ވައިކަރަދޫ ރަޝީދު.

މަރު

އޮޑިޓު އަދި މާލީ ދާއިރާގެ ހިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު އަވަހާރަވެއްޖެ

ރަޝީދު އަވަހާރަވީ އުމްރާގެ އަޅުކަމަށް ވަޑައިގެން އުޅުއްވަނިކޮށް އިއްޔެ މައްކާގައި

އޮޑިޓު އަދި މާލީ ދާއިރާގެ ހިދުމަތްތެރިޔާ އިބްރާހިމް ރަޝީދު (ވައިކަރަދޫ ރަޝީދު) އިއްޔެ އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރަޝީދު އަވަހާރަވީ އުމްރާގެ އަޅުކަމަށް ވަޑައިގެން އުޅުއްވަނިކޮށް މައްކާގަ އެވެ.

ތަފްސީލް - ރަޝީދުގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ އޭނާ އަވަހާރަވީ ދެ އުމްރާކޮށް، ތިން ވަނަ އުމްރާއަށް އިހުރާމު ބަންނަވައިގެން ހުންނަވަނިކޮށް ކަމަށެވެ.

ދައުލަތަށް 36 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ރަޝީދުގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަވަނީ އޮޑިޓުގެ ދާއިރާގެ އިތުރުން ދައުލަތުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތުގަ އެވެ.

  • ހާއްސަކޮށް ޓޫރިޒަމްގެ ދާއިރާގައި އޭނާ އަކީ ފާހަގަ ކުރެވޭ އޮޮޑިޓަރެއް

  • ރާއްޖޭގެ އެންމެ ފުރަތަމަ އެއް ރިސޯޓު، ބަނޑޮހުގައި ދިވެހި އޮޑިޓަރެއްގެ މަގާމު އަދާކުރެއްވީ ރަޝީދު

  • ވަރަށް ފަހަކާ ޖެހެންދެން ރިސޯޓުތަކުގައި އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި

އޮޑިޓު އޮފީހުގައި މަސައްކަތް ކުރައްވަނިކޮށް 1981 ވަނަ އަހަރު ފިނޭންސް މިނިސްޓްރީގެ ވަޒީފާއަށް ބަދަލު ކުރެއްވުމުން ދެން އުޅުއްވީ ބަޖެޓު ހެދުމުގެ މަސައްކަތުގަ އެވެ. އޭރުން ފެށިގެން ބަޖެޓުގެ މަސައްކަތުގައި އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފައްދަވާ އެ ކޮމިޝަނުގެ ވަޒީފާއަށް ބަދަލު ކުރެއްވި އެވެ. އޭގެ ފަހުން ވެސް ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ.

އުމުރުން 65 އަހަރު ވުމުން ދައުލަތުގެ ރަސްމީ ވަޒީފާ އިން ރިޓަޔާ ކުރެއްވި ނަމަވެސް ބަޖެޓުގެ މަސައްކަތުގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރެއްވި އެވެ.

ރަޝީދުގެ ހާއްސަ އަނެއް ހިދުމަތަކީ ލިޔުންތެރިކަމެވެ. ރާއްޖޭގައި ނެރުނު 'އާބާރު' ނޫހުގެ އެއް މުވައްސިސަކީ އޭނާ އެވެ. މީގެ އިތުރުން ބައެއް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ވެސް ވަނީ ކުރައްވައިފަ އެވެ. އެގޮތުން:

  • މައުމޫނުގެ ފުރަތަމަ 5 އަހަރާއި ދެ ވަނަ ފަސް އަހަރު އަދި ތިން ވަނަ ފަސް އަހަރު ފޮތްތައް ލިޔުއްވުމުގެ އެންމެ އިސް އެއް މޭސްތިރިއަކީ ވެސް ރަޝީދު

  • ރަޝީދު ލިޔުއްވާފައިވާ އެކައުންޓިންއާ ގުޅޭ ފޮތެއް ކޮލެޖުތަކުގައި ކިޔަވައިދޭން މިހާރު ވެސް ބޭނުންކުރޭ

  • ފިނޭންސް މިނިސްޓްރީގެ ތާރީހާ ގުޅޭ ފޮތެއް ވެސް ލިޔުއްވި

ރަޝީދު އަވަހާރަވި އިރު ދެ ފޮތެއް ޗާޕު ކުރުމުގެ މަސައްކަތް ގެންދެވީ ކުރައްވަމުންނެވެ. އެއް ފޮތަކީ 'ސުންބުލި' ކިޔާ ތަފާތު މައުލޫމާތު އެކުލެވޭ ފޮތެކެވެ. އެ ފޮތުގައި ދިވެހި ބަހުން ގުނުމުގައި ގެންގުޅޭ ބަސްތަކާއި މިނެކިރުމުގައި ގެންގުޅޭ މިންގަނޑުތައް އަދި ނަވަތަ އާއި އެނޫން ވެސް އާންމު މައުލޫމާތު ހިމެނެ އެވެ.

ދެން މަސައްކަތް ކުރެއްވީ އޮޑިޓާ ގުޅޭ ފޮތެއް ނެރުއްވުމަށެވެ. އެ ފޮތަކީ އޮޑިޓު ކުރާނެ ގޮތާ ބެހޭ ގޮތުން 1976 ވަނަ އަހަރު ރަޝީދު ލިޔުއްވާފައިވާ ފޮތެކެވެ.

ހަމުގެ ބަލިތަކުގެ ޑޮކްޓަރު މަރުހޫމް ޑރ. އާދިލް ރަޝީދަކީ ރަޝީދުގެ ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް