ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ޓެސްޓު ދަތުރު ބޭއްވުން (ފޮޓޯ/އެމްއޭސީއެލް)
ހުރިހާ އެއާޕޯޓެއްގައި ރޭގަނޑު ފްލައިޓު ޖެއްސޭނެ ވަސީލަތްތައް ގާއިމްކޮށްފި
ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސޭނެ ވަސީލަތްތައް ގާއިމްކޮށްފި އެވެ. މިއާއެކު ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް މިހާރު ރޭގަނޑު ފްލައިޓު އޮޕަރޭޓް ކުރެވޭނެ އެވެ.
ވީ ކިހިނެއް؟ - ފުނަދޫ އެއާޕޯޓު މިހާރު ހިންގާ އެމްއޭސީއެލް އިން ބުނީ ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރެއްގައި ރޭގަނޑު އުދުހުންތައް ބޭއްވޭނެ މަގު ފަހިވުމަކީ ގައުމީ ފެންވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ ރަށްތަކުގެ މެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކޮށް، ދަތުރުތަކުގެ ރައްކާތެރިކަމާއި އިތުބާރު ކަށަވަރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ތަފްސީލް - މި ކާމިޔާބީ އާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އައި އިންގިލާބީ ބަދަލެއް ކަމަށެވެ.
ރޭގަނޑު ފްލައިޓްތައް އޮޕަރޭޓް ކުރަން ފެށުމުން ބަލިމީހުން އުފުލުމާއި ކުއްލި ހާލަތްތަކުގައި އަދި މޫސުން ގޯސްވާ ވަގުތުތަކުގައި ދަތުރުކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުޅި ރާއްޖޭގައި ރޭގަނޑު ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބުމުން، ފްލައިޓް ޝެޑިއުލްތަކަށް ލުއި ލިބި، ދަތުރުތައް ކެންސަލްވުމާއި ލަސްވުން މަދުވެ، އެތެރޭގެ އުދުހުންތަކަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މީގެ އިތުރުން، ކޮންމެ ވަގުތެއްގައި ވެސް މެޑިކަލް އިވެކުއޭޝަންތައް ކުރެވޭނެ މަގު ތަނަވަސްވުމަކީ ގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ބާރު އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.