މިނިސްޓަރު ޑރ. އަލީ ހައިދަރު. (ފޮޓޯ/ރައީސް އޮފީސް)

ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑު މުރާޖައާ ކުރަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުލިބުމުގެ ޝަކުވާތައް ލިބޭ ކަމަށް؛ ނަމަވެސް މިދިޔަ 4 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު މިހާރު ކުދިންނަށް ފައިސާ ދޫކުރަން ޖެހޭ މުއްދަތުގައި ފައިސާ ދޫކުރެވޭ މިންވަރު %75އަށް ވުރެ މަދުވާނެ ކަމަށް ވިދާޅުވި

ސަރުކާރުގެ ލޯނު އެހީގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑުގެ ގޮތުގައި ދޭ ފައިސާ މުރާޖައާ ކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'ތަރުޖަމާނާ އެކު'ގެ ނަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑްކާސްޓުގެ 5 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ސަރުކާރުގެ އެކި ސްކީމުތަކުގެ ދަށުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ވެސް ލިބޭ ކަމަށެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވީ ފައިސާ ނުލިބުމުގެ ޝަކުވާތައް ލިބުނު ނަމަވެސް މިދިޔަ 4 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިހާރު ދަރިވަރުންނަށް ފައިސާ ދޫކުރަން ޖެހޭ މުއްދަތުގައި ފައިސާ ދޫކުރެވޭ މިންވަރު %75އަށް ވުރެ މަދުވާނެ ކަމަށެވެ.

ބައެއް ކަހަލަ މައްސަލަތައް ކުރިމަތިވެ، ބައެއް ދަރިވަރުންނަށް ފައިސާ ދޫނުކުރެވި 8 ހަފްތާ ވެސް ހޭދަވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާންމުކޮށް ފައިސާ ލިބުން ލަސްވަނީ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހަމަނުވެގެން ނުވަތަ ބޭނުންވާ އަދަދަށް ފައިސާ ދޫކުރެވެން އުސޫލުގެ ތެރެއިން ނެތުމުން ކަމަށެވެ.

ފައިސާ ދޫކުރުމުގެ ކުރިން ދެ ކަމެއް ޔަގީންކުރާ ކަމަށް ހައިދަރު ފާހަގަ ކުރެއްވި އެވެ. އެއީ:

  • ދަރިވަރު ކިޔަވަން ދިޔަ ކޮލެޖު ނުވަތަ ޔުނިވާސިޓީގައި ކިޔަވާތޯ 

  • ދަރިވަރު ދޭ މައުލޫމާތު ސައްހަތޯ

މި ދެ ކަންތައް ޔަގީން ކުރުމުގެ ތެރޭ މައްސަލައެއް ދިމާވެއްޖެ ނަމަ ފައިސާ ދޫކުރުން ލަސްވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާންމު ގޮތެއްގައި ލޯނު ޕްރޮގްރާމެއް ވިޔަސް، އެހެން ޕްރޮގްރާމެއް ވިޔަސް، ފައިސާ ދޫކުރުމުގެ ސައިކަލް އަޅުގަނޑުމެން އެބަ ފަށަން މުއްދަތު ހަމަވުމުގެ ދެ މަސް ކުރިން. ދެ މަސް ކުރިން ފަށައިގެން އައިސް، ގިނަ ކުދިންނަށް، %75 ކުދިންނަށް ލާރި ހުރީ ބަރާބަރަށް ދެއްކިފައި،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވަނީ ފައިސާ ލިބުން އަވަސް ކުރުމަށް ދަރިވަރުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތާއި ލިޔުންތައް ވީހާ ވެސް އަވަހަކަށް، ވަގުތު އޮއްވާ ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ދަރިވަރުން ވެސް ވީހާ ވެސް އަވަހަކަށް ބޭނުންވާ ޑޮކިޔުމެންޓިތައް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

"ފައިސާ ފޮނުވަން ޖެހޭ މުއްދަތުގެ ދެ މަސް ކުރިން ފަށައިގެން މި ކުރިއަށް ގެންދަނީ. ހަފްތާއަކަށް ވެފައި އޮއްވާ ފޮނުވީމާ ބައެއް ފަހަރު އޮންނާނީ ލަސްވެފައި. އެއީ ހަމައެކަނި މިނިސްޓްރީންނެއް ނޫން. މިނިސްޓްރީގެ ބަޖެޓް ސެކްޝަނުންނާއި އަދި އަޅުގަނޑުމެން އެބަ ފޮނުވަން ޖެހޭ ފިނޭންސް މިނިސްޓްރީއަށް ވެސް. ފިނޭންސް މިނިސްޓްރީން ބަލާފައި ނޫނީ ބައްލަވާފައި ނޫނީ ފައިސާ ދުލެއް ނުކުރާނެ."

މިނިސްޓަރު ވިދާޅުވީ ފައިސާ ލިބުން ލަސްވުމުގެ މައްސަލަ ދިމާވަނީ ލޯނު އެހީގައި ކިޔަވާ ކުދިންނަށް ކަމަށެވެ.

"އޭގައި މައްސަލަ އެއް ދިމާވެގެން ބަލާއިރު އެ ލޯނުގައި ކަނޑައަޅާފައި އޮންނަ ސްޓައިޕެންޑުން ނުފުދިގެން އުޅޭ މައްސަލަ އެބަ ދިމާވޭ،" ހައިދަރު ވިދާޅުވި އެވެ.

"ސްޓައިޕެންޑުގެ މައްސަލާގައި ސްޓައިޕެންޑުތައް މުރާޖައާ ކުރަން އެބަ ފަށަން. އެއީ ގާތްގަނޑަކަށް 7 އަހަރު ވެއްޖެ ކަންނޭނގެ އެއް ސްޓައިޕެންޑެއް ބޭނުންކުރާތާ. އެހެން ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ކޮންމެ ގައުމެއްގައި ވެސް އަންނަނީ އިތުރުވަމުން."

ސްޓައިޕެންޑު މުރާޖައާ ކުރުމުން އެ ގައުމެއްގައި ދިރިއުޅުމަށް އެކަށޭނަ އަދަދަކަށް ފައިސާ ދޫކުރެވޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ މިނިސްޓްރީއާ ފަސޭހައިން ގުޅޭނެ ގޮތް ހަމަޖެއްސުމަށް ވަޓްސްއެޕް ނަންބަރުތައް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން:

  • 50 ދަރިވަރުންނަށް ވުރެ ގިނަ ކުދިން ކިޔަވާ ގައުމުތަކަށް ހާއްސަ ޗެނަލްތައް ވަނީ ހަމަޖައްސާފައި

  • 25އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ގައުމުތަކަށް ވެސް ވަޓްސްއެޕް ޗެނަލްތައް ހަމަޖައްސާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް