ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ/އެމްއޭސީއެލް)

ބިން ހިއްކުން

ހުޅުމާލެ ފޭސް 3 ހިއްކާ ނިމިއްޖެކަން ރައީސް އިއުލާނު ކުރައްވައިފި

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށާއި މާލޭ ރައްޔިތުންނަށް ގޯތި ދޭން ޔޫޓީއެފް ހިއްކަން ވެސް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކާ ނިމިފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއްޔެ އިއުލާނުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނަށް އެ ޕާޓީގެ މައި ޖަގަހައިގައި އިއްޔެ ހަވީރު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވިދާޅުވީ ކުރީ ސަރުކާރުގައި ކަނޑުފަޅުން ދިން ގޯތިތައް ހިއްކާ ނިންމާ ހަވާލުކުރުމުގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަމުން އަންނަ ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 3 މިހާރު އޮތީ ހިއްކާ ނިމިފައިވާ ކަމަށާއި ގިރާވަރުފަޅާއި ގުޅިފަޅުން ގޯތިދީ ނިމި އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

"ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރު އެ އޮތީ ހަމަ ފަށަން ތައްޔާރުވެ، ދެ ޑްރެޖަރު އެކަމަށް ތައްޔާރުވެ އެތާ ކައިރީގައި،" ރައީސް ވިދާޅުވި އެވެ.

"ކުރީގައި ދީފައި ހުރި ގޯތިތައް، އަޅުގަނޑު ވައުދުވީ ގޮތަށް ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް [އެބަދޭ]. ކުރީގަ ދޭން ނެރުނު ލިސްޓުގަ ފްލެޓުތައް ވެސް ހަވާލުކުރުން ވެސް ގާތްގަނޑަކަށް ނިމިއްޖެ."

ރައީސް ވިދާޅުވީ މާލެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދޭން އިތުރަށް ބިން ހިއްކެން އޮތީ އުތުރު ތިލަފަޅުން ކަމަށާއި އެތަން ހިއްކަން ވެސް ތައްޔާރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ބާރު ސްޕީޑުގައި ގޮސް، އޭޕްރީލު މަސް ތެރޭ މަސައްކަތް ނިމޭނެ ކަމަށެވެ.

"އެ ތަން ހިއްކާ ނިމޭއިރު އެތަނުން ގޯތިތައް ލިބޭ ފަރާތްތައް ވެސް ކަނޑައަޅާ އަޅުގަނޑުމެން އިއުލާނު ކުރާނަން ވަގުތީ ލިސްޓު،" ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ހުޅުމާލެ ފޭސް 3 އިން ގޯތި ދިނުމަށް 63 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އެ ތަނުން 1،351 ގޯތި ދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް