ކޮވިޑް ކޮންޓްރޯލްކުރުމަށް އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް)ގައި އިސްކޮށް ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފް: އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވި މިއީ ދެވަނަ މައްސަލަ.

މީރާ

ޕީސީއާރު ޓެސްޓު ހެދުމުގައި ޓެކްސްއަށް މަކަރު ހެދުމުގެ ދައުވާ ދެ ޑޮކްޓަރެއްގެ މައްޗަށް ކުރަން ފޮނުވައިފި

މީގެ ތެރެއިން އެއް ޑޮކްޓަރަކީ އަލީ ލަތީފް. އޭނާގެ މައްޗަށް ވަނީ ކޮވިޑް ޓެސްޓު ހެދުމުގެ އެހެން މައްސަލައަކާ ގުޅިގެން ވެސް ދައުވާ ކުރުމަށް ފޮނުވާފައި

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޕީސީއާރު ޓެސްޓުގެ ހިދުމަތް ދިނުމުގައި ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުގައި ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާ ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ފޮނުވައިފި އެވެ.

ތަފްސީލް - މީރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި، ޓެކްސްއަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ، އޭރު ޕީސީއާރު ޓެސްޓިންގެ ހިދުމަތް ދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުންޏާއި އެތަނުގެ ދެ ޑިރެކްޓަރުންގެ މައްޗަށެވެ.

އެއީ:

  • އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނީގެ ޑިރެކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފު

  •  ޕައިނިއާ މޯލްޑިވްސްގެ ޑިރެކްޓަރު ޑރ. އިކްލީލް ޝަރީފް

ގުޅުންހުރި - ކޮވިޑް ކޮންޓްރޯލްކުރުމަށް އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް)ގައި އިސްކޮށް ހުންނެވި އަދި ކޮވިޑްގެ ދުވަސްވަރު އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ގިނައިން ޓީވީތަކުން ފެނިވަޑައިގެންނެވި އަލީ ލަތީފްގެ މައްޗަށް ވަނީ ކޮވިޑް ޓެސްޓު ހެދުމުގެ އެހެން މައްސަލައަކާ ގުޅިގެން ވެސް ދައުވާ ކުރުމަށް ފޮނުވާފަ އެވެ.

އެއީ ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި 'ރީއެޖެންޓްސް' ނުވަތަ ކެމިކަލް ހޯދަން އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދީފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ތަފްސީލު - މީރާއިން ބުނިގޮތުގައި ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓިންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް އެ ދެ ކުންފުނިން ހަރަކާތްތެރިވި ނަމަވެސް، އެ ތަންތަނުން މީރާއަށް ހުށަހެޅި އިންކަމް ޓެކްސްގެ ބަޔާނުގައި، ޓެކްސް ނެގޭ އާމްދަނީ ހިމަނާފައިވަނީ ވަރަށް ބޮޑަށް ދަށްކޮށްގެންނެވެ.

އެގޮތުން:

  • އައިލެންޑް ހެލްތު ސޮލިއުޝަންސް އިން ހުށަހެޅި ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނާފައެއް ނުވޭ

  • އަދި ޕައިނިއާ މޯލްޑިވްސްއިން ހުށަހެޅި ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނާފައެއް ނުވޭ 

މީރާއިން ބުނީ ޕައިނިއާ މޯލްޑިވްސްއަކީ ޕީސީއާރު ޓެސްޓިންގެ ހިދުމަތް އެންމެ އަވަހަށް ދޭން ފެށި އެއް ކުންފުނި ކަމަށާއި އާއްމުންގެ އިތުރުން ޓޫރިސްޓު ފެސިލިޓީތަކަށް ވެސް އެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދިން ކަމަށެވެ. އެކަމަކު ލިބުނު އާމްދަނީ، މީރާއަށް ހުށަހެޅި މާލީ ހިސާބުތަކާއި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށް ބުންޏެވެ.

މީރާއިން ވަނީ އެކަމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނީގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގާފަ އެވެ.

އެނގުން މުހިއްމު - ދެ ޑޮކްޓަރުންގެ އިތުރުން، ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދިން އަލީ ފަޔާޒުގެ މައްޗަށް ދައުވާ ކުރުމަށް ވެސް މީރާއިން ފޮނުވި އެވެ. އެއީ، އެނގި ހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

21 ޖެނުއަރީ 2026
މީރާވެސް މިހާރު މޮޅީ މިކަހަލަ މޮޅެތި ސުރުޚި ހަދަން. މި ފަހަކުންވެސް ހަމަ މިކަހަލަ ސުރުޚީއެއް ހެދި، މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ވިޔަފާރި ކުރާ 2 ކުންފުންޏަކުން ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވި ވާހަކައެއް. ދުވަސްކޮޅަކުން ނޭގޭކަމަށް ހަދާފައި އެ ދައުވާތައްވެސް އަނބުރާ ގެނެސްފި. މި ދައުވާތަކަށްވެސް ވާގޮތެއް ބަލަން ތިބޭތި!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް