައިން މެދުވެރިކޮށް އެކި ރަށްރަށަށް މެސެޖް ކުރި އެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުއްޓަސް، ގެންނަން އޭނާ ބޭނުންވި އެވެ.

"ﷲގެ އިރާދަފުޅުން އެވަަރުގެ ތަނަވަސްކަމެއް އެބަހުރި. އަޅުގަނޑުގެ މަންމަ ފަދަ ދައްތައަށް އެހީ ބޭނުންވީމާ އަޅުގަނޑު ހަރަދުނުކޮށް ހުންނާނެތޯ،" މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ދައްތަގެ ހާލު މިހާރު ކުޑަކޮށް ރަނގަޅުވުމުން، ދެން ތިބި ޑޯނަރުން ތައްޔާރަށް ބޭތިއްބުމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. އަދި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ލޭ މާލެއިން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު މުހައްމަދަށް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ އިމަޖެެންސީ ހާލަތުގައި އެހެން އަންނަން ޖެހޭއިރު ފްލައިޓް ޓިކެޓް ނުލިބުމެވެ. ދައްތަ ބަލިވާހަކަ އެނގުމުން، އޭނާ ކުޅުދުއްފުއްޓަށް ދާކަށް ވެސް ޓިކެޓެއް ނުލިބުނެވެ. ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް، ނުލިބުމުން އޭނާ އައީ ޗާންސަކަށް ޓިކެޓް ނަގައިގެންނެވެ.

މިހާރު އޭނާގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ޑޯނަރުންގެ ބޭނުން ޖެހޭއިރު، އެ މީހުން ގެންނަން ޓިކެޓް ނުލިބުމެވެ.

ހދ. ނޮޅިވަރަމްފަރަށް އުފަން އެ އާއިލާގައި އެންމެ ހަގީ، އުމުރުން 39 އަހަރުގެ މުހައްމަދެވެ. އެ މީހުންގެ ބައްޕަ ކަނޑުމަތީ ހާދިސާއެއްގައި މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާއިރު، މިހާރު އެނދުމަތިވެފައިވާ ދައްތަގެ ފިރިމީހާ ވެސް ވަނީ ވަރަށް ފަހުން މަރުވެފަ އެވެ. އެހެންވެ، މުހައްމަދު ދެކޭ ގޮތުގައި އޭނާއަކީ، އުމުރުން ހަގަސް އޭނާގެ ދެ ދައްތަގެ 'ބައްޕަ' އެވެ. އެހެންވެ، އެ މީހުން ބެލުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި އެކަން އޭނާ ކުރާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑު ވަރަށް ލޯބިވޭ ދައްތަމެން ދެކެ. އެ މީހުންނަށްޓަކައި މި ކުރެވެނީ އަދި އެއްވެސް ހަރަދެއް ނޫން،" މުހައްމަދު ބުންޏެވެ.

ކޮމެންޓް (4)

އާވިބޮން

19 ފެބްރުއަރީ 2026
ޕެލޭ، ތިއީ ނަމޫނާއެއް!
1 0

ާސހހހ

13 ފެބްރުއަރީ 2026
Alhamdhulillah 🤲
0 0

އަަސަރު

12 ފެބްރުއަރީ 2026
ވަރަށް ފުން އަސަރެއް ކޮށްފި. އާއިލީ ލޯބީގެ އިންތިހާ ފެނިގެން ގޮސްފި. އަދި ދިވެހީންގެ ހިތްހެޔޮކަން ކޮންމެވެސް ވަރަަކަށް އެބަފެނޭ. އަނެއް ކޮޅުން ލޭ ނުދޭން އުޅޭކަން ހާމަވެއްޖެ. ތިއަށްވުރެ މާ ބައިވަރު ތިބޭނެ ކޮންމެ ލޭގެ ގުރޫޕެއްގެ މީހުން.
12 0

ދައްތަ މުޙައްމަދު

12 ފެބްރުއަރީ 2026
މާޝާﷲ.ތިބާއަށް ﷲ ހެޔޮރަޙުމަތް ލައްވާށިއެވެ.އަދި ތިޔަ ނަމޫނާ އަހަރެމެން އެންމެންގެ ޢާއިލާތަކުން ދައްކާނެކަމަށް އުއްމީދު ކުރަމެވެ.ތިބާގެ ދައްތައަށް އަވަސް ޝިފާއަކަށް އެދި ﷲއަށް ދުޢާކުރަމެވެ.
15 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް