ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރުކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރުން (ފޮޓޯ/ ރައީސް އޮފީސް)

އެޕްސްޓީންއާ ގުޅުން ބޭއްވި ވަހީދު ރައީސްގެ މަންދޫބުގެ މަގާމުން އިސްތިއުފާދެއްވައިފި

ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެޕްސްޓީިންއާ ބައްދަލުކުރެއްވި އިރު އޭނާގެ މައްޗަށް 2008 ވަނަ އަހަރު ކުރި ތުހުމަތާއި އެކަމާ ގުޅޭ މައުލޫމާތު ސާފުވެފައި ނެތް ކަމަށް

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒު ގަދަ މީހުންނަށް އެ ކުދިން ވިއްކި ސެކްސް ޓްރެފިކަރު، އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުންތަކެއް ބޭއްވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނީ ވަހީދު، ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވައި މިއަދު ހެނދުނު ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

ތަފްސީލް - އެޕްސްޓީންގެ މެއިލްތައް ހިމެނޭ ފައިލްތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާއިރު، ވަހީދު އެޕްސްޓީނަށް ފޮނުއްވި ބައެއް މެއިލްތައް ސޯޝަލް މީޑިއާގައި އާންމުވުމުން އެ މަނިކުފާނުގެ އިސްތިއުފާއަށް އާންމުން ދިޔައީ ގޮވާލަމުންނެވެ.

އެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ޓޫރިޒަމްގެ މަޝްރޫއަކާ ގުޅޭ ގޮތުން ވަހީދު ފޮނުއްވި މެއިލްތަކެވެ. އެގޮތުން:

  • ވަހީދު ފޮނުއްވި އެއް މެއިލްގައި ވަނީ އިންނަހެރާ މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި، އެ ކަމުގައި އެޕްސްޓީނަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން ބޭނުންވާ ކަމަށް

  • އެހެން މެއިލްއެއްގައިވަނީ، ފުއްގިރި އަދި އިންނަހެރާ މަޝްރޫއުގެ އަދާހަމަތައް

  • ފުއްގިރި ތަރައްގީކުރަން ބޭނުންވަނީ ވީއައިޕީ މީހުންނަށް ހާއްސަކޮށްގެން؛ އެޕްސްޓީންއާ ގުޅިގެން، މެދުއިރުމައްޗާއި ރަޝިއާ ވިޔަފާރިވެރިންނާ އެކު މަސައްކަތްކޮށްގެން އެ ރަށް މެނޭޖު ކުރެވޭނެ ކަމަށް

  • އިންނަހެރާ މަޝްރޫއަށް ސިންގަޕޫރުގެ ވިޔަފާރިއަކުން ހުށަހެޅުމެއް އޮތް ކަމާއި ނަމަވެސް ހުށަހަޅަނީ ދިވެހި ކުންފުންޏަށް އެންމެ %10 ދިނުމަށް؛ ރާއްޖެ ޒިޔާރަތްކޮށްގެން އެކަމަށް އިތުރު ގޮތްތަކެއް ހޯދުމަށް ވަހީދު ހުށަހެޅުއްވި

މީގެ އިތުރުން، ވަހީދު ނައިބު ރައީސް އާއި ރައީސްގެ މަގާމު ފުރުއްވި ފަސް އަހަރުގެ ކަންކަމުގެ މައްޗަށް އިނގިރޭސިން ފޮތެއް ނެރެން މަސައްކަތްކުރާ ކަމާއި އެ ކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ނޫނީ އެމެރިކާއިން އެ ފޮތް ނެރެދޭނެ ފަރާތެއް ހޯދައިދިނުމަށް ވަހީދު އެދިވަޑައިގެންފައިވެ އެވެ.

ވަހީދުގެ އިސްތިއުފާއާ ގުޅޭ ގޮތުން އެ މަނިކުފާނުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕްސްޓީންއާ އެކު އެ މަނިކުފާނު ބައްދަލުކުރެއްވީ ދެ ފަހަރެއްގެ މަތިން ކަމަށާއި އެ ދެ ބައްދަލުވުމަކީ ވެސް ރަސްމީ ހައިސިއްޔަތުން ބޭއްވި ބައްދަލުވުންތަކެއް ކަމަށެވެ.

ފުރަތަމަ ބައްދަލުވުމަކީ 23 ސެޕްޓެމްބަރު 2012ގައި ބޭއްވި ބައްދަލުމެއް ކަމަށާއި ރޭގަނޑުގެ ކެއުމުގެ އެ ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެެރިވެވަޑައިގެންނެވި ކަމަށް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ދެވަނަ ފަހަރަށް ވަހީދު އެޕްސްޓީންއާ ބައްދަލުކުރެއްވީ އެ މަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދާ އެކު 18 މޭ 2014ގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެގޮތުން:

  • ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި، އިގްތިސޯދީ މަޝްވަރާއަށް ވަހީދު އެޕްސްޓީންއާ ބައްދަލުކުރެއްވި

  • އެކަމުގައި އޭނާގެ މަޝްވަރާ ހޯދުމަށް ލަފާދެއްވީ ނިއުޔޯކުގެ ނުފޫޒުގަދަ ބޭފުޅެއް

  • އޭނާއާ އެކު ރަސްމީކޮށް ވެސް އަދި އެހެން ހައިސިއްޔަތަކުން ވެސް މާލީ އެއްވެސް މުއާމަލާތެއް ހިންގާފައެއްނުވޭ

ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެޕްސްޓީިންއާ ބައްދަލުކުރެއްވި އިރު އޭނާގެ މައްޗަށް 2008 ވަނަ އަހަރު ކުރި ތުހުމަތާއި އެކަމާ ގުޅޭ މައުލޫމާތު ސާފުވެފައި ނެތް ކަމަށެވެ. އެކަން އެނގިވަޑައިގެންފައި އޮތް ނަމަ، އެޕްސްޓީންއާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް ފަހު އިތުރު ބައްދަލުވުމެއް އަދި މުއާމަލާތެއް ވެސް ނުހިންގެވީސް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް