24 ޖުލައި 2025: ޓްރީޓޮޕް ހޮސްޕިޓަލްގެ އައިވީއެފް ސެންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އައިވީއެފް

އައިވީއެފް އެހީ ހަމަޖެހޭ މީހުންގެ ލިސްޓު މުރާޖައާކޮށް އަލުން އާންމުކޮށްފި؛ މިފަހަރު ޝަރުތު ހަމަވީ 37 މީހުން

އައިވީއެފްގެ ފަރުވާގެ އެހީއަށް 135 މީހަކު ހުށަހެޅި؛ މީގެ ކުރިން އާންމުކުރި ވަގުތީ ލިސްޓުގައި 39 މީހަކު ޝަރުތު ހަމަވާ ކަމަށް އޮތް

ދަރިމައިނުވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް)ގެ ފަރުވާ ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި މީހުންގެ ލިސްޓު މުރާޖައާކުރިއިރު ޝަރުތު ހަމަވީ 37 މީހެއް ކަމަށް އެންސްޕާއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އައިވީއެފްގެ ފަރުވާގެ އެހީއަށް އެދެން، މިދިިޔަ ނޮވެމްބަރު މަހު ހުޅުވާލި ފުރުސަތުގައި 135 މީހަކު އެކަމަށް ހުށަހެޅި އެވެ. ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިދިޔަ މަހުގެ 21ގައި އާންމުކުރިއިރު، ޝަރުތު ހަމަވެގެން 39 މީހަކަށް އެ އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.

ތަފްސީލް - އެ ލިސްޓު މުރާޖައާ ކުރުމަށް ފަހު ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓެއް އެންސްޕާއިން މިއަދު ވަނީ އާންމުކޮށްފަ އެވެ. މުރާޖައާކޮށް މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން، މީގެ ކުރިން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ދެ މީހަކު ލިސްޓުން އުނިވެފައިވެ އެވެ.

އެގޮތުން، އެންސްޕާއިން މިއަދު ކުރި އިއުލާންގައި ބުނީ:

  • އެހީއަށް ޝަރުތު ހަަމަވެގެން މިހާރު އެހީ ހަމަޖެހިފައިވަނީ 37 މީހަކަށް 

  • އެހީ ހަމަޖެހިފައިވާ މީހުންނަށް ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޓްރީޓްމެންޓް ޕްލޭން ހިއްސާކުރުމާ ގުޅޭ ގޮތުން މި މަހުގެ 11ގެ ކުރިން މައުލޫމާތު ފޯރުކޮށްދޭނެ

  • އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެންސްޕާގެ ހޮޓްލައިން 1402އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެދުނު

އެނގުން މުހިންމު - 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.

އެގޮތުން، އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:

  • އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރު ވެފައިވުން

  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައި ވުން

  • ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރު ވެފައިވުން

  • ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން

  • ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން

  • ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން

  • ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން

  • ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން

  • އައިވީއެފް ނުވަތަ އައިޔޫއައި ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި، ފަރުވާގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް