ކުރީގެ މަޝްހޫރު ޑައިރެކްޓަރު ފައްތާހު: އޭނާގެ މަރުން ކެލައަށް ވަނީ ބޮޑު ހިތާމައެއް ލިބިފައި

ކުއްލި މަރު

ފައްތާހުގެ ކުއްލި ވަކިވުން؛ އިއްޔެ ބުރަކޮށް އުޅުނީ އާ އަހަރުގެ ތައްޔާރީތަކުގައި

ކެލާގެ ގެސްޓްހައުސް އެސޯސިއޭޝަނުގެ ފަރާތުން އިއްޔެ ގިނަ ވަގުތުތަކެއް އޭނާ ހޭދަކުރީ އާ އަހަރު ފާހަގަ ކުރުމަށް ރާވާ ހަރަކާތްތަކުގައި
31 ޑިސެމްބަރު 2025

މި ފެށޭ އާ އަހަރު ހއ. ކެލާގައި ފާހަގަ ކުރަން ނިންމާފައި އޮތީ ކުލަގަދަކޮށެވެ. އީދުހުޅު ގޮތަށް ރަށުގައި ބޮޑު އަލިފާންގަނޑެއް ރޯކުރުމާއި ބޮޑުބެރު ޝޯ ފަދަ ހަރަކާތްތަކެވެ. އެކަން ރާވާ އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ، ކުއްލި ގޮތަކަށް ރޭ ވަކިވި، ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލްފައްތާހެވެ.

ކެލާގެ ގެސްޓްހައުސް އެސޯސިއޭޝަންގެ ފަރާތުން އިސްމީހެއްގެ ގޮތުގައި، ވަރަށް ގިނަ ހަރަކާތްތައް ރޭވުމުގައި އިސްކޮށް އޭނާ އިއްޔެ އިރުއޮއްސެންދެން އުޅުނެވެ.

"ހަވީރު ކުޑަކޮށް މޭގައި ރިއްސާ ވާހަކަ ބުނެލި. އެކަމަކު އަނެއްހެން އެއްވެސް ވަރަކަށް ބަލިވެއެއް ނޫން އުޅުނީ،" ކެލާ ކައުންސިލްގެ މެމްބަރު މުއައްވަޒު އަބްދުﷲ ވިދާޅުވި އެވެ.

ފައްތާހު އޭނާގެ ފިލްމީ މަސައްކަތުގެ ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް

އޭނާ ވިދާޅުވި ގޮތުގައި ފައްތާހަށް ސްޓްރޯކެއް ޖެހުނީ، މަސައްކަތް މެދުކަނޑާލައި މަގްރިބު ނަމާދަށް ގެއަށް ދިޔަވަގުތެވެ. އޭނާ ނިޔާވީ، ފަރުވާ ދިނުމަށް އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ ފަހުން، އިރާކޮޅުގެ ވަގުތުގަ އެވެ.

ރާއްޖޭގެ ކުޅަދާނަ އަދި ގައުމީ އެވޯޑު ވެސް ހޯދާފައިވާ ފައްތާހު، އޭނާގެ ފިލްމީ މަސައްކަތްތައް ދޫކޮށް އުފަން ރަށަށް ހިޖުރަކުރިތާ އަށް ވަރަކަށް އަހަރުވެދާނެ އެވެ. އެ ރަށުގައި ދެ ވަނަ ފަހަރަށް ޒަވާޖީ ހަޔާތެއް ފަށައިގެން ދިރިއުޅުން އާބާދު ކުރެވޭތޯ ބެލި އެވެ. ރަށުގައި ރެސްޓޯރަންޓެއް ހުޅުވައި، ކެއްކުމާ ހަވާލުވެގެން ހުރީ އޭނާ އެވެ. ރަށުގައި ހުރި ދޮށީ ފިރިހެން ދަރިފުޅަށް ހަތަރު އަހަރުވެފައިވާ އިރު އަނބިމީހާ މިހާރު އިނީ ވިހަން ކައިރިވެފަ އެވެ.

މުއައްވަޒު ވިދާޅުވި ގޮތުުގައި ފައްތާހުގެ ފަހު ދުވަސް ވަރަށް ތަފާތެވެ. އޭނާއަކީ އަބަދުވެސް އެންމެންނާ ގުޅިގެން އުޅޭ މީހެއް ނަމަވެސް، އިއްޔެ ބެހެއްޓީ އާދަޔާހިލާފު ގާތްކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ފެންނައިރަށް މީގެ ކުރިން ހީލާފައި އައިސް ކޮނޑުގައި ޖަހާލާނެ. އެކަމަކު އިއްޔެ އަޅުގަނޑު އޭނާގެ ކެފޭއަށް ދިޔައީމަ، ބުރަކަށި މަސާޖުކޮށްދީ، ކުރިއަށްވުރެ މާގާތްކޮށް އުޅުނީ. އަޅުގަނޑަށް ވަރަށް ފާހަގަކުރެވުނު އެތަންކޮޅު،" މުއައްވަޒު ވިދާޅުވި އެވެ.

ކެލާގެ އެހެން މީހުންނަށް ވެސް އެކަން ފާހަގަވި އެވެ.

މި ފަހުން ފައްތާހު އުޅުނީ ރަށުގައި ސިޔާސީ ގޮތުން ވެސް ވަރަށް އެކްޓިވްކޮށެވެ. ޕީއެންސީގެ ޓިކެޓްގައި ރަށުގެ ރައީސްކަމަށް ކުރިމަތިލާން ނިންމައި، އެކަން އިއުލާންކުރި އެވެ. އެކަމުގެ ތެރޭގައި ވެސް މި ފަހުން ރަށުތެރޭގައި އޭނާގެ އަޑުގަދަ އެވެ.

އެންމެންނާ ވެސް ގުޅިގެން، ހީސަކަރާތުގެ ތެރޭގައި އިއްޔެ ވަރަށް ފޯރީގައި އާ އަހަރު ފާހަގަ ކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް ފައްތާހު ވަކިވުމުން ކެލައަށް ލިބިފައިވަނީ ޝޮކެކެވެ. ވިދާޅުވި ގޮތުގައި މުޅި ރަށް އޮތީ ހުއްޓިފަ އެވެ. މަގުމަތީގައި މީހުން ވަރަށް ހޭލަމޭލަ ވެ ވެސް ނޫޅޭ ކަމަށް ކަމަށް މުއައްވަޒު ވިދާޅުވި އެވެ.

ފައްތާހު: އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ކުއްލި ގޮތަކަށް

މާލޭގައި ތިބި ފައްތާހުގެ ފިލްމީ ދާއިރާގެ އެކުވެރިންނަށް ވެސް ލިބިފައިވަނީ ފުން ހިތާމައެކެވެ. އެ މީހުންގެ ސޯޝަލް މީޑިއާތަކުން ފެނުނީ އަލްވަދާއުގެ މެސެޖްތަކެވެ.

ފިލްމީތަރި އަބްދުﷲ މުއާޒް ބުނިގޮތުގައި ފައްތާހަކީ އޭނާގެ ގާތް އެކުވެރިއެއްގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އޭނާގެ ޝައުގުވެރިކަމާއި ވައްޓަފާޅީގެ ސަބަބުން ދިވެހި ސިނަމާ ބަދަލުވެގެން ދިޔަ ކަމަށާއި އެ ލެގަސީ އަބަދުމެ ދެމިހުންނާނެ ކަމަށް ބުންޏެވެ.

ފައްތާހު ޑައިރެކްޓު ކުރި ފުރަތަމަ ފިލްމަކީ 2000 ވަނަ އަހަރު ގެނެސްދިން 'ހިމޭން ދުނިޔެ' އެވެ. އޭގެ ފަހުން އޭނާ ގެނެސްދިން މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 'ހުރީމޭ އިންތިޒާރުގައި'، އާއި 'ރަންމުތް' އަދި 'ވެހޭ ވާރޭތެރޭން' ފާހަގަކޮށްލެވެ އެވެ.

އޭނާ ގެނެސްދިން ސީރީޒްތަކަށް ބަލާއިރު، 'ތިއޭ މިހިތުގެ ވިންދަކީ' އާއި 'އައިޝާ' އާއި 'ދޯޕައްޓާ' އާއި 'ރޭޝަމް' ފަދަ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ފައްތާހު ވަކިވީ، އޭނާގެ ސޯޝަލް މީޑިއާތަކުން ވެސް އިބްރަތްތެރި މެސެޖްތަކެއް ދޫކޮށްފަ އެވެ. މި ފަހުން އޭނާ ގިނައިން، މަރުގެ ވާހަކަތައް ދައްކާފައި ވެ އެވެ. ހަޔާތުގެ ކުރުކަމާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް