ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުން ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނާއި ސަރުކާރުގެ ބައެއް އިސްވެރިން، އެ ހިދުމަތް އިފްތިތާހުކޮށްދެއްވަނީ (ފޮޓޯ/މޯލްޑިވިއަން)

ކުދި މަތިންދާބޯޓުގެ ދަތުރުތަކުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލައިފި

މި ތާރީހީ ދަތުރުތައް ފެށީ މޯލްޑިވިއަނުން ސީޕްލޭންގެ ހިދުމަތުގައި ބޭނުންކުރާ ފަދަ އުޅަނދުތަކުގައި ފުރޮޅު ހަރުކޮށްގެން

މޯލްޑިވިއަނުން ބޭނުން ކުރަމުން އަންނަ އެންމެ ކުދި، ޓްވިން އޮޓާ މަރުކާގެ ބޯޓުތަކުގެ ދަތުރުތަކުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލައިފި އެވެ.

ތަފްސީލް - މިއަދު ހަވީރު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި މި ހިދުމަތުގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

މި ދަތުރުތައް ކުރާނީ އައްޑު އާއި ފުވައްމުލަކާއި ގއ. އަތޮޅު އަދި ގދ. އަތޮޅާ ދެމެދު އެވެ. 

ދަތުރުތައް ކުރަން ނިންމާފައިވަނީ މޯލްޑިވިއަނުން ސީޕްލޭން ހިދުމަތުގައި ބޭނުން ކުރަމުން އައި، 15 މީހުންގެ ޖާގައިގެ ޓްވިން އޮޓާ މަރުކާގެ ބޯޓުތަކުގަ އެވެ. ދަތުރުކުރުމަށް ބޯޓުގައި މިހާރު ވަނީ ފުރޮޅު ހަރުކޮށްފަ އެވެ.

ދެކުނުގެ ހަތަރު އަތޮޅު ގުޅާލުމަށް ފަށާ ވައިގެ ހިދުމަތުގައި ބޭނުންކުރާ ބޯޓު 

ދަތުރުގެ އަގުތައް:

ގަމުން ފުވައްމުލަކަށް: 500 ރުފިޔާ

ފުވައްމުލަކުން ކޫއްޑޫއަށް: 650 ރުފިޔާ

ފުވައްމުލަކުން ކާޑެއްދުއަށް: 650 ރުފިޔާ

ގަމުން ކާޑެއްދުއަށް: 900 ރުފިޔާ

ގަމުން ކޫއްޑޫއަށް: 900 ރުފިޔާ

މި ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ދަތުރުތަކުގެ އޮޕަރޭޝަން މަރުކަޒަކީ އަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކަމަށެވެ. އެއީ ތާރީހީ ބަދަލެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މީގެ ކުރިން އެ ފަދަ ގޮތަކަށް ބޭސްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށެވެ.

އިޔާސް ވިދާޅުވި ގޮތުގައި:

  • ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް އެ ދަތުރުތައް ކުރާނެ

  • އޭގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅެއް ގުޅާލެވި، ލުއި ފަސޭހަވެގެން ދާނެ

އިޔާސް ވިދާޅުވީ ދަތުރުތައް އެވްރެޖްކޮށް 35 މިނިޓަށް ވުރެ ދިގުނުވާނެ ކަމަށާއި، އެއާ އަޅާބަލާއިރު ކަނޑައެޅި އަގު ވެސް ރަނގަޅު ކަމަށެވެ.

"ގަމާއި ފުވައްމުލަކާ ދެމެދު ވެސް ހުންނާނީ 20 މިނިޓް...އެހެންވެ، މިއީ ދަތުރުކުރަން އެކަށޭނަ ލުއި އަގުތަކެއް ކަމަށް ގަބޫލުކުރެވެނީ،" އިޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައިގެ މަގުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލުމަކީ އެ ސަރަހައްދުގެ ޓޫރިޒަމަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް