އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު.

ޒާހިރު 2 ވަނަ ދައުރަކަށް އީސީއަށް އައްޔަން ކުރަން ރައީސް ބޭނުމެއްނުވި

ޒާހިރުގެ ބަދަލުގައި އެ މަގާމަށް އައްޔަކުރަން ރުހުން ހޯދުމަށް ރައީސް ފޮނުއްވީ ރިފްއަތު އަބްދުﷲ ކިނާރާ، މ. މާވަށް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވި އެ ކޮމިޝަންގެ މިހާރުގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ބަދަލުގައި އެހެން ބޭފުޅެއް އެ މަގާމަށް އައްޔަން ކުރަން ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ނަން ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - އީސީގެ މެންބަރުކަމަށް މިދިޔަ މަހު ހުޅުވާލީ ޒާހިރުގެ ފަސް އަހަރުގެ ދައުރު މި މަހު 21އަށް ހަމަވާތީ އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ސަރުކާރުގައި، ފެބްރުއަރީ 2021ގަ އެވެ. 

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ.

ތަފްސީލު - އެ ސިޓީގައިވާ ގޮތުން، ޒާހިރުއާ އެކު ފަސް ބޭފުޅުން އެ މަގާމަށް ކުރިމަތިލެއްވި އެވެ. ނަމަވެސް އޭގެ ތެރެއިން އައްޔަން ކުރުމަށް އެ ސީޓީގައި ރައީސް ހިމެނުއްވީ ހަމައެކަނި އެންމެ ބޭފުޅެކެވެ. އެއީ:

  • ރިފްއަތު އަބްދުﷲ ކިނާރާ، މ. މާވަށް

ރިފްއަތުގެ ވަނަވަރެއް އެ ސިޓީގައި ހިމަނާފައެއްނުވެ އެވެ. ނަމަވެސް 'ދައުރު''އަށް އެނގިފައިވާ ގޮތުގައި، 2017 އިން 2019އާ ދެމެދު އީސީގެ ލީގަލް ޑިޕާޓްމަންޓްގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައިވެ އެވެ.

ޒާހިރުއާ އެކު ދެން އެ މަގާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ނަންތައް ވެސް ރައީސްގެ ސިޓީގައި ހިމަނުއްވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އާމިނަތު ޝާދިޔާ، މ. ޕިސްތާގެ

  • މުހައްމަދު އަނީލް، މޭގަ/ގދ. ތިނަދޫ

  • މުހައްމަދު އަސްލަމް، ނޭޝަނަލްހައުސް/ގދ. ގައްދޫ

އިތުރު އާޓިކަލް

އިތުރު އާޓިކަލް