ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު 10 ޖޫން 2019ގައި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ކެންސަރަށް ފަރުވާ ހޯއްދަވަނިކޮށް، 13 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ، އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އަވަހާރަވެފައި.
އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ހުޅުވާލައިފި
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީ ބާއްވާނެ ދުވަސް ކަނޑައަޅައި، ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ މެމްބަރު ހުސެއިން ވަހީދު މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަވީ ދޮޅު އަހަރެއްހާ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ ޕްރައިމަރީ މި މަހުގެ 27 ވާ ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބައި އިލެކްޝަންގައި ވާދަކުރާނެ ގޮތް:
-
ޕްރައިމަރީގައި ވާދަކުރާ ފޯމު ފުރިހަމަކޮށް ލިޔެކިޔުންތައް ހުށަހެޅުން
-
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޑިސެމްބަރުގެ ހަވީރު 4:00
-
ފޯމު ހުށަހަޅަން ޖެހެނީ [email protected] އަށް
އެމްޑީޕީ ޕްރައިމަރީގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ 27 ޑިސެމްބަރުގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށް އެދާއިރާއެއްގެ ރަށްރަށުގަ އާއި މާލޭގެ އެމްޑީޕީގެ ހަރުގޭގަ އެވެ.
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން:
-
މެންބަރެއްގެ ގޮނޑި ހުސްވުމުން، ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން ޖެހޭ
-
އަދި ކުރިމަތިލުމަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ
ގާނޫނާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވާނެ ދުވަސް އިއުލާނުކޮށް، ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ބައި-އިލެކްޝަން އޮންނާނީ 5 ފެބްރުއަރީ 2022 ގަ އެވެ.