މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާއެއްގައި އިބްރާ ވާހަކަދައްކަވަނީ. (ފޮޓޯ/ ހުސެއިން ވަހީދު/ މިހާރު)

މަތީ ތައުލީމު

އިބްރާހިމް އިސްމާއިލްގެ މަލާމާތާއި ފިޒާނާގެ ނުރުހުން: 'ޔުނިވަސިޓީ ދަރަޖަ ދެވޭނެ ކޮލެޖެއް ނެތް'

ޔުނިވަސިޓީގެ ބިލް މިހާރު ތަސްދީގުކޮށްފައިވާއިރު، އެކަމާ ގުޅޭ ގަވައިދު ހެދުމަށް އަންނަނީ މަސައްކަތް ކުރަމުން. އެކަމަކު ތަޖުރިބާކާރުން އެކަމަށް ފާޑުވިދާޅުވި.

ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި 15 އަހަރު ހިންގާފައިވާ ތަންތަނަށް ޔުނިވަސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން، ތައުލީމީ ދާއިރާގެ ބައެއް އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔުނިވާސިޓީގެ ދަރަޖަ ލިބޭނެ ޝަރުތައް ލުއިކޮށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އެ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ތަސްދީގު ކުރައްވާފަ އެވެ.

މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ، 'ޕްރައިވެޓް ޔުނިވަސިޓީއާ ބެހޭ ގަވައިދު' އެކުލަވާލުމަށެވެ. އަދި އެއާ ގުޅޭގޮތުން ތައުލީމީ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްކިއުއޭގެ ބައްދަލުވުމެއްގައި އެތަނުގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު (ވ) އާއި އިތުރު ބަޔަކު ބައިވެރިވަނީ (ފޮޓޯ/އެމްކިއުއޭ)

ތަފްސީލް - އެކަމަކު އެކަމަށް، ތައުލީމީ ތަޖުރިބާކާރު އަދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ)ގެ ބަހެއް ހޯއްދެވުމަށް އެ މިނިސްޓްރީން ފޮނުވި ސިޓީއަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގަވައިދުގެ ޑްރާފްޓެއް ފޮނުވުމަށް ފަހު އެދިފައިވަނީ ދެ ދުވަސް ތެރޭގައި އެއަށް ޖަވާބެއް ދިނުމަށެވެ.

"ކޮލެޖުތަކުން މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެންމެ ދުވަހެއްގެ ތެރޭގައި ބަހެއް ބުނެވޭނެތޯ؟ ހުރިހާ ކަމެއް ހުއްޓާލާފައި ދެ ދުވަސް ވާންދެން މިކަމާ ގުޅޭ ގޮތުން ރިސާޗު ހަދައި ކޮމެންޓު ދޭނެ ކަމަށް އުއްމީދު ކުރަނީތޯ،" ފޭސްބުކްގައި އޭނާ ލިޔުއްވި އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި، އޭނާއަކީ ވެސް ރާއްޖޭގެ ތައުލީމީ ދާއިރާގެ އެންމެ ތިރީ ހަރުފަތުން ފެށިން އެންމެ މަތި ހަރުފަތްތަކުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެ ދާއިރާއިން ކިޔަވާ ވިދާޅުވެ، ތައުލީމީ ތަޖުރިބާކާރުންނާ މިހާރު ވެސް ގާތްގުޅުން ބާއްވާ ބޭފުޅެކެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކު، އެއީ ރަނގަޅު ކަމެއް ކަމަށް ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުން އިސްލާހު ފާސްކުރި އިރު، އެކަމާ ގުޅޭ ކޮމިޓީގައި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އެކަމަށް ދެކޮޅު ހެއްދެވިކަން، 'އެންމެ މަޖާކަމެއްގެ ގޮތުގައި' ފާހަގަ ކުރެއްވި އެވެ.

އިބްރާހިމް އިސްމާއީލްގެ މި ވާހަކަތަކަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވެސް ތާއީދު ކުރެއްވި އެވެ.

ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި 15 އަހަރު ހިންގާފައިވާ ތަންތަނަށް ޔުނިވަސިޓީގެ ދަރަޖަ ދޭން ހުއްދަ ދިން ނަމަވެސް، ފިޒާނާ ވިދާޅުވީ އެ މަގާމު ދެވޭ ވަރުގެ ކޮލެޖެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ގައުމީ ޔުނިވަސިޓީގެ ބައެއް ކަންކަން ވެސް ރަނގަޅު ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވަނީ އެމްކިއުއޭއިންނާއި އެހެން ސްޓޭކްހޯލްޑަރުން އެކަމާ ގުޅޭ ގޮތުން ދިން ހިޔާލަށް، މަޖިލީހުން ރިއާޔަތްކޮށްފައި ނުވާތީ އެކަމާ ހިތާމަފާޅުކުރައްވާފަ އެވެ.

ޔުނިވަސިޓީ މި ބިލްއަކީ މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ހުށަހަޅައިގެން، ވަރަށް ބޮޑަށް މަޝްވަރާ ކުރި ބިލެކެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމަށް ފުރަތަމަ ހުށަހެޅީ:

  • ނިމިދިޔަ 19 ވަނަ މަޖިލީހުގައި، 2022 ވަނަ އަހަރު 

  • އެ އިސްލާހު އޭރު މަޖިލީހަށް ހުށަހެޅުއްވީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް 

  • ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އެ މަޖިލީހުން އެ އިސްލާހު ވަނީ ބޭރުކޮށްލާފައި

އާ މަޖިލިސް ފެށުމުން އަލުން އެ ބިލް ވަނީ ސަރުކާރުގެ ފަރާތުން އަލުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. 

ސިޔާސީ ބައެއް އިދިކޮޅު މީހުންނާއި ތައުލީމީ ތަޖުރިބާކާރުން ފާޑުވިދާޅުވަނީ އެ ބިލަކީ ވިޔަފާރިވެރިޔާ އަދި ވިލާ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމަށް ފަހާފައި އޮތް ކޯޓެއް ކަމަށް ވިދާޅުވަމުންނެވެ. އެކަން އިބްރާހިމް އިސްމާއިލް ވެސް ތަކުރާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ:

  • މުޅި 'މި ކަންތައްގަނޑަކީ' ވެސް ވިލާ ކޮލެޖަށް ޔުނިވަސިޓީގެ ދަރަޖަދީ، އެހެން އެއްވެސް މަރުކަޒަކަށް އެ ދަރަޖަ ނުހޯދޭނެ ގޮތަށް، ތައުލީމީ ނިޒާމު ތަޅުލުމަށް ޖަހާ ސަކަރާތެއް ކަމަށް

  • ޕްރައިވެޓް ޔުނިވަސިޓީތަކާ ގުޅޭ މި ހުރިހާ ކަމަކީ ވެސް ކޮރަޕްޝަނުގެ އަމަލެއް ކަމަށާއި އެކަމުގައި ބައިވެރި ނުވާނެ ކަމަށް

"އެންމެ މަޖާ ކަމަކީ މަޖިލީހުގެ ކޮމިޓީގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ދެކޮޅު ހެދި ކަމެވެ. އެކަމަކު ފަލާހު މާ މޮޅުވާނެތާ އެވެ،" ކޮމިޓީގައި އެކަމަށް ވަކާލާތު ކުރެއްވި، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހަށް އިޝާރާތް ކުރައްވައި އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

"އޭނާއަށް ހީވަނީ ޔުނިވަސިޓީއެއް ބިނާކުރުމަކީ ވެސް ފަށަންމަތީ މަޑޫ ބަހައްޓާފައި، އިއްޔާއި ކަބީލާ ހެޔޮވަރުކޮށްފައި، ބޮޑު މަރުތޭލުން ތިން ބޮޑި އެޅީމާ ނިމޭނެ ކަމެއް ކަމަށެވެ." 

އޭނާ ވަނީ މިކަމާ ގުޅޭ ގޮތުން މިހާރު ސްޓޭކްހޯލްޑަރުންގެ ބަހެއް ހޯދަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް