މިއަދު އޮތް މާލެ ކައުންސިލްގެ ރަސްމީ ޖަލްސާގެ ތެރެއިން(ފޮޓޯ/މާލެ ކައުންސިލް)

ބުޅާ ފެސިލިޓީގައި ހަދާފަހުރީ މާލޭގައި އުޅޭ ހުރިހާ ބުޅާތައް ގެންގުޅެވޭނެ؛ ބަހަނާ ނުދައްކާ ނުވަންޏާ ކައުންސިލާ ހަވާލުކުރޭ: އާޒިމް

ބުޅާ ފެސިލިޓީގައި ބަލަހައްޓަމުންދަނީ އެންމެ 30ވަރަކަށް ބުޅާ؛ އެތަނަށް ނަގާފައިވާ ބުޅާތައް ވެސް ވެކްސިންކުރުމާއި ނުވިހާގޮތް ހެދުންފަދަ ކަންކަން ކުރަމުން ނުދާ ކަމަށް ތުހުމަތުކުރެވޭ

ބުޅާ ފެސިލިޓީ ހަދާފަހުރީ މާލޭ ތެރޭގައި އުޅޭ ހުރިހާ ބުޅާތައް ގެންގޮސް، ގެންގުޅެވޭ ފެންވަރަށް ކަމަށާއި ބަހަނާ ނުދައްކާ، އެކަން ނުވާ ނަމަ ފެސިލިޓީ ކައުންސިލާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މާލޭ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކޮށްފައިވާ 'އޮޅު ހިޔާ' ފެސިލިޓީ ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވާފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު ތެރޭގަ އެވެ. 

މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ ތަން ހެދިޔަސް، އެ ކައުންސިލުން އެ ތަން ހިންގަމުން ދިޔަ ގޮތް ކަމުނުގޮސްގެން މިހާރު އެ ތަން ބަަލަހައްޓަމުންދަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ.

އެންމެ ފަހުން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެތަނުގައި ބަލަހައްޓަމުންދަނީ އެންމެ 30 ބުޅަލެވެ. 

ތަފްސީލް - މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ އާއި ބުޅަލުގެ ނަޖިސް މަގުމަތީގައި ހުންނަ މައްސަލާގައި، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

އެ މައްސަލާގައި ވާގޮތުން:

  • 30 ބުޅާ ފެސިލިޓީއަށް ގެންދިއުމުގެ އިތުރުން އެއްވެސް މަސައްކަތެއް އެ ފެސިލީޓީން ނުކުރޭ

  • ބުޅާ ނުވިހާ ގޮތް ހެދުމާއި ވެކްސިން ދިނުންފަދަ ކަންކަން ވެސް ފެސިލިޓީގައި ކުރަންޖެހޭއިރު އެއިން އެއްވެސް ކަމެއް ނުކުރޭ

  • މަގުމަތީގައި އުޅޭ ބުޅާތައް ބޭރުކުރާ ނަޖިސް ނަގާނެ މީހަކު ނެތް

މިއަދު އޮތް މާލެ ކައުންސިލްގެ ރަސްމީ ޖަލްސާގައި ބުޅަލުގެ މައްސަލަ ހުށަހެޅުއްވި ސައިފ(ކ)، ނާޒިމާ(ވ)؛(ފޮޓޯ/މާލެ ކައުންސިލް)

މިއަދުގެ އޮތް ކައުންސިލްގެ ރަސްމީ ޖަލްސާގައި އެކަމާބެހޭ ގޮތުން ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ، އެ ފެސިލިޓީއަކީ، މާލޭގައި އުޅޭ ހުރިހާ ބުޅާތައް ގެންގޮސް ގެންގުޅެވޭނެ ފެންވަރަށް ހަދާފައިވާ ތަނެއް ކަމަށާއި އެކަމަށް ބަހާނާއެއް ދެއްކެން ނޯންނާނެ ކަމަށެވެ.

އެކަން ނުވާނަމަ، ކައުންސިލާއި ހަވާލުކުރަން ދެ ފަހަރެއްގެ މަތިން އެނިމަލްވެލްފެއާ މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެތަނުގެ ހިންގުމާ މިވަގުތު ހަވާލުވެގެން ތިބި ބަޔަކީ އެންމެ ބާރަށް އެ ވާހަކަ ދެއްކެވި ފަރާތްކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން [މާލެ ކައުންސިލުން] އެ ފެސިލިޓީ ހަދާފަ އެހުރީ މިހާރު މާލޭގައި އުޅޭ ބުޅާތައް ގެންގޮސް ގެންގުޅެވޭ ފެންވަރަށް. އެހެންވީމާ އެއްވެސް އުޒުރެއް މިހާރު ނުދެއްކޭނެ މާލެތެރެއަށް ބުޅާ ނަޖިސްލާން ދޫކުރާކަށެއް. ސަރުކާރަށް ވެސް އަދި [ފެސިލިޓީ ހިންގުމާ ހަވާލުވެގެންތިބި] އެ ފަރާތަށް ނުދެއްކޭނެ. ނުވަންޏާ އަޅުގަނޑުމެންނާ ހަވާލުކުރަންވީ އެކަން ކުރަން. އެތަން ބަލަހައްޓަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ:

  • ފެސިލިޓީ ހިންގުމާ ހަވާލުވެގެން ތިބި ފަރާތުން އެކަން ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް

  • ފެސިލިޓީ ހަވާލުކުރުމުން އެކަން ނުކޮށް ފާޑުފާޑު ޓުވީޓުކޮށް މާލެއިން ބުޅާ ނަޖިސް ނުނަގަޔޭ ބުނެ އެ ކުރާކަމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވިޔާނުދާ އަމަލެއް

  • އެހެންވީމާ ސަރުކާރުން ވެސް އެތަން ހިންގާ ފަރާތާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ

"އެހެންވީމާ އެހާ ބުޅާދެކެ ލޯބިވާ ފަރާތެކޭ ކިޔައިގެން ވާހަކަ ދައްކާފައި މިއަދު އަމަލުކުރަމުން އެދަނީ ދިމާ އިދިކޮޅަށް. އެހެންވީމާ އަޅުގަނޑުމެން ދެ ސިޓީ ވެލްފެއާ މިނިސްޓްރީއަށް ލިޔެފިން އެ ފަރާތުން އެކަން ނުކުރައްވައޭ. އެފަރާތުން އެކަން ނުކުރާކަން ނޭނގެނީތާ،" އާޒިމް ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ހިމެނޭ ބުޅާ ފެސިލިޓީއަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހަދާފައިވާ ތަނެކެވެ. 

މި ފެސިލިޓީގައި ބުޅާތަކަށް އެކަށީގެންވާ ފެންވަރުގެ ޝެލްޓާތަކެއްގެ އިތުރުން އެ ތަނުގެ ތެރެއިން އެތަކެއްޗަށް ފަރުވާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

އެކަމަކު، އެ ތަނަށް ޒިޔާރަތްކޮށް ބުޅަލުގެ ހައްގުގައި މަސައްކަތްކުރާ ހަަތަރު ޖަމިއްޔާއަކުން ހެދި އިންްސްޕެކްޝަން ރިޕޯޓެއްގައިވާ ގޮތުން، ފަންގަލް އަދި ވައިރަލް އިންފެކްޝަން ހުންނަ ބުޅާތައް ސިއްހަތު ރަނގަޅު ބުޅާތަކާ އެކު ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި ސާފުތާހިރުކަމުގެ މިންގަނޑު ދަށްވުމުގެ ސަބަބުން އެތަނުގައި މައިކޮޕްލާޒްމާގެ އައުޓްބްރޭކެއް އުޅޭކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެތަނުގައި ބުޅާތަކަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ލިބެންނުދާކަމާއި ގިނަ އަދަދެއްގެ ބުޅާ މަރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް