މާލެ މަގުމަތީގައި ބުޅާތަކެއް: ބުޅާތައް ބަލަހައްޓަން ހެދި އޮޅުހިޔާ ފެސިލިޓީގެ ހާލަތު ބޮއްސުންލާފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޮޅުހިޔާ

ބަލިތައް ފެތުރި ބުޅާތައް މަރުވަނީ؛ 'އޮޅުހިޔާ'ގެ ހާލަތު ބޮއްސުންލާފައި

އޮޅުހިޔާ ފެސިލިޓީގައި ބުޅާތަކަށް ޖެހޭ ބަލިތައް ފެތުރުމުން ބޮޑުވެ މިދިޔަ މަހެއްހާ ދުވަހު 51 ބުޅާ މަރުވެފައިވޭ
10 އޮކްޓޯބަރު 2025
2

މާލެ މަގުތަކަށް ގިނަވެފައިވާ ބުޅާތަކަށް ބޯހިޔާވަހިކަމެއްދީ، ބުޅާތައް ބެލެެހެއްޓުމަށް ހެދި ކެޓް ޝެލްޓާ ފެސިލިޓީ، 'އޮޅުހިޔާ'ގެ ހާލަތު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އެ ތަނަށް ޒިޔާރަތްކޮށް ޖަމިއްޔާތަކުން ހެދި ރިޕޯޓްގައި ފާހަގަކޮށްފި އެވެ.

ވީކިހިނެއް؟ - ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންގެ ކަންކަމުގައި ހަރަކާތްތެރިވާ ހަތަރު ޖަމިއްޔާއަކުން ވަނީ މިދިޔަ އާދީއްތަ ދުވަހު އޮޅުހިޔާއަށް ޒިޔާރަތްކޮށް ހާލަތު ބަލައިފަ އެވެ. އެ ޖަމިއްޔާތަކަކީ:

  • ނައިން ލައިވްސް ރާއްޖެ

  • ވެލްފެއާ ފޮ އައިލެންޑް ކެޓްސް

  • ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް

  • ކެއާ ފޮ ޕޯސް

ތަފްސީލް - އެ ހަތަރު ޖަމިއްޔާ ގުޅިގެން އެކުލަވާލި އިންސްޕެކްޝަން ރިޕޯޓް އިއްޔެ އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ތަނުގައި 51 ބުޅާ މަރުވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެ ގޮތުން:

  • މިދިޔަ މަހު 15ގައި އެ ތަނުގައި 127 ބުޅާ ތިބެފައި އޭގެ ފަހުން އިތުރު 8 ބުޅާ ގެންގޮސްފައިވޭ؛ މިހާރު ބުޅަލުގެ އަދަދަކީ 84

  • އެހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބުޅާ މަރުވީ ކީއްވެގެން ކަމެއް މިނިސްޓްރީގެ އޮފިޝަލުންނާއި ސައިޓް ވޮލަންޓިއަރުންނަކަށް ބުނެއެއް ނުދެވޭ

  • ފެސިލިޓީގައި ބުޅަލުގެ ބަލިތައް ފެތުރުމުގެ މައްސަލަ ބޮޑުކަން ފާހަގަކުރެވިފައިވޭ

ޖަމިއްޔާތަކުގެ އިންސްޕެކްޝަނުގެ ތެރެއިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ ފަންގަލް އަދި ވައިރަލް އިންފެކްޝަން ހުންނަ ބުޅާތައް ސިއްހަތު ރަނގަޅު ބުޅާތަކާ އެކު ބަހައްޓާފައި ހުރި ކަމަވެ.

އޭގެ އިތުރުން:

  • އޮޅުހިޔާގައި ތިބި ބުޅާތައް އަދިވެސް ނިއުޓާ ކުރަން ޖެހޭ އިރު، ފިިރިހެން ބުޅަލާއި އަންހެން ބުޅާތައް ވެސް ގެންގުޅެނީ އެއް ކެނެލްއެއްގައި

  • މައިކޮޕްލާޒްމާގެ އައުޓްބްރޭކެއް އުޅޭކަން ފާހަގަވި؛ ނަމަވެސް އެ ތަނުގައި މަސައްކަތްކުރާ ޑޮކްޓަރަށް އެކްސެސްވެވެނީ ސެކަންޑް ޗޮއިސްގެ އެންޓިބަޔޮޓިކްއަކަށް

  • މި ވަގުތު ހުރި ޑޮކްޓަރު މަސައްކަތްކުރަން ފެށީ ވެސް މަހެއްހާ ދުވަސް ކުރިން ކަމުން، މީގެ ކުރިން ބުޅާތައް ބެލެެހެއްޓި ގޮތާއި ވެކްސިން ހިސްޓްރީގެ އެއްވެސް މައުލޫމާތެއް ޑޮކްޓަރަކަށް ނޭނގޭ

  • ތަން ސާފުކުރުމަށް އުޅޭ މުވައްޒަފުން ކޮންމެ ކޭޖެއްގައި އެއް ބްރަޝް އާއި އަންގި ބޭނުންކުރާ ތަން ފެނުނުއިރު، ކަރަންޓީން ކޭޖްތަކުގައި ކްރޮސް ކޮންޓެމިނޭޝަންގެ ނުރައްކާ ވަރަށް ބޮޑު

  • ކަރަންޓީނުގައި ތިބޭ ބުޅާތަކާއި އައުޓްޑޯ ކެނެލްތަކުގަައި ތިބޭ ބުޅާތައް ވެސް ކާން ދޭން ގެންގުޅެނީ ވަކި ސްކޫޕެއް ކަމަށް ތަނުގެ މުވައްޒަފުން ބުންޏަސް އެކަން ކަށަވަރެއް ނުވޭ

  • ފެސިލިޓީގައި ބޭނުންކުރާ ޑިސްއިންފެކްޓެންޓްގެ ވަކި ބާވަތެއް ވެސް ސާފުކޮށް ދެނެގަނެވިފައެއް ނުވޭ؛ ކަރަންޓީނު ސަރަހައްދުންނާއި އޮންސައިޓުން ފެނުނީ ލޭބަލް ނުޖަހާ ހުރި ފުޅިތަކެއް

މި ކަންކަން ރަނގަޅުކޮށް، ބުޅާތަކުގެ ސިއްހީ ކަންކަން ރަނގަޅަށް ރެކޯޑުކޮށް އާންމުކުރަމުން ގެންދިއުމަށް އެ ޖަމިއްޔާތަކުން ގޮވާލި އެވެ.

ކޮމެންޓް (2)

އެދުރު

10 އޮކްޓޯބަރު 2025
އެތަށް މިލިޔަން ހަަރަދު ކޮށްގެން ހަދަން ޖެހޭ ތަނެއްނޫން ތިއީ . ގިނަވެގެން އުޅޭ ބުޅާތަށް ފަޅު ރަށަކަށް ދޫކޮށްލީމަ ގުދުރަތީ މާހައުލުގައި އުޅުމުގެ ފުރުސަތު އެސޮރުމެންނަށް ނިބޭނެ . ކޮއްޓެއްގައި ބަންދު ކޮށްގެން ބޭކާރު އެތަށް މިލިޔަން ހަރަދު ކުރާކަށް ނުޖެހޭ
14 0

ތެފައާސާ.

10 އޮކްޓޯބަރު 2025
ބުޅާ ފެސިލިޓީއިން ތިފެންނަނީ ގައުމުގެ މިހާރުގެ ހާލަތު މައިކްރޯ ލެވެލްއެއްގައި. ކަންކަން ބޮއްސުންލާފައި. ކަންކަމާއި ހަވާލުވެގެންތިބި މީހުންނަކަށް ނޭގެ ވާންވީގޮތެއް ދެން ކުރާންވީ ކީއްކަމެއް.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް