ޓްރީޓޮޕް ހޮސްޕިޓަލްގެ އައިވީއެފް ސެންޓަރު. ރާއްޖެއިން ވެސް މިހާޜު އައިވީއެފްގެ ހިދުމަތް ލިބެން ހުރޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އައިވީއެފް އެހީއަށް 135 މީހަކު ހުށަހެޅި؛ ޝަރުތު ހަމަވީ 39 މީހެއް
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް)ގެ ފަރުވާ ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު 135 މީހަކު ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވީ 39 މީހެއް ކަމަށް އެންސްޕާއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އައިވީއެފްގެ ފަރުވާ ހޯދުމަށް އެހީއަށް އެދި މިދިިޔަ ނޮވެމްބަރު މަހު ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް އެދުނު ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ 50 ދެމަފިރިންނަށް އެ ފުރުސަތު ދޭށެވެ.
ތަފްސީލް - އެންސްޕާއިން މިއަދު ބުނީ އޭގެ ތެރެއިން ޝަރުތު ހަމަވި 39 މީހުންނަށް މިހާރު އެހީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ފުރަތަމަ ބުރުގައި ހިމެނޭ މީހުން، އަންނަ މަހުގެ ދިހައެއްގެ ކުރިން، ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާ ކުރުމަށް ވެސް އެދިފައި ވެ އެވެ.
އެންސްޕާއިން މިހާރު ވަނީ، އެހީގެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
އެ ތަނުން ބުނީ:
-
1-
ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުން، އަންނަ ހޯމަ ދުވަހުގެ ކުރިން ވަން.ގަވް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް
-
2-
މި މުއްދަތު ގެ ނިޔަލަށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ބަދަލު ގެންނަން ޖެހޭ ނަމަ، މުރާޖައާކޮށްފައިވާ ލިސްޓު އަންނަ މަހު 1 ޝާއިއު ކުރާނެ ކަމަށް
އެނގުން މުހިންމު - 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. އަދި، ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.
އެގޮތުން، އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:
-
އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން
-
ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައި ވުން
-
ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން
-
ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން
-
ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން
-
ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން
-
ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން
-
ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން
-
އައިވީއެފް ނުވަތަ އައިޔޫއައި ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި، ފަރުވާގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން