ފިނޭންސް މިނިސްޓަރު މުސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ (ފޮޓޯ/މަޖިލީސް)

ބަޖެޓް 2025

އަސްލުވީ ގޮތް: އާމްދަނީ ދަށްވެ އިގްތިސާދީ ތަރައްގީއަށް ފައިސާ ނެތީ

އާމްދަނީ ދަށްވެ ދަރަނި އަދާކުރުމުގެ ހަރަދު މަތިވަމުން ދިޔަ ނަމަވެސް ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކުރަން ސަރުކާރުން މަސައްކަތްކޮށްފައެއް ނެތް
25 ޖެނުއަރީ 2026

މިދިޔަ އަހަރު ބަޖެޓް ޑެފިސިޓް ކުޑަވެ މާލީ ވުޒާރާއިން ވަނީ އެއީ ކާމިޔާބެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެކަމަކު މާލީ ވުޒާރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގެ ބޮޑު މަންޒަރަކީ އެއީ އެއްނޫނެވެ. ބަޖެޓުގެ ޑެފިސިޓް ނުވަތަ އާމްދަނީއަށް ވުރެ އިތުރަށް ހަރަދުކުރި ވަރު ކުޑަވިތަން ނަމްބަރުން ދެއްކި ބޮޑު ސަބަބެއް އެބަ އޮތެވެ.

ލަފާކުރި ވަރަށް އާމްދަނީ އާއި ހިލޭ އެހީ ނުލިބުމުން ހަރަދުތައް ކުޑަކުރަން ޖެހުނީ އެވެ. ބޭރުގެ ދަރަނި ދައްކަން ޖެހުނު ވަރު އިތުރުވެ، އިގްތިސާދީ ތަރައްގީއަށް ފައިސާ ނެތުނީ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދު ހަރަދުކުރަން ނުލިބި މަޝްރޫއުތައް ހުއްޓުނީ އެވެ. 

އިމްޕޯޓް ޑިއުޓީ އަދި ހިލޭ އެހީގެ އާމްދަނީ ދަށަށް

މިދިޔަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި އޮތީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަ ގޮތުގައި އަހަރު ނިމުނުއިރު ލިބުނީ: 

  • 39.6 ބިލިއަން ރުފިޔާ 

  • މިއީ ލަފާކުރި ވަރަށް ވުރެ 146 މިލިއަން ރުފިޔާ މަދު އަދަދެއް 

އާމްދަނީއަށް ލަފާކުރި ވަރަށް ވުރެ މަދުވީ ޓެކުހުގެ ގޮތުގައި ލަފާކުރި ވަރަށް އާމްދަނީ ނުލިބުން އަދި ހިލޭ އެހީ ވެސް ލަފާކުރި ވަރަށް ނުލިބުމެވެ. އެގޮތުން: 

  • ޓެކުހުގެ ގޮތުގައ ލިބޭނޭ ކަމަށް ލަފާކުރީ 29.2 ބިލިއަން ރުފިޔާ؛ ނަމަވެސް ލިބުނީ 29.1 ބިލިއަން ރުފިޔާ 

  • ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ލިބުނީ 415.2 މިލިއަން ރުފިޔާ 

ޓެކުހުން ލިބުނު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކުރި ވަރަށް އާމްދަނީ ނުލިބުމެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނޭ ކަމަށް ބަޖެޓުގައި ލަފާކުރީ 4.6 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށެވެ. ނަމަވެސް ލިބުނީ، 3.1 ބިލިއަން ރުފިޔާ އެވެ. މިއީ: 

  • 1.5 ބިލިއަން ރުފިޔާ މަދު އަދަދެއް 

އިމްޕޯޓް ޑިއުޓީގެ އާމްދަނީ ދަށްވި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން ސިނގިރޭޓަށް ގަންނަވަރު މަދުވެ ސިނގިރޭޓް ރާއްޖެ އެތެރެކުރާވަރު ދަށަށް ދިޔުމެވެ. އަދި ވަގަށް ސިނގިރޭޓް އެތެރެކުރުން ގިނަވުމާ ގުޅިގެންނެވެ. 

ސަރުކާރު ހިންގުމުގެ ހަރަދު މައްޗަށް؛ ތަރައްގީގެ ހޭދަ ދަށް

ހިސާބުތަކުން ތަފްސީލްކޮށްދޭ މަންޒަރަކީ އާމްދަނީ ދަށްވުމުގެ ސަބަބުން ސަރުކާރުން ބައެއް ހަރަދުތައް ކުރުން މަޑު ޖައްސާލަން ޖެހުނު ކަމެވެ. އެހެން ނަމަވެސް ސަރުކާރުން ރިކަރަންޓް ހަރަދުތައް ނުވަތަ ސަރުކާރު ހިންގުމުގެ ހަރަދުތައް މަދުނުކޮށް މަޑު ޖައްސާލީ އުމްރާނީ ތަރައްގީއަށް ކުރި ހޭދަ އެވެ. އެގޮތުން: 

  • 2024 ވަނައަހަރަށް ވުރެ އިތުރަށް 1.4 ބިލިއަން ރުފިޔާ އިތުރަށް މިދިޔަ އަހަރު ސަރުކާރު ހިންގުމަށް ހޭދަކުރި؛ އެއީ 36.3 ބިލިއަން ރުފިޔާ 

ރިކަރަންޓް ހަރަދު މައްޗަށް ދިޔައީ މުސާރަތަކަށާއި އެލަވަންސްތަކަށް އިތުރަށް 1.1 ބިލިއަން ރުފިޔާ ހަރަދުކުރުމާއި އަދި އިދާރީ އެހެނިހެން ހަރަދުތަކަށް ވެސް އިތުރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރުމުންނެވެ. 

އެހެން ނަމަވެސް، އުމްރާނީ ތަރައްގީ ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް ބަޖެޓްކުރި 12.4 ބިލިއަން ރުފިޔާ އަހަރު ނިމުނު އިރު ހަރަދުކުރީ 8.7 ބިލިއަން ރުފިޔާ އެވެ. ދެބައިކުޅަ އެއްބައި ވެސް ހަރަދެއް ނުކުރެ އެވެ. 

ދަރަނި ދެއްކުމުގެ ހޭދަ ވަރަށް މަތި

މިދިޔަ އަހަރު ދަރަނި ދެއްކުމާއި ދަރަނި އަދާކުރުމުގެ ހަރަދަށް ވަނީ 9.8 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ 2024 އަށް ވުރެ 3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ މާނައަކީ ސަރުކާރުގެ ހަރަދު އާމްދަނީ އިތުރުވާ ވަރަށް ވުރެ ބޮޑުވެ، ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނި އިތުރުވެފައިވުމެވެ. 

އާމްދަނީ ލިބުނުވަރު ދަށްވެ، އަދި ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު އިތުރުވުމުގެ ނަތީޖާއަކީ އުމްރާނީ ތަރައްގީގެ ހަރަދު ކުޑަކޮށްލަށް މަޖުބޫރުވުމެވެ. ނަތީޖާއަކީ ބަޖެޓް ޑެފިސިޓް ކުޑަކަމަށް ނަމްބަރުތަކުން ދެއްކުމެވެ. އެކަމަކު، އެއީ ކާމިޔާބެއް ނޫނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް