ހުޅުމާލެ ޖަލު: އެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއެއް މިދިޔަ ހަފްތާ ހޯމަ ދުވަހު ވަނީ މަރުވެފައި (ފައިލް ފޮޓޯ)
މަރުވި 2 ގައިދީންގެ ޕޯސްޓްޕޯޓަމް ހަދަން ނިންމައިފި
ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއެއް މަރުވި މައްސަލައިގައި އެ ދެ މީހުންގެ ވެސް ޕޯސްޓްޕޯޓަމް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ ދެ ގައިދީން ވެސް މަރުވެފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.
މަރުވި ދެ ގައިދީންނަކީ:
-
އިބްރާހިމް ސުހެއިލް، 53، ދަފްތަރު ނރ. 439
-
ހަސަން ނިޔާޒް، 45، ދިއްގާގަސްދޮށުގެ/ސ. ހިތަދޫ
ތަފްސީލު - ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އާންމު އުސޫލުން އެ ދެ ގައިދީންގެ ވެސް ޕޯސްޓްމޯޓަމް ހެދުމަށް އެ އިދާރާއިން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި ކަމެއް އަދި ކަށަވަރެއް ނޫނެވެ.
ކަރެކްޝަންސްއިން މިދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި، އިބްރާހިމް ސުހެއިލް މަރުވިއިރު، އޭނާގެ ހާލު ދެރަވެގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވަނީ ވެފަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، އެ ދުވަހު ހެނދުނު 9:05 ހާއިރު ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.
ހަސަން ނިޔާޒު މަރުވެފައިވަނީ އެ ދުވަހުގެ މެންދުރުފަހު 2:05ގަ އެވެ. އެ ދުވަހު ކަރެކްޝަންސްއިން ބުނެފައި ވަނީ، ހަސަން ނިޔާޒަށް "ކުއްލި މެޑިކަލް އެމަޖިންސީއެއް" އެ ދުވަހު ދިމާވި ކަމަށެވެ. ނަމަވެސް އެއީ ކޮން ކުއްލި އެމަޖެންސީއެއް ކަމެއް ކަރެކެޝަންސްއިން އާންމު ކުރި ހަބަރަކުން ނޭނގެ އެވެ.
"މިއަދު [މިދިޔަ ހޯމަ ދުވަހު] މެންދުރު ފަހު އޭނާ [ހަސަން ނިޔާޒު]އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންދެވި، އަވަސް ފަރުވާ ދޭން ފަށާފައިވެ އެވެ. އަދި 14:05ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވެ އެވެ،" ކަރެކްޝަންސްގެ ހަބަރުގައި ލިޔެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި، ހަސަން ނިޔާޒު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޖަލުގެ ފާހާނާތެރެއަށް ވެއްޓި ހޭނެތިފައި އޮއްވަ އެވެ.
ހަސަން ނިޔާޒު ގައިގައި ޒަހަމްތަކެއް ހުރި ފޮޓޯތަކެއް ވެސް ސޯޝަލް މީޑީއާގައި ވަނީ ދައުރުވެފަ އެވެ. އެކަމާ ގުޅިގެން 'ދައުރު'ން ކަރެކްޝަންއާ ސުވާލު ކުރުމުން ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ، "ޕްރިޒަން ސިސްޓަމް ތެެެރެއިން އެއްވެސް ގައިދީަކަށް އަނިޔާ ނުކުރާނެ. އެއީ ވަރަށް ހަރުކަށިކޮށް ބަލާ ކަމެއް" ކަމަށެވެ.