މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ސިފައިނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިސްލާހުކުރާ ކަމަށް ބުނާ އިންޑިއާ އެއްބަސްވުންތައް ސިއްރުކޮށް، ރައީސް އޮފީހުން ބުނީ އަދިވެސް އެކަމަށް މަޝްވަރާ ކުރަމުންދާ ކަމަށް

މިދިޔަ އަހަރު މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މިނިވަންކަމަށް އަސަރުކުރާ ކަމަށް ބެލެވޭ ކަންކަން ހުރި އެއްބަސްވުންތައް އިސްލާހުކުރައްވާފައިވާ ކަމަށް ވިދާޅުވެފައި

މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ގާއިމުކުރި އެއްބަސްވުންތަކުގެ ތެރެއިން ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާތީ އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެއްބަސްވުންތައް ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.

ވީކިހިނެއް؟ - މިދިޔަ އަހަރު މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ މިނިވަންކަމަށް އަސަރުކުރާ ކަމަށް ބެލެވޭ ކަންކަން ހުރި އެއްބަސްވުންތައް އިސްލާހުކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނީ ވަކީލު އަހްމަދު މައުރޫފް، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެއީ ކޮން އެއްބަސްވުންތަކެއްކަން ހާމަކުރުމަށް އެދުނެވެ.

ތަފްސީލް - ރައީސް އޮފީހުން އެ ހުށަހެޅުމަށް ފޮނުވި ޖަވާބުގައި ވަނީ، ރައީސް ވިދާޅުވި އެއްބަސްވުންތަކަކީ ބައިލެޓަރަލް އެއްބަސްވުންތަކަކަށް ވެފައި އެ އެއްބަސްވުންތަކުގެ ސިއްރު ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. 

އެ އެއްބަސްވުންތައް އިސްލާހުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ވަނީ އެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ފާހަގަކޮށްލެވޭ - މީގެ ކުރިން ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ އެއްބަސްވުންތައް އިސްލާހުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް އަދި ނުނިމޭކަން ގައްސާން މިދިޔަ މެއި މަހު ދެއްވި ޖަވާބުން ވެސް ހާމަވި އެވެ.

އެނގުން މުހިންމު - މިހާރު އޮތް ސަރުކާރުން އިދިކޮޅުގައި އޮވެގެން ވެރިކަމަށް އައުމަށް އެންމެ ބޮޑު ހަރަކާތަކަށް ހިންގީ 'އިންޑިއާ އައުޓް' ކެމްޕެއިން ހަރަކާތެވެ. އޭރު އިދިކޮޅުގައި ތިބެގެން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ ވެސް އިންޑިއާއާ އެކު ވާ އެއްބަސްވުންތަކުގައި އެއްވެސް ހާމަކަމެއް ނެތް ކަމަށް ބުނެ އެވެ.

އެ އެއްބަސްވުންތަކުގައި މިނިވަންކަމަށް އަސަރުކުރާ އެތައް ކަމެއް ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ ކަންކަން އިސްލާހުކުރުމާއި އެކަން ހާމަކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް (1)

ތެފައާސާ.

28 ޖެނުއަރީ 2026
[...."ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ވަނީ، އެ އެއްބަސްވުންތަކަކީ ބައިލެޓަރަލް އެއްބަސްވުންތަކަކަށް ވެފައި އެ އެއްބަސްވުންތަކުގެ ސިއްރު ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ"....] ބަޔަކުގެ ކިބައިގައި ހުރި ދެފުއްކެހެރި ކަމާއި މަކަރުވެރިކަން ހާމަވާނީ މިހާކަންހާވަރަށް. ވެރިކަމަށް އަންނަންވެގެން ގޮވައި ނެގީ ހުރިހާއެއްޗެއް ހާމަކުރާނަމޭ ފޮރުވާފައި ބާއްވާނޭ އެކައްޗެއްވެސް ނޯންނާނޭ...
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް