ޑީޖޭއޭގެ އޮފީސް.
ޝަރުއީ ދާއިރާގެ މާލީ ކަންކަމުގައި އަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފި
ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް އެ ދާއިރާގެ މާލީ ކަންކަމުގައި އަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން ބުނީ މި އުސޫލު އެކުލަވާލީ ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ކަށަވަރުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކަމަށެވެ.
ތަފްސީލް - މި އުސޫލަކީ އަދުލު އިންސާފުގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ރޭވުމާއި ދޫކުރުމުގެ އިތުރުން އެ ފައިސާ ބެލެހެއްޓުމާއި ރިޕޯޓްކުރުމަށްޓަކައި އެ ދާއިރާއަށް ހާއްސަ އޮނިގަނޑެއް އެކަށައެޅުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ދަށުން އެކުލަވާލާފައިވާ މި އުސޫލަކީ، ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތަށް، ދައުލަތުގެ މާލީ ނިޒާމުގެ ތެރޭގައި އެއް މިންގަނޑުތަކެއް ހިފަހައްޓާ، ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ހާއްސަ އިންތިޒާމުތަކަށް މަގުފަހިކޮށްދޭނެ އުސޫލެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި އުސޫލުގެެ ދަށުން:
-
ބަޖެޓް ކަނޑައެޅުމާއި ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅޭނެ ވަކި މިންގަނޑުތަކެއް ތައާރަފު ކުރާނެ
-
ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ބޭނުންވާ ފައިސާ ހިމަނާނެ
-
ކޮންމެ އަހަރެއް ފަށާއިރު، ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ %2އަށް ވުރެ މަދު ނޫން މިންވަރެއް ޝަރުއީ ދާއިރާއަށް ކަނޑައަޅަންވާނެ
-
މި މިންވަރު ހިސާބުކުރުމުގައި، ވަކި ކަމަކަށް ހާއްސަކޮށްފައިވާ އާމްދަނީ އާއި އަލަށް ތައާރަފުކުރަން ނިންމާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ނުހިމެނޭ
އެ އުސޫލުގައިވާ ގޮތުން، މާލީ މުއާމަލާތްތައް ހަރުދަނާކޮށް ބެލެހެއްޓުމަށް ޝަރުއީ ދާއިރާއަށް ދޭ ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް އެހީ ލިބުމާއި ބެލެހެއްޓުން އަދި ހަރަދުކުރަން ވާނީ މާލީ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ހުޅުވާފައިވާ ހާއްސަ އެކައުންޓެއް މެދުވެރިކޮށެވެ. އެގޮތުން:
-
މި އެކައުންޓުން ކުރެވޭ ހުރިހާ މުޢާމަލާތްތަކެއް ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމް މެދުވެރިކޮށް
-
މީގެ ސަބަބުން މާލީ ކަންކަން ކޮންޓްރޯލްކުރުމާއި މުއާމަލާތްތައް ރެކޯޑުކުރުމާ އަދި ދާއިރާގެ ހަރަދުތައް ދައުލަތުގެ މައި ހިސާބުތަކާ އަޅާކިޔައި ތަފުސީލު ހޯދުމަށް ފަސޭހަވާނެ
މީގެ އިތުރުން، މެދު ރާސްތާގެ ސިޔާސަތުތަކާއި ބަޖެޓާ ގުޅޭ ހަރުދަނާ އުސޫލުތައް ވެސް ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން:
-
ޝަރުއީ ދާއިރާގެ އެކުލެވިގެންވާ ބަޖެޓު ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ 30 ސެޕްޓެމްބަރުގެ ކުރިން ޑީޖޭއޭ އިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ
-
މެދު ރާސްތާގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ތަފްސީލު މި ބަޖެޓުގައި ހިމަނަންޖެހޭ
-
ބަޖެޓު ޑެފިސިޓް ވާނެ ކަމަށް ބެލެވޭ ނަމަ، އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތުގެ ޕްލޭނެއް ހިމަނަންޖެހޭ
-
ބަޖެޓު ޑެފިސިޓްވާ ހާލަތްތަކުގައި ހަރަދުތައް ހުންނަންވާނީ ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީ އާއި ބޭންކް ބެލެންސްއަށް ވުރެ އިތުރުނުވާ މިންވަރެއްގައި
ބަޖެޓު ހިންގުމާއި ބެލެހެއްޓުމުގެ އިޖުރާއަތުތައް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން:
-
މަޝްރޫއުތަކަށް ފައިސާ ހޯދުމާއި ހަރަދުތައް ބެލެހެއްޓުމުގެ ސިޔާސަތުތައް އެކަށައެޅުމުގެ ޒިންމާ އުފުލާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު
-
މާލީ ޒިންމާދާރު ވެރިޔާ އެ ސިޔާސަތުތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމުގެ ޒިންމާ އުފުލަންޖެހޭ
-
ކަނޑައަޅާފައިވާ ބަޖެޓުން ބޭރުން ކޮންމެހެން ކުރަންޖެހޭ ހަރަދެއް ކުރިމަތިވެއްޖެ ނަމަ، އެ ހަރަދެއް ކުރުމުގެ ކުރިން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަންޖެހޭ
-
މިފަދަ ބަޖެޓެއްގެ ސަބަބުތަކާއި ތަފުސީލު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ، އާންމު ކުރަން ޖެހޭ
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އުސޫލުގައި ވަނީ، ޝަރުއީ ދާއިރާގެ ޕީއެސްއައިޕީ މަސައްކަތްތަކަށް ހަރަދުކުރާނީ އެ ދާއިރާއަށް ދޭ ސެކްޓޯރަލް ގްރާންޓް އެހީގެ ތެރެއިން ކަމަށެވެ. އެގޮތުން:
-
ވަކި ޝަރުތުތަކަކާ އެކު ދައުލަތުން އިތުރު އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ
-
މިފަދަ އެހީއެއް ދިނުމުގެ ކުރިން، ކަމާ ބެހޭ ސަރުކާރުގެ އިދާރާއަކާއި ޑީޖޭއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭ
-
ދައުލަތުން ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ތަފުސީލު ވެސް މާލީ ވުޒާރާއަށް ހުށަހަޅަންޖެހޭ
މީގެ އިތުރުން:
-
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގައި ޕޭ ކޮމިޝަންގެ މިންގަނޑުތަކަށާއި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އަދި ވަޒީފާއާބެހޭ ގާނޫނަށް އަމަލުކުރަންޖެހޭ
-
ވަގުތީ މުވައްޒަފުން ނެގޭނީ ވެސް މި މިންގަނޑުތަކުގެ ތެރެއިން، ބަޖެޓުގައި ފައިސާ ހުރިކަން މާލީ ޒިންމާދާރު ވެރިޔާ ކަށަވަރުކުރުމަށް ފަހު
-
ކޮންމެ މަހަކު ކުރަންޖެހޭ މުހިންމު ހަރަދުތަކުގެ ތެރޭ ހިމެނޭ ކުއްޔާއި ބިލްތައް ފަދަ ކަންކަމަށް ފައިސާ ހުރިކަން ކަށަވަރުނުކޮށް އިތުރު ހަރަދުތަކަކަށް ޒިންމާވެގެން ނުވާނެ
މާލީ ގޮންޖެހުންތައް ކުޑަކުރުމަށް ތަކެއްޗާއި ހިދުމަތުގެ އަގު ހެޔޮކުރުމަށް އެއްވެސް ކަހަލަ ސަބްސިޑީއެއް ނުވަތަ އެހީއެއް ނުދެވޭނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހޭ ހާލަތްތަކުގައި އެ ފައިސާ ދޫކުރެވޭނީ ކޯޓުގެ ނިހާއީ ހުކުމަކަށް ފަހު، ޝަރުއީ ދާއިރާގެ ބަޖެޓުން ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
އެ އުސޫލު ބުނާ ގޮތުން:
-
ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށްޓަކައި، ކޮންމެ މަހަކު ކުރާ ހަރަދުތަކުގެ ތަފުސީލު ހިނގަމުންދާ މަސް ނިމުމުގެ ކުރިން އާންމުކުރަ ންޖެހޭ
-
ބޭންކް އެކައުންޓާ ދިމާވާ ގޮތަށް ތައްޔާރުކުރާ އެމަހެއްގެ ހަރަދުގެ ރިޕޯޓު ޖެހިގެން އަންނަ މަހުގެ 15ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ
ޝަރުއީ ދާއިރާއަށް ސެކްޓޯރަލް ގްރާންޓް ދޫކުރާނީ ދައުލަތުގެ ކޭޝްފްލޯއަށް ބަލައި ކޮންމެ މަހަކު ނުވަތަ ކޮންމެ ކުއާޓަރަކު އެއް ފަހަރު އެވެ.