56 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް އިބްރާހިމް (ވ)، ރަމްޒީ ހަދިޔާއަކާ ހަވާލުވެ ވަޑައިގަންނަވަނީ (ފޮޓޯ/ހެލްތު މިނިސްޓްރީ)
56 ރަށަކަށް އެމްބިއުލާންސް ދީފި
ބޭނުންޖެހިފައިވާ 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުޅަނދުތައް ހަވާލުކޮށްދެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު މި ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުން ފާހަގަ ކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތައް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށަށް ހަވާލުކުރި މި އެމްބިއުލާންސްތަކަކީ އޭގެ ތެރެއިން އެއް ކަމެވެ.
މި އެމްބިއުލާންސްތައް ހަވާލުކުރީ އެމްޕީއެލްއާ ގުޅިގެންނެވެ. އެކަމަށް ސަރުކާރުން ވަނީ 65.3 މިލިޔަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި:
-
ކުރިއަށް އޮތްތަނުގައި އިތުރު އެމްބިއުލާންސްތައް ހަވާލުކުރާނެ. އެގޮތުން އިތުރުން 31 ރަށަކަށް އެމްބިއުލާންސް ދިނުމަށް ވަނީ ނިންމާފައި
-
ބޮޑެތި ރަށްރަށުގައި ބޭނުން ކުރުމަށް، ބޮޑެތި ސައިޒުގެ ޕެރެމެޑިކް އެމްބިއުލާންސް އާއި ނުރައްކާތެރި ހާލަތްތަކުގައި ހިދުމަތް ދެވޭ ފެންވަރުގެ އެމްބިއުލާންސް ގެންނާނެ
-
އެމްބިއުލާންސްތައް މަރާމާތުކޮށް ބަލަހައްޓާނީ އެމްޕީއެލުން
މިނިސްޓަރު ވަނީ އެމްބިއުލާންސްގެ ހިދުމަތް މިހާތަނަށް އެންމެ އެދެވޭ ގޮތަށް ފޯރުކޮށްނުދެވޭކަން ފާހަގަ ކުރައްވާފަ އެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި އޭނާ ނެންގެވީ، މަރާމާތު ނުކުރެވި އުޅަނދު ހަލާކުވުމެވެ.