ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ސަނީ އުމަރު ދިރިއުޅުނު ހ. އަދުންގޭގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖިންސީ ގޯނާ

ސަނީ އުމަރު އެ ގެއަށް ގެންދިޔުމުން އާއިލާގެ ނުރުހުން: 'ކޯޓު އަމުރު އޮތީ ވެސް ނުބައިކޮށް'

އެ އާއިލާއިން ބުނި ގޮތުގައި، ސަނީ އުމަރު ދިރިއުޅުނު ތަން ބަލައި ފާސް ކުރަން ފުލުހުން އަންނަން ވާނީ ހައްޔަރު ކުރިތާ މަހެއްހާ ދުވަސް ފަހުން ނޫން ކަމަށް

އަނބިމީހާގެ އާއިލާގެ ކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުގައި ހުރި ސަނީ އުމަރު ދިިރިއުޅުނު ގެއަށް މިއަދު އޭނާ ގެންދިއުމުން އެ ގޭގެ އާއިލާއިން ފުލުހުންނަށް ނުރުހުން އަމާޒުކޮށްފި އެވެ.

ވީ ކިިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގަމުން ދިޔަ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މީގެ މަސްދުވަސް ކުރިންނެވެ.

ޝަރީއަތް ނިމެންދެން ބަންދުގައިކޮށްފައި ހުރި ސަނީ އުމަރު ދިރިއުޅުނު ގޭގެ އެޕާޓްމަންޓް އޭނާގެ ހާޒިރުގައި ފުލުހުން ވަނީ މިއަދު މެންދުރުފަހު ބަލައި ފާސްކޮށްފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ސަނީ އުމަރު ދިރިއުޅުނު ހ. އަދުންގޭގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލު - ފުލުހުން ބަލައި ފާސްކޮށްފައިވަނީ ސަނީ އުމަރުގެ އަނބިމިހާ ދިރިއުޅޭ ހ. ސިޓްރަސްގޭ ތިން ވަނަ ފަންގިފިލާގެ އެޕާޓްމެންޓެކެވެ. އެ ގެއަށް ވަނަންނަން ފުލުހުން ބޭނުން ކުރީ ހ. އަނދުންގޭގެ ދޮރެވެ. މި ދެ ގެއަކީ ވެސް ދެފަޅިކޮށްފައިވާ، ބޮޑު އެއް އާއިލާއަކަށް ނިސްބަތްވާ ދެ ގެ އެވެ.

ބަލައި ފާސްކުރުމަށް ފަހު، ކާރަށް އެރި ވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި އެވެ.

ހ. އަދުންގޭގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، ފުލުހުން އޭނާ ކާރަށް އަރުވައިގެން ގެންދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ފުލުހުން ސަނީ އުމަރު ކާރަށް އަރުވައިގެން ގެންދިޔަ ވަގުތު އެ ގޭގެ އާއިލާ މީހުން ނުރުހުން ފާޅު ކުރަމުން ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސަނީ އުމަރު ކާރަށް އަރުވައިގެން ގެންދިޔަ ފަހުން އާއިލާއިން ވަނީ ނޫސްވެރިންނާ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން، އެ އާއިލާއިން ބުނީ:

  • ފުލުހުން އެ ގެއަށް އަދުން ގޭގެ ދޮރިން ވަދެގެން ގޮސް، އެ ގޭގެ ވެރިންގެ ހުއްދައެއްވެސް ނެތި އަދި ކޯޓު އަމުރެއް ވެސް ނުދައްކާ

  • ފުލުހުން ކަންތައް ކުރި ގޮތުން ސަނީ އުމަރުގެ ފަރާތުން އަނިޔާ ލިބުނު ކުދިން އިތުރަށް ވިކްޓިމައިޒްވުމަށް ފުރުސަތު ހުޅުވިގެން ދިޔަ

  • ކޯޓު އަމުރުގައި އޮތީ ސިޓްރަސްގެ؛ ނަމަވެސް ފުލުހުން ވަދެފައިވަނީ އަދުންގޭގެ ދޮރުން 

  • އާދައިގެ ހެދުމުގައި ތިބި ފުލުހުން ސަނީ އުމަރު ގޮވައިގެން އައީ ބިޑި ވެސް ނާޅުވާ

"އޭނާ ހައްޔަރުކުރުމުން އަހަރެމެން ތިބީ ވަރަށް އުފަލުން. ފުރަތަމަ ހައްޔަރު ކުރިއިރު ދޫކޮށްލާނެ ކަމަށް ބިރު ވެސް ގަތް. އެކަމަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުން ކިރިޔާ މި އާއިލާއަށް ހަމަޖެހިގެން ނިދުނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އަހަރެމެންގެ ސުވާލަކީ، ހައްޔަރުކޮށްގެން މަހެއްހާ ދުވަސް ފަހުންތޯ ފުލުހުން އެޕާޓްމަންޓް ބަލަން އަންނަންވީ؟ އޭގެ ކުރިން ނައީ ކީއްވެ؟ އަދި އައި އިރު ވެސް ކޯޓު އަމުރު އޮތީ ނުބައި އެޑްރެހެއްގައި."

ފުލުހުން އެ އާއިލާއަށް ދެއްކި ކޯޓު އަމުރުގައި އޮތީ، ހ. ސިޓްރަސް ގޭގެ ތިން ވަނަ ފަންގިފިލާ އެވެ.

ފުލުހުން ހޯދަން ބޭނުންވީ ސަނީ 'ފޮރުވި' ފޯނަކާއި ލެޕްޓޮޕެއް

އެ އަމުރުގައިވާ ގޮތުން، މިދިޔަ މަހު 1 ވަނަ ދުވަހު ސަނީ އުމަރު ހައްޔަރު ކުރި އިރު، އޭނާ  އަތުގައި އޮތީ އައިފޯނު 12 ބްރޭންޑްގެ މޯބައިލް ފޯނެކެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރިިއިރު، ޒިއޯމީ ބްރޭންޑްގެ މޯބައިލް ފޯނެއް ކަމަށް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން، މީނާގެ ފޯނު އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖަކަށް ލެޕްޓޮޕުން ހަޑިހުތުރު މަންޒަރު ދެއްކި ކަމަށް ކިޔައިދީފައިވާތީ، މީނާގެ ލެޕްޓޮޕް، ފޯނު ނުވަތަ އެހެން ވެސް އިލެކްޓްރޯނިކް ޑިވައިސްތައް ހޯދުމަށް،" އެ އެޕާޓްމަންޓް ބަލައި ފާސް ކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި އެ އަމުރުގައި ލިޔެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (1)

އޯކޭ

6 ޖެނުއަރީ 2026
ކޯޓު އަމުރެއް އޮވެފައި ވަންނަން ބޭނުންވާ ތަނަކަށް ވަދެވެނީ ގެއެއްގެ އެތެރެއިން ކަމުގައިވާނަމަ ފުލުހުން ވަނީ ގޯސްކޮށެއް ނޫން.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް