ފޮރިން މިނިސްޓްރީ ހިންގަމުން އަންނަ ފަތުހުﷲ ޖަމީލް ބިލްޑިން (ފައިލް ފޮޓޯ/ ޕީއެސްއެމް)

ޔަމަން

ސައުދީ-ޔޫއޭއީގެ ނުތަނަވަސްކަން: ޔަމަނުގެ ގާނޫނީ ސަރުކާރަށް ރާއްޖޭން ތާއީދު ކުރާ ކަމަށް ބުނެފި

މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލުން ނިންމާފައިވާތީ އެކަމަށް ރާއްޖޭން ވަނީ މަރުހަބާ ކިޔާފައި

ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ގާނޫނީ ސަރުކާރަށް ރާއްޖޭން ތާއީދު ކުރާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔަމަނުގެ އެއްބައިވަންތަކަމަށާއި ޓެރިޓޯރިއަލް އިންޓަގްރިޓީއަށް ތާއީދުކޮށް ރާއްޖޭން މިއަދު ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޔަމަނުގެ މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށެވެ.

ތަފްސީލް - މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ރާއްޖޭން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެ މަޝްވަރާތައް ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ކުރިއަށް ގެންދަން އެ ގައުމުން އިސްނަގާފައިވާތީ އެކަމަށް ވެސް އެ ބަޔާނުގައި ވަނީ މަރުހަބާ ކިޔައިފަ އެވެ. މިއީ ޔަމަނުގެ ސަލާމަތާއި ހަމަޖެހުން އަދި ރައްކާތެރިކަން ދެމެހެއްޓުމަށް ސައުދީން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - ޔަމަނުގެ ދެކުނުގެ މަސްރަހަށް އައި ކުއްލި ބަދަލުތަކަކާ ގުޅިގެން، ސައުދީ އާއި ޔޫއޭއީ ދެމެދުގައި ކުރިން ފެނިފައި ނުވާ ފަދަ ސީދާ ކުރިމަތިލުންތަކެއް ވަނީ ފެށިފަ އެވެ.

މި ދެ ގައުމަކީ ވެސް ޔަމަނުގެ ދިގުލީ ދާހިލީ ހަނގުރާމައިގައި، އެ ގައުމުގެ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރާ ދެ ގައުމެވެ. ނަމަވެސް، މި އިއްތިހާދުގެ މެދުގައި އުފެދުނު މައްސަލަތަކުގެ ސަބަބުން، ދެ ގައުމުން މިހާރު ތާއީދުކުރަމުންދަނީ އެކި ފަރާތްތަކަށެވެ.

މީގެ ތެރެއިން އެއް ޖަމާއަތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ޔަމަނުގެ ދެކުނުގައި ވަކި ދައުލަތެއް އިއުލާނުކޮށް މިނިވަންކަން ހޯދުމަށެވެ.

މިދިޔަ ހުކުރު ދުވަހު، ޔޫއޭއީގެ ތާއީދު އޮންނަ ލަޝްކަރުން ވަނީ 'ހަނގުރާމަ' ފެށިފައިވާކަން އިއުލާނުކޮށްފަ އެވެ. އަދި ސައުދީގެ ތާއީދު އޮންނަ ސިފައިންނާއި އެ ގައުމުގެ ވައިގެ ސިފައިން ގުޅިގެން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ފަރާތުން ވަނީ ތުހުމަތުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް