ދަށްފަޅުގައި މަޑުކޮށްގެން ތިބި ގުޑުގުޑާ ދޫނިތަކެއް. މިތަން މިހާެރު ތަރައްގީ ކުރަން ނިންމާފައިވަނީ ޓޫރިޒަމްއަށް (ފޮޓޯ/ތައްނި ފޮޓޯސް)

ލޯކަލް ޓޫރިޒަމް

ފުނަދޫ ދަށްފަޅު: 'ޓޫރިޒަމްގައި އުތުރަށް އިންގިލާބެއް ގެނެވޭނެ'

ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދަށްފަޅު އެ ރަށު ކައުންސިލުން ތަރައްގީ ކުރަން ނިންމާފައިވަނީ ނޭޗާ ޕާކެއްގެ ގޮތުގައި

ށ. ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަތިލަ ނުވަތަ ދަށްފަޅަކީ މިހާރު ވެސް ގިނަ ބަޔަކު އާޝޯހުކޮށްލާ ފަދަ ރީތިކަމެއް ލިބިފައިވާ ތަނެކެވެ. ސާފު ރީތި މޫދާއި އެކި އިރުއިރަށް ފެންނަ މޫސުމީ ދޫނިތައް އަބަދުހެން އެތަނުގައި އުޅެ އެވެ. ކެއުމަށް ބޭނުންކުރާ ޒާތުގެ 'މަޑް ކްރެބް' ނުވަތަ ނޫމާ ކަކުނި ދަށްފަޅުން ހިފަ އެވެ.

ފުނަދޫ ކައުންސިލްގެ ވިސްނުމަކީ އެ ރީތިކަން ގިނަ ބަޔަކަށް ދައްކާލުމަށް އެތަނުގައި ޓޫރިޒަމް ފައްކާކުރުމެވެ.

ދަށްފަޅުގައި ބަޔަކު ކެނޯ ދުއްވަނީ (ފޮޓޯ/ދަށްފަޅު ފޭސްބުކްޕޭޖް)

"އަޅުގަނޑުމެން ޕްލޭންކޮށްފައިވާ ގޮތަށް ގޮސްފިއްޔާ، އިރާދަކުރެއްވިއްޔާ ޓޫރިޒަމްގައި މުޅި އުތުރަށް އިންގިލާބެއް ގެނެވޭނެ،" ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވި އެވެ.

ދަށްފަޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް 50 ކޮޓަރީގެ ހޮޓަލެއް ތަރައްގީކުރަން ނިންމައި ބީލަމަށް މިހާރު ވަނީ ލާފަ އެވެ. މާދަމާ ބީލަމުގެ މުއްދަތު ހަމަވާއިރު، ދެ ފަރާތަކުން މިހާރު ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ ރާއްޖޭގެ ބަޔަކާއި ބޭރުގެ ބަޔެކެވެ.

އަހުމަދު ވިދާޅުވީ، ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެރަށާއި ކުޑަހުރައެއްގެ ދޭތެރޭގައި އޮންނަ މިތިލަ، ޓޫރިސްޓުންނަށް ވިއްކާނީ އޭގެ ގުދުރަތީ ރީތިކަމާއި ސިފަތައް ނުގެއްލޭގޮތަށް، 'ނޭޗާ ޕާކެއް'ގެ ގޮތަށެވެ.

ކައުންސިލުން މިހާރު ކުރަހާފައިވާ ޕްލޭނުގައިވާ ގޮތުން ކޮޓަރިތައް އަޅާނީ ދަށްފަޅުގައި އޮންނަ ކުޑަރަށުގަ އެވެ. އެތަން މައި ރަށާ ގުޅާލާނީ ބްރިޖަކުންނެވެ. ކޮންމެ އަހަރަކުހެން މިހާރު އެތަނަށް ޒިޔާރަތް ކުރާ މޫސުމީ ދޫނި، ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނި ބެލުމަށް ވަކި ޕްލެޓްފޯމެއް އަޅާނެ އެވެ. ކަކުނި އާލާކުރެވޭނެ ގޮތްތަކާއި ފެންމަތީގައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ހިންގޭ ގޮތަށް ވެސް ތަރައްގީ ކުރުމަށް ޕްލޭނުގައި އޮވެ އެވެ.

ދަށްފަޅާއި ފުނަދޫ ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/ދަށްފަޅު ފޭސްބުކްޕޭޖް)

ބްރިޖުގެ އުތުރު ފަޅި ބޭރުގެ ޓޫރިސްޓުންނަށް ހާއްސަކުރާއިރު، ދެކުނު ފަޅި ހާއްސަ ކުރާނީ ލޯކަލް ޓޫރިޒަމްއަށެވެ.

އަހުމަދު ވިދާޅުވީ ޕްލޭނުގައި މިގޮތަށް އޮތް ނަމަވެސް، އެތަން ތަރައްގީ ކުރާނެގޮތް މުޅިން ނިންމާނީ، އެތަން ހެދުމަށް ޝައުގުވެރިވާ ފަރާތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ރާއްޖޭގައި އެންމެ ބޮޑު ކުޅި އޮންނަ ނ. ކެނދިކުޅުދޫގެ އެ ސަރަހައްދު ވެސް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ނޭޗާޕާކެއްގެ ގޮތަށެވެ. އަހުމަދު ވިދާޅުވީ، ދަށްފަޅުގެ ކޮންސެޕްޓް ތައްޔާރުކުރުމުގައި، ކެނދިކުޅުދޫގެ ތަޖުރިބާއަށް ބެލި ކަމަށެވެ. އަދި ދަށްފަޅު ތަރައްގީކުރާނީ އެއަށް ވުރެ މާފުރިހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަން ހަދާނީ، އެންމެން ވެސް އުތުރުން އެންމެ ދާން ބޭނުންވާ މަންޒިލެއްގެ ގޮތުގައި،" އަހުމަދު ވިދާޅުވި އެވެ.

ދަށްފަޅުގެ ކުޑަރަށުގައި މަޑުކޮށްލައިގެން ތިބި ދޫނިތަކެއް (ފޮޓޯ/ދަށްފަޅު ފޭސްބުކްޕޭޖް)

އޭނާ ވިދާޅުވީ މިހާރު ޕްލޭންކޮށްފައިވާ ގޮތަށް ކަންކަން ގޮސްފި ނަމަ، ދެ އަހަރު ފަހުން އެތަން ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ހުޅުވާލެވޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް