އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހުކުރު ހުތުބާ

އިމެއް ނެތި ހުތުބާގެ ހުއްދަ އެންމެންނަށް ދީފި ނަމަ ދީނީ ނުތަނަވަސްކަމަކަށް ވެއްޓިދާނެ: ޝަހީމް

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަމިއްލައަށް ހުތުބާ ލިޔެ ކިޔުމުގެ ހުއްދަ ހުރިހާ ހަތީބުންނަށް ވެސް ދޭންޖެހޭ ކަމަށް. އެކަމަކު އެކަމަށް މިނިސްޓަރު ޝަހީމް ދެކޮޅު ހެއްދެވި.

އިމެއް ނެތި، ހުކުރު ހުތުބާ ކިޔުމުގެ ހުއްދަ އެންމެންނަށް ދީފި ނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މި އަހަރު ރާއްޖޭގެ މިސްކިތްތަކުގައި ކިޔާނެ ހުކުރު ހުތުބާގެ މައުލޫއުތައް ކަނޑައެޅުމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ އާއްމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އެ މީހުން ބޭނުންވާ މައުލޫއުތައް ހުށަހަޅަމުންނެވެ.

އެކަމަކު އެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑު ވިދާޅުވި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހުކުރު ހުތުބާ ދެވޭ ފެންވަރުގެ އިލްމާއި ގާބިލްކަން ހުރި ކޮންމެ މީހަކަށް ވެސް، ހުތުބާ ދިނުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ. އަދި އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުލޫއު އިހްތިޔާރުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ތަފްސީލް - މި ހިޔާލަށް ރައްދު ދެއްވަމުން ޝަހީމް އެކަމަށް ދެކޮޅު ހެއްދެވި އެވެ.

"ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވައިފި ނަމަ ދީނީގޮތުން ނުތަނަވަސް ހާލަތަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ. އަޅުގަނޑުމެން އެކަމަށް ޖާގައެއް ނުދޭނަން،" ޝަހީމް ފޭސްބުކްގައި ލިޔުއްވަމުން ވިދާޅުވި އެވެ.

ސަރުކާރުގެ ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (މެދުގައި)

ޝަހީމް ވިދާޅުވީ:

  • ރާއްޖޭގައި ހުތުބާގެ ކަންކަމުގައި އަމަލު ކުރަމުން ދަނީ ރާއްޖޭގެ މަސްލަހަތާ ގުޅޭ ގޮތަށް ކަމަށް

  • އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް

"ޑރ. އަހުމަދަށް ވަރަށް އިހްތިރާމްކުރަން. ތިކަމަށް ދެންނެވޭނީ ތިޔައީ ރަނގަޅު ވިސްނުމެއް ނޫނޭ. ރާއްޖޭގެ އެންމެހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުބަލާ ހުތުބާ ދިނުމުގެ ގާބިލްކަން ހުންނަނީ ވަރަށް މަދު އިލްމުވެރިއެއްގެ ކަމަށާއި އެކަމަށް މިހާރު ވެސް ހުއްދަ ދީފައި އޮންނަ ކަމަށެވެ. އެކަމަކު އެގޮތަށް ހުތުބާ ދެއްވާ ބައެއް ބޭފުޅުން ވެސް، ހުތުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަހަތަކަށް ގެއްލުންވާ ކަމަށް ވިދާޅުވި އެވެ.

ޑރ. އަހުމަދު ދީދީ ފާހަގަކުރެއްވި އަނެއް ކަމަކީ، ހުރިހާ މިސްކިތެއްގައި އެއް މައުލޫއުއަކަށް ލިޔެގެން، އެއް ހުތުބާއެއް ދިނުން މުހިއްމު ނޫން ކަމެވެ. އަދި އެއީ އަބަދު އަހުލާގާ ގުޅިފައިވާ މައުލޫއުއަކަށް ވާން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި:

  • ވެރިންނަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތަކަށް ނަހީ ކުރުމަކީ މި ޒަމާނުގެ ހުތުބާތަކުގައި ކޮންމެހެން ހިމަނަން ޖެހޭ ކަމެއް. އެއީ ހުލަފާއުއްރާޝިދޫންގެ ސީރަތަށް ބެލުމުން ވެސް ފެންނަން އޮންނަ ކަމެއް

  • ސަރުކާރުން ލިޔެ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ހުތުބާ ކިޔުން ލާޒިމް ކުރަނީ ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ގައުމުތަކުގައި ކަމަށް ވިދާޅުވި

އެކަމަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ އެގޮތަށް ހުތުބާ ދިނުމަށް ހުޅުވާލާފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތަކާއި ޖަމާއަތްތައް އުފެދި ހަމަނުޖެހުން އުފެދިގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހުތުބާ ދެމުން އަންނަ ގޮތާ ދިމާއަށް ދިޔުމަށް މިއަދުގެ އިސްލާމީ ގައުމުތައް މިސްރާބު ޖަހާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

"ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން، ހުތުބާގެ ނިޒާމް ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅު ގޮތަކަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އިންޝާﷲ އަޅުގަނޑުމެން ވެސް އެގޮތަށް ދަމަހައްޓާނަން،" ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

4 ޖެނުއަރީ 2026
ރައީސް މައުމޫނު އިމެއް ކަނޑައެޅުއްވީމާ، އެކަން ކަމުނުގޮސްގެން، އިދިކޮޅަށް ނިކުތް މީހުން މިހާރު އެކަން ރަނގަޅު ކަމަކަށް ހަދައިގެން ވާހަކަ ދައްކަވަނީ!؟! ޝާހީމު ތިކަމާ އެހާ ބުރަކޮށް އުޅުއްވާކަން ނުޖެހޭނެ! ވަރަށް ރަނގަޅު ޚުތުބާ ފޮތެއް އޮންނާނެ މިނިސްޓްރީ ތެރޭގައި!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް