ހުޅުމާލޭގައި އަޅާ ގްރޭންޑް މިސްކިތުގެ ކޮންސެޕްޓްގެ ކުރެހުމެއް (ފޮޓޯ/މިނިސްޓަރު ޝަހީމް)

މިސްކިތްތައް

ރާއްޖެ އިސްލާމްވިތާ 900 އަހަރު ވުމާ ދިމާކޮށް ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީ

އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރާ އަދި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ މި މިސްކިތް އަޅައިދެނީ ހެޔޮއެދޭ ފަރާތަކުން ކަމަށް

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ވުމާ ގުޅުވައިގެން އަންނަ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް ހުޅުވަން އިއްޔެ ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މިސްކިތުގެ ތަސައްވަރު އެކުލަވާލައި، އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި އަޅާ ގްރޭންޑް މިސްކިތުގެ ކޮންސެޕްޓު (ފޮޓޯ/މިނިސްޓަރު ޝަހީމް)

ތަފްސީލް - އެ މަޝްރޫއާ ގުޅޭ ގޮތުން އިތުރު ތަފްސީލު ހިއްސާކުރައްވަމުން ޝަހީމް ވިދާޅުވީ މިސްކިތުގެ ބިންގާ އަޅަން ނިންމާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާ ގުޅުވާ، 13 ސެޕްޓެމްބަރުގައި ކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިސްލާމީ ކަލަންޑަރުން 2 ރަބީއުލްއާހިރުގަ އެވެ. އެ ދުވަސް މި އަހަރު ދިމާވަނީ 13 ސެޕްޓެމްބަރަށެވެ.

މި މިސްކިތް އަޅަނީ ހުޅުމާލެ ދެ ފޭސް ގުޅޭ ހިސާބުގަ އެވެ.

ޝަހީމް ވިދާޅުވީ މި މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް އިމާރާތުގެ އިތުރުން ޕާކިންއަށް ހާއްސަ ޖާގަ ވެސް ހިމެނޭނެ ކަމަށެވެ.

ގްރޭންޑް މޮސްކުގެ ނަމުގައި ހަދާ މި މިސްކިތުގެ މަޝްރޫއަށް ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުން ފަންޑު ހަމަޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް ވެސް ނިމި މިހާރު ކުރިއަށް ދަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ތަފްސީލު ޑިޒައިން އެކުލަވާލުމުގެ މަސައްކަތެވެ.

ހުޅުމާލޭގައި އަޅާ ގްރޭންޑް މިސްކިތް ހުންނަ ސަރަހައްދު (ފޮޓޯ/މިނިސްޓަރު ޝަހީމް)
ހުޅުމާލޭގައި އަޅާ ގްރޭންޑް މިސްކިތުގެ ކޮންސެޕްޓް ކުރެހުމެއް (ފޮޓޯ/މިނިސްޓަރު ޝަހީމް)

ޝަހީމް ހިއްސާކުރެއްވި އެހެން މައުލޫމާތުތަކަށް ބަލާއިރު:

  • މިސްކިތް ޑިޒައިން ކުރަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން

  •  ޑިޒައިނިން އާއި ހުރިހާ މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފަރާތުން

  •  މި މިސްކިތުގައި ގާތްގަނޑަކަށް އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ

  • މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތް

  • މިސްކިތް ބިނާކުރާނީ ހުޅުމާލެ ފޭސް 2 އާއި 3 ގެ ދެމެދު

ކޮމެންޓް (1)

ޖިންތު

8 ފެބްރުއަރީ 2026
އެންމެ ބޮޑު މިސްކިތް، އެންމެ އުސް މިސްކިތް، އެންމެ ރީތި މިސްކިތް. އަޅެ ފަހެ މި އުޅެނީ މުބާރާތެއްގައި ތަ؟ އަޅާފައި ހުރި ގިނަ މިސްކިތްތަކުގައި ނަމާދު ޖަމާއަތަށް 3 ސަފުވެސް ނުފުރޭ. އަދި އަޅާފައި ހުރި ގިނަ މިސްކިތްތަކުގެ އާބާތުރަ ފިލުވައެއްނުލެވޭ. ނުއެއް ބެލެހެއްޓޭ. ވީރާނާވަނީ. ކާޕެޓް ތަކުން ދުވަނީ ނުބައިވަސް. އަދި ވެސް އެންމެ ބޮޑު ގްރޭންޑް މިސްކިތް އަޅަން. އިޚްލާސް ތެރިކަމާއި ނިޔަތް ރަންގަޅުނަމަ މިހާރު ވީރާނާވަމުންދާ މިސްކިތް ތަކުގެ އާބާތުރަ ފިލުވާ މިސްކިތްތައް ރަންގަޅުފެންވަރެއްގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖައްސާނެ. އިއްޔެރޭ އިޝާނަމާދަށް ސަލްމާން މިސްކިތުގައި 3 ސަފު ނުފުރޭ. މިސްކިތުގެ އޭސީ އެއް މަސައްކަތެއްނުކުރޭ. ދޮރުފަތްތައް ވަނީ ހަލާކުވަމުން. ބޮކިތައް އަނދާފައި. އަތްގަނޑުތަކާއި ރެއިލިންގް ތައް ހަލާކުވަމުންދަނީ. ޔާމީން ސަރުކާރުގައި އެޅި މިސްކިތަށްވުރެ ބޮޑު މިސްކިތެއް އެޅޭތޯ ތިއުޅެނީ. މީ ކުޑަ ކުދިންތަކެއްބާ. ޓިޓް ފޯ ޓެޓް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް