އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް މުހައްމަދު މުއިއްޒު

ނަރެންދުރަ މޯދީ

އިންޑިއާ-ރާއްޖެއަށް މަންފާކުރާނެ މަސައްކަތްތައް ކުރިއަށް ގެންދާނަން: މޯދީ

މޯދީ ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވި ކަމަށްޓަކާ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައި ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކަކަށް އެދިވަޑައިގެންފައި

އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ ފަހަގަކުރި އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ރައީސް މުހައްމަދު މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓަށް މޯދީ މިއަދު ވަނީ ދިވެހި ބަހުން ޖަވާބު ދެއްވައިފަ އެވެ.

ތަފްސީލް - ރައީސްގެ ތަހުނިޔާގެ މެސެޖަށް ޝުކުރު އަދާކުރައްވާ މޯދީ ވިދާޅުވީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އަރިސްކުރެއްވި ހޫނު ތަހުނިޔާ އާއި ހެޔޮއެދުން އިހުތިރާމާ އެކު ބަލައިގަންނަ ކަމަށެވެ.

"ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި އެދެން،" މޯދީ ވިދާޅުވި އެވެ.

ގުޅުން ހުރި - ރައީސް މުއިއްޒު ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ އެ ގައުމުގެ ރައީސް ދުރައުޕަތީ މުރުމޫ އަށާއި ބޮޑުވަޒީރު މޯދީއަށް ވަކިވަކިން ސިޓީފުޅު ފޮނުއްވައިފަ އެވެ.

ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އިންޑިއާ އިން ދޭ އެހީތެރިކަމާއި އެއްބާރުލުުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް އަމަލީ ގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމުގެ އަޒުމުގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ރޭ ވަނީ ސޯޝަލް ސެންޓަރުގައި ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.  

ހާއްސަ މެހެމާނުންގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް