ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑު ލިބުނު ފަރާތްތައް. މި އެވޯޑު ރާއްޖޭން ލިބުނީ ފ. އަތޮޅު ތައުލީމީ މަރުކަޒަށް

ތައުލީމު

ފ. އަތޮޅު ތައުލީމީ މަރުކަޒަށް 150،000 ޑޮލަރުގެ އިނާމެއް

މިއީ މި އިނާމު ހޯދި ރާއްޖޭގެ ތިން ވަނަ ސްކޫލު

ސާފު ހަކަތަ އާއި ފެނާއި ކާނާ އަދި ސިއްހީ ހިދުމަތްތަކާ ގުޅޭގޮތުން ފާހަގަކޮށްލެވޭ މަޝްރޫއުތަކަށް ޔުނައިޓެޑް އެރެބް އެމެރޭޓްސް (ޔޫއޭއީ) އިން ދޭ 150،000 ޑޮލަރުގެ އިނާމު، ރާއްޖޭގެ ފ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ.

ވީ ކިހިނެއް؟ - ޔޫއޭއީގެ ފައުންޑަރު ޒައިދު ބިން ސުލްތާން އަލް ނަހްޔާން ހަނދާނުގައި އެ ގައުމުން ކޮންމެ އަހަރަކު ވެސް ދޭ، 'ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް'އަކީ ދެމެހެއްޓެނިވި ހަކަތަ އާއި ސިއްހަތާއި ތައުލީމާ ގުޅުން ހުރި މަޝްރޫއުތަކަށް ދޭ އިނާމެކެވެ. މި އިނާމު، މީގެ ކުރިން ވަނީ ރާއްޖޭގެ އައްޑޫ ހައި ސްކޫލާއި ހިރާ ސްކޫލު ހޯދާފަ އެވެ.

މި އެވޯޑު ހޯދުމަށް، އެ ސްކޫލުން ހުށަހެޅި މަޝްރޫއަކީ މުޅި ސްކޫލު އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްލުމެވެ. ދަރިވަރުން އިސްވެ ތިބެ، މުޅި ސްކޫލުގައި ސޯލާ ޕެނަލް ހަރުކޮށްފި ނަމަ، ކަރަންޓަށް ދެން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް، 'ދައުރު'އާ ކުރިން ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި އެވޯޑު ހަވާލުކޮށްފައިވަނީ، 'ޒައިދު ސަސްޓެއިނެބިލިޓީ ވީކް' ފެށުމަށް އިއްޔެ އަބޫދާބީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި އެ ސްކޫލު ހުންނަ، ފ. ނިލަންދުއަށް އުފަން އަދި ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ހަލީލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުރިން ދެއްވި އިންޓަވިއުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލުގެ ކަރަންޓަށް، އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ މަހަކު ވެސް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. އެހެންވެ، ސޯލާ ޕެނަލްގެ އެހީގައި ސްކޫލަށް ކަރަންޓު ދެވިއްޖެ ނަމަ އެއީ ސަރުކާރަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އުފެއްދޭ ކަރަންޓު، ފެނަކައިގެ ފީޑަށް ގުޅައިގެން އެއިން އާމްދަނީ ވެސް ހޯދިދާނެ ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް