ކުރީގެ ރައީސް މުހައްމަދު ވަހީދު (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެޕްސްޓީންގެ މުޑުދާރު އަމަލުތަކުގެ މައުލޫމާތެއް އޭރު ނޭނގޭ؛ ގުޅުން ބޭއްވުނީތީ ހިތާމަކުރަން: ވަހީދު

ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖަލު ހުކުމެއް އައިކަމެއް އަދި އޭނާއާ ގުޅޭ ކުށްތަކުގެ އެއްވެސް ކަމެއް ވެސް ވަހީދަށް އެނގިވަޑައިގެންފައިނުވާ ކަމަށް

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒުގަދަ މީހުންނަށް އެ ކުދިން ވިއްކި އެމެރިކާގެ ޖެފްރީ އެޕްސްޓީންގެ އެ "މުޑުދާރު އަމަލުތަކުގެ" މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާއާ ގުޅުން ބޭއްވިފައިވާތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާއްމުކޮށްފައިވާ އެޕްސްޓީންގެ އީމެއިލްތަކުން އެނގޭ ގޮތުގައި ވަހީދު އެޕްސްޓީންއާ އެކި ފަހަރުމަތިން ވާހަކަދައްކަވައި ގާތް ގުޅުމެއް ބޭއްވެވި އެވެ. އެކަން ފަޅާއެރި ފަހުން ވެސް ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ވަހީދު ބަހައްޓާފައި ހުރުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އަމިއްލަފުޅަށް ވަހީދު މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ތަފްސީލް - ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެޕްސްޓީންއާ އެކު ބޭއްވިފައިވާ ގުޅުމާ މެދު ވަހީދު ހިތާމަކުރައްވާ ކަމަށެވެ. އެކަމަކު، ރަސްމީ ކަންކަމުގެ ބޭރުން އޭނާއާ އެއްވެސް ގުޅުމެއް ބާއްވަވާފައިނުވާނެ ކަމަށާއި އެއްވެސް ގޯސް ކަމެއްގައި ވެސް ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ:

  • އެޕްސްޓީންއާ އެކު ވަހީދު ނުވަތަ އެމަނިކުފާނުގެ އާއިލާއިން ވެސް އެއްވެސް ނުރަސްމީ ބައްދަލުވުމެއް ބާއްވާފައިނުވާނެ ކަމަށާއި އޭނާގެ ޕާޓީއެއްގައި ވެސް ބައިވެރިވެފައި ނުވާނެ ކަމަށް 

  • އެޕްސްޓީންއާ އެކު ބާއްވާފައިވަނީ ހަމައެކަނި ރަސްމީ ގޮތުން ސަރުކާރުގެ އެހެން އިސްވެރިންނާ ވެސް އެކުގައި ބޭއްވި ބައްދަލުވުންތަކެއް ކަމަށް

  • އެޕްސްޓީން ކުރަމުންދިޔަ ކުށުގެ އެއްވެސް ކަމެއް އޭރު ވަހީދަށް އަދި އެ މަނިކުފާނުގެ އާއިލާއަށް ވެސް އެނގިފައިނުވާ ކަމަށް

  • އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖަލު ހުކުމެއް އައިކަމެއް އަދި އޭނާއާ ގުޅޭ ކުށްތަކުގެ އެއްވެސް ކަމެއް ވެސް ވަހީދަށް އެނގިވަޑައިގެންފައެއް ނުވޭ؛ އެކަން އެނގުނު ނަމަ ފުރަތަމަ ބައްދަލުވުމަށް ފަހު އޭނާ އެއްވެސް ގުޅުމެއް ނުބޭއްވީސް

  • އެޕްސްޓީންއާ ބައްދަލުވެފައިވަނީ ދެ ބައްދަލުވުމެެއްގައި 2012 އަދި 2014ގައި އެކަނި ކަމަށް

  • އެޕްސްޓީންގެ އެހީތެރިކަމާއި ލަފާ ހޯދާފައިވާނީ އޭރު ރާއްޖެ އޮތް ހާލަތުން އަރައިގަތުމަށާއި އޭރު ބޭނުންވެފައިވާ މާލީ އެހީތެރިކަން ހޯދަން ކަމަށް؛ އެޕްސްޓީންގެ ލަފާ އާއި މަޝްވަރާ ހޯދަން ލަފާދެއްވީ ނިއު ޔޯކުގެ ނުފޫޒުގަދަ މަޝްހޫރު ބޭފުޅެއް ކަމަށް

  • އެކަމަކު އެޕްސްޓީން އާއި ވަހީދުއާ ދެމެދު މާލީ އެއްވެސް މުއާމަލާތެއް ހިންގާފައިނުވާނެ ކަމަށް

  •  އެޕްސްޓީންއަކީ އެހާ މުޑުދާރު މީހެއްކަން އެނގިފައި އޮތް ނަމަ އެއްވެސް ބާވަތެއްގެ ގުޅުމެއް އެއްވެސް މިންވަރަކަށް ނުބޭއްވީސް ކަމަށް

އެނގުން މުހިންމު - އެޕްސްޓީންގެ މައްޗަށް 2005 ވަނަ އަހަރު ތަހުގީގުކުރަން ފެށި މައްސަލައަށް އޭރު މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވެ އެވެ.

އެޕްސްޓީން އައިލެންޑާއި މެންޝަންގައި ގައުމުތަކުގެ ސިޔާސީ އިސް ބައެއް މީހުން ވެސް ހިމެނޭހެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލާގައި 2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ފަހު ސެކްސް ޓްރެފިކިންގެ އެހެން މައްސަލައެއްގައި 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާ މަރުވީ އެ އަހަރުގެ އޮގަސްޓުގައި ޖަލުގައި ހުއްޓަ އެވެ. 

އެޕްސްޓީން އާއި ވަހީދުގެ އީމެއިލްތައް އާންމުވެފައިވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ލިޔެކިޔުންތަކަކުންނެވެ. ދެ މީހުންގެ މުއާމަލާތުތަކުން ހާމަވާގޮތުގައި:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، 2012 ވަނަ އަހަރު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެޕްސްޓީން ވަނީ މަރުހަބާ ކިޔާފައި؛ އޭގެ ފަހުން ވެސް ދެ މީހުންގެ ދެމެދުގައި ވަރަށް ގިިނަ އީމެއިލް ބަދަލުކޮށްފައިވޭ 

  • އޭރުގެ ސިޔާސީ ހާލަތުގެ އަދާހަމަ ވަހީދު އެޕްސްޓީންއަށް ދެއްވައި ސިޔާސީ ކަންކަމުގައި ލަފާ ހޯއްދެވި

  • ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށާއި ވަހީދުގެ ފޮތެއް ނެރުއްވުމަށް ފައިސާ އާއި އެހީތެރިކަން ހޯދުމަށް ވެސް އެޕްސްޓީންއާ ވާހަކަދެއްކެވި

ކޮމެންޓް (2)

ގުނބޯ

3 ފެބްރުއަރީ 2026
އާދެ! އާދެ އަހަރެމެން މީ ގުނބޯލުން! ތިޔަ ވިދާޅުވީ ހަމަ ތެދުފުޅެއް! ތިބޭފުޅާ މާދަމާ އަޅުގަނޑުމީ ފިރިހެނެއް ނޫނޭ ބުންޏަސް އަހަރެމެން ގަބޫލު ކުރާނަން!
3 0

ފެކްޓް

3 ފެބްރުއަރީ 2026
އެކަމަކުވާދޯ.... ބޭނުންކޮށްފައިވާ އިބާރާތްތަކުން، އެކަމަކީ ނޭނގޭކަމެއް ކަމުގައި ނުދެންނެވޭނެ. "ކްލަބް ގައި ބައިވެރިކުރުމަށް" ބޭނުންކޮށްފައިވޭ..... "ބިއުޓިފުލް ސްޓޫޑެންޓް" ބޭނުންކޮށްފައިވޭ. ދެން ކިޔަންވީ ހަމަ ނޭނގެޔޭތަ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް