ޔާމީން އަދި ވަކީލު ޖަމީލު ހައި ކޯޓު ކުރިމަތީ ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އަޒްމީ)

އިންތިހާބަށް އީފާސް ބޭނުންކުރާތީ އީސީ ގޮވައިގެން ކޯޓަށް ދާނަން: ޔާމީން

މިފަހަރު އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ކުރަމުންދަނީ އީސީގައި ހުޅުވާފައިވާ ޕޯޓަލެއް މެދުވެރިކޮށް އީފާސްއިން

އީފާސް މެދުވެރިކޮށް ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ކުރާތީ އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާއިރު، ކުރީގެ އިންތިހާބުތަކާ ހިލާފަށް މިފަހަރު އެ އިދާރާއަށް ގޮސްގެން ކަރުދާސް ފޯމު ހުށަހަޅާކަށް ނުޖެހެ އެވެ. މިފަހަރު އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ކުރަމުންދަނީ އީސީގައި ހުޅުވާފައިވާ ޕޯޓަލެއް މެދުވެރިކޮށް އީފާސްއިންނެވެ. 

ބުނީ ކީކޭ؟  - ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ ކިތާބީ ހެކި ނުވަތަ ޝަފަހީ ހެއްކަށް ބާރުދޭ ހެކި ނެތި ޝަރީއަތުގެ މަޖިލީހުގައި ވެސް ބަލައިގަންނަ އެއްޗެއް ނޫން ކަމަށެވެ. 

އެހެންކަމުން، ރާއްޖޭގައި ހުރިހާ ކަމެއް ކަރުދާހުން ކުރާއިރު، ޝަރީއަތުގެ މަޖިލީހަށް އިލެކްޓްރޯނިކް ވަސީލަތެއް ވަން ނަމަވެސް، އޭގެ ހާޑް ކޮޕީ ބޭނުންވާ ކަމަށް ޔާމީން ވިދާޅުވި އެވެ. މައްސަލައެއް ޖެހިއްޖެ ނަމަ އިންސާފު ހޯދަން ދާން އޮތް ތަނަކީ ކޯޓުތައް ކަމަށާއި އީސީން ކުރާ ކަންކަމުގައި އީފާސް ބޭނުންކުރާއިރު، ޝަރީއަތުގެ މަރުހަލާގައި ބޭނުންކުރާ އެއްޗަކީ ކަރުދާސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ކަރުދާސް ފޯމު ފުރާ ފުރުން ނައްތާލެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އަދި އެއެއް ނެތް. އޮންނާނީ ހަމައެކަނި އެންމެ ގޮތެއް. އެއީ ގާނޫނަށް އިސްލާހު ގެނައުން. އެކަމެއް ކޮށްފައެއް ނެތް. އެހެންވީމާ ވަކީލު ޑރ. [މުހައްމަދު] ޖަމީލުގެ ލަފާގެ މަތިން އަޅުގަނޑުމެން މިއުޅެނީ މި މައްސަލަތައް ހިފައިގެން ކޯޓަށް ދާން،" ޔާމީން ވިދާޅުވި އެވެ.

މި ޖަލްސާގައި މި ކަންބޮޑުވުން ޔާމީންގެ އިތުރުން ޖަމީލާއި ވަކީލު އަލީ ޝާހު ވެސް ފާޅުކުރެއްވި އެވެ.

އެގޮތުން، އީފާސް އަކީ ރާއްޖޭގައި އެންމެން ބޭނުންކުރާ އެއްޗަކަށް ނުވާއިރު، އީފާސް މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމާއި މިިނިވަން ކެންޑިޑޭޓުން އިންތިހާބަށް ކުރިމަތިލުމަށް އީފާސް މެދުވެރިކޮށް 50 މީހުންގެ ތާއީދު ހޯދަން ޖެހުން ފަދަ ކަންކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ފާޅުކުރެއްވި އެވެ. އެއީ އެއްވެސް ގާނޫނަކުން ތަންދޭ ކަމެއް ނޫން ކަމަށާއި "ދުސްތޫރީ ބޮޑު ޖަރީމާއެއް" ކަމަށް ސިފަކުރެއްވި އެެވެ.

"މި ކަންކަމަށް ޗެލެންޖުކޮށްފައި އަޅުގަނޑުމެން ކޯޓަށް މި ވަންނަނީ. އެއީ އަޅުގަނޑުމެން ކުރާނީ އެ މަސައްކަތް. އަޅުގަނޑުމެން ކޯޓުން އިރާދަކުރެއްވިއްޔާ [އިންތިހާބާ] ދެމެދު މުއްދަތު އޮވެއްޖެއްޔާ މިކަން ނިންމާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (2)

ހުސޭނު އަލީ

26 ޖެނުއަރީ 2026
ފުރަތަމަ ޔާމީނާ ދެކޮޅަށް ޖަމީލު ވެއްދި މައްސަލަތަކަށް ވީގޮތެއް ކިޔާބަލަ! ބޮޑާބެ އިޒް މާޒީ.
3 2

ބެއްޔާގެ ދަރި

26 ޖެނުއަރީ 2026
ތެދު ވާހަކައެއް. މަސްދަޅު ވެސް ލިބެނީ އީފާސް މެދުވެރިކޮށް ޓޯކެން ނަގައިގެން. އެކަމަކު ނަގަން ދިޔައިމަ ދައްކަންޖެހެނީ ފިޒިކަލް އައިޑީ ކާޑް. އީފާސް ބަލައެއް ނުގަނޭ. އެހެންވީމާ ކޯޓަކުން އަދި ކިހިނެއް އީފާސް ބަލައިގަންނާނީ. ގާނޫނަށް ބަދަލު ގެނަންޖެހޭ. ގާނޫނުތަކުގައި ޑިޖިޓަލް އައިޑީ ކާޑުގެ ވާހަކަ ލިޔެގެން ނޫނި އީފާސް އެއީ ރަސްމީ ލިޔެކިޔުމަކަށް ނުހެދޭނެ.
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް