އުމަރު ނަސީރު - ދައުރު ފޮޓޯ/ހުސައިން ސުނައިން

އީފާސް މެދުވެރިކޮށް 50 މީހުންގެ ތާއީދު ހޯދަންޖެހޭ އުސޫލު ބާތިލުކޮށްދޭން އުމަރު އީސީގައި އެދިއްޖެ

މިފަހަރު ކައުންސިލް އިންތިހާބަށް ކުރިމަތިލާ އަމިއްލަ ކެންޑިޑޭޓުން 50 މީހުންގެ ތާއީދު އޮތްކަން ކަށަވަރުކޮށްދޭންޖެހޭ؛ މި އުސޫލު ބާތިލުކޮށްދިނުމަށް އީސީގައި އެދުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ނަމަ، އީފާސް މެދުވެރިކޮށް 50 މީހުންގެ ސޮއި ހޯދަންޖެހޭ އުސޫލު ބާތިލުކޮށްދިނުމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިލެކްޝަން ކޮމިޝަނުގައި މިއަދު އެދިއްޖެ އެވެ. 

ވީ ކިހިނެއް؟ - މިފަހަރު ކައުންސިލް އިންތިހާބަށް ކުރިމަތިލާ އަމިއްލަ ކެންޑިޑޭޓުން 50 މީހުންގެ ތާއީދު އޮތްކަން ކަށަވަރުކޮށްދޭންޖެހެ އެވެ. އެ މީހުންގެ ތާައީދު ހޯދަން ޖެހެނީ، އީސީގައި ގާއިމުކޮށްފައިވާ ޕޯޓަލްގެ ތެެރެއިން އެ ތާއީދު ދޭ މީހެއްގެ އަމިއްލަ އީފާސް މެދުވެރިކޮށެވެ. 

ބުނީ ކީކޭ؟ - މި އުސޫލު ބާތިލުކޮށްދިނުމަށް އެދި، އީސީގެ ރައީސް މުހައްމަދު ޒާހިރަށް އުމަރު މިއަދު ފޮނުވާފައިވާ ސިޓީގައި ވާގޮތުން، ކެންޑިޑޭޓަށް ތާއީދުކުރަން ބޭނުންވާ މީހުން އަމިއްލައަށް އީފާސް މެދުވެރިކޮށް ލޮގިންކޮށްގެން ވެރިފައި ކުރަންޖެހޭ ގޮތަށް ހަމަޖެއްސާފައި އޮތުމަކީ، އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށެވެ.

އެ ސިޓީގައި ބުނީ:

  • ރާއްޖޭގައި އީފާސް ބޭނުންކޮށްގެން ހިދުމަތް ހޯދަމުންދަނީ އާބާދީގެ އެންމެ %10 މީހުން

  • އަނެއް %90 މީހުންނަކީ އެކަން ދުވަހަކު ވެސް ކޮށްފައިނެތް އަދި ކުރަން ނުދަންނަ މީހުން

  • މި އުސޫލަކީ މި %90 މީހުންގެ ހައްގަށް އުނިކަން ލިބޭނެ ކަމެއް

  • މިފަދަ ހުރަހެއް ކުރުމަތިކުރުވުމަކީ ގާނޫނަކުން މެނުވީ ކުރެވޭނެ ކަމެއް ނޫން

  • އިންތިހާބުތަކުގައި މީހުން ފަރިތަ އުސޫލަކުން އަމަލުކުރުމަކީ މުހިންމު ކަމެއް

އީފާސް މެދުވެރިކޮށް ނަން ހުށަހަޅަންޖެހޭތީ ކުރިއަށް އޮތް އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށް ވެސް ދަތިވެފައިވާކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް މި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ވީމާ މި އުސޫލު ބާތިލުކޮށްދިނުމަށް އެދި ދެންނެވީމެވެ،" އުމަރު ފޮނުވި ސިޓީގައިވެ އެވެ.

އެކަން އީސީގެ ސަމާލުކަމަށް ގެންނަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓެއްގެ ހައިސިޔަތުން ކަމަށް ވެސް ސިޓީގައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާ މީހުން، އީފާސް މެދުވެރިކޮށް50 މީހުންގެ ތާއީދު ހޯދަންޖެހޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެއީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް، އެ މައްސަލަ ކޯޓަށް ހުށަަހަޅަން ތައްޔާރުވަމުންދާ ކަމަށް ވެސް ރޭ ވަނީ ޔާމީން ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް