ހައްޖަ އާއި ސައިފް: ސައިފް ބަލިކޮށް ހައްޖަ ވަނީ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީން ނިކުންނަވާ ކެންޑިޑޭޓުގެ ޓިކެޓް ހޯއްދަވާފައި

ސައިފް ފާތިހު

އެމްޑީޕީ ޕްރައިމަރީ: ސައިފް ބަލިކޮށް ހައްޖަގެ ތަރި އަރައިފި

ސައިފަކީ މިހާރު ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު؛ ޕްރައިމަރީގައި އޭނާ ވާދަކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާއަށް

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ އެ ޕާޓީން ބޭއްވި ޕްރައިމަރީގައި މިހާރު މާލޭ ސިޓީ ކައުންސިލްގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރު މުހައްމަދު ސައިފް ފާތިހަށް ނާކާމިޔާބު ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުރެ އުފެއްދެވި ދަ ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު މިފަހުން އެމްޑީޕީއާ އަލުން ގުޅުނު ސައިފް ވާދަކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ހަދީޖާ މުހައްމަދު (ހައްޖަ) އެވެ.

އިއްޔެެގެ އިންތިހާބުގައި ސައިފް ބަލިކުރައްވާ ޓިކެޓު ކާމިޔާބު ކުރެއްވި ހަދީޖާ (ކ)

ތަފްސީލް - އިއްޔެ ބޭއްވި އިންތިހާބުގައި ސައިފް އަށް ލިބިވަޑައިގަތީ އެ ދާއިރާ އަށް ވޯޓު ލީ މެންބަރުންގެ:

  • %26؛ އެއީ32 ވޯޓް 

  • ހަދީޖާ އަށް %68؛ އެއީ85 ވޯޓްް 

ސައިފް ފާހަގަ ކުރެވެނީ މިފަހަކަށް އައިސް މާލޭ ސިޓީ ކައުންސިލްގެ ތެރެއިން ހިންގާ ކޮރަޕްޝަނާއި، ނުރަނގަޅު ކަންތައްތަކާ މެދު އަޑު އުފުއްލަވާ ކައުންސިލަރެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ބައެއް ކަންކަމާ އޭނާ ކަންބޮޑުވެ ވަޑައިނުގަތް މަންޑުން ހުންނެވި ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން އޮވެ އެވެ. 

ހަދީޖާ ފާހަގަ ކުރެއްވެނީ އެމްޑީޕީގެ އަންހެނުންގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް މެންބަރުގެ ގޮތުގަ އެވެ. އެގޮތުން މަގުމަތީ ހަރަކާތްތަކާއި އެހެން ވެސް ޕާޓީގެ ހަރަކާތްތަކުގެ އިސް ސަފުން އޭނާ ފެނެ އެވެ. އަދި ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ވެސް އޭނާ ވަރަށް ގިނައިން ވާހަކަ ދައްކަވަ އެވެ. 

އިއްޔެ ބޭއްވި ޕްރައިމަރީގައި އެންމެ ވާދަވެރިކޮށްދިޔަ މާލޭ މޭޔަރުގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އެވެ.

ހަދީޖާ ކެމްޕޭން ކުރެއްވީ އާދަމް އާޒިމްގެ ޓީމްގަ އެވެ. އެހެން ނަމަވެސް، ސައިފް ހުންނެވީ އަލީ އާޒިމްގެ ޓީމްގަ އެވެ. ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު ކެމްޕޭން ކުރެއްވީ އަލީ އާޒިމް ހޮވުމަށެވެ. ސޯލިހު ފާޅުގައި ކެމްޕޭން ނުކުރެއްވި ނަމަވެސް، އޭނާގެ ސަޕޯޓަރުންނާއި ޓީމުން މަސައްކަތް ކުރެއްވީ އާދަމް އާޒިމް ހޮވުމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް