އިންޓަނެޓުން ފެތުރޭ ސްކޭމްތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި.
6،000 މީހުންގެ އަތުން 110 މިލިޔަން ރުފިޔާ: އެއްވެސް ސްކޭމަރެއްގެ އަސްލު ނުހޯދުނު
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މަކަރާއި ހީލަތުން، 6،000 މީހުންގެ އަތުން 110 މިލިޔަނަށް ވުރެ ގިނަ ފައިސާ ފޭރިގަނެފައިވާ ކަމަށާއި އެކަމަކު އެއިން އެއްވެސް ސްކޭމަރެއްގެ އަސްލު ނުހޯދޭ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟- ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގައި ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވަމުން ދިޔަ ގޮތާއި އޭގެ ތަފާސްހިސާބުތައް އާއްމުކޮށްފަ އެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕޮލިސް އިންސްޕެކްޓަރު އާދަމް ނަވީދު ވިދާޅުވި ގޮތުގައި މުޅި ދުނިޔޭގައި ވެސް ސްކޭމްގެ މައްސަލަތައް އިތުރުވެގަތީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހުގަ އެވެ. އެ މަޅީގައި ގިނަ ދިވެހިން ވެސް ޖެހުނު ކަމަށާއި އެގޮތުން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނިސްބަތް ރާއްޖޭގައި %200 އަށް އިތުރުވި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން، މި އަހަރު އެންޓި ސްކޭމް ސެންޓަރު އުފެދުމާ ހަމައަށް 6،000އަށް ވުރެ ގިނަ ދިވެހިންގެ އަތުން ސްކޭމަރުން ވަނީ ފައިސާ ފޭރިގަނެފަ އެވެ. އޭގެ އަދަދު، 110 މިލިޔަން ރުފިޔާއަށް އަރަ އެވެ.
އެކަމަކު އޭގެ މުގުލުގައި ހުރި އެއްވެސް ސްކޭމަރެއްގެ އަސްލު ހޯދިފައި ނުވާ ކަމަށް ނަވީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ސްކޭމްއޭ މިކިޔަނީ، ޓެކްނޮލޮޖީގެ ބެރިއާއެއްގައި ފޮރުވެގެން ހުރެ، މަކަރުވެރި އުކުޅުތައް ބޭނުންކޮށްގެން ފައިސާ ފޭރޭތީ،" ނަވީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
އެ ހުރިހާ މައްސަލަތަކެއް ފުލުހުންނާއި މާލީ އިދާރާތަކަށް ދިޔައީ ރިޕޯޓުކުރަމުން
-
އެކަމަކު ސްކޭމަރުން ނުހޯދިފައިވަނީ އޭރުގެ ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮތް ގޮތުން، ކޯޓު އަމުރެއް ހޯދަން ޖެހޭތީ. ސްކޭމަރުގެ އެކައުންޓް ފްރީޒް ކުރެވެނީ ކޯޓު އަމުރު ލިބުމުން
-
އެ އަމުރު ލިބެނީ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ވަރަށް ހެއްކާ އެކު ހުށަހެޅުމުން ކަމަށާއި އެކަމަކު ސްކޭމަރުން ފައިސާތައް އެކައުންޓުން ބޭރުކޮށްލަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމުން، ކޯޓު އަމުރު ހިފައިގެން އަންނައިރު އެކަން ނިމިފައި އޮންނަ ކަމަށް
އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލެވެ. މިހާރުގެ މަޖިލީހުން އެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ، ކޯޓު އަމުރަކާ ނުލައި ވެސް އެކައުންޓް ފްރީޒް ކުރެވޭ ގޮތަށެވެ.
'ދައުރު'އާ ފަހުން ވާހަކަ ދައްކަވަމުން ނަވީދު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ސްކޭމްތައް ހިންގާފައިވާ ގޮތަށް ބަލާއިރު، %80 އެކަން ކޮށްފައިވަނީ، ކުށްކުރުމުގައި މަޝްހޫރު ގުރޫޕުތަކުން ކަމަށެވެ. އެހެންވެ، އެ މީހުން މިހާރު އައިޑެންޓިފައިކޮށްފައިވާ ކަމަށާއި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އެ މީހުން ހޯދުމަށް ދެން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން މިއަދު ވަނީ، މަކަރާއި ހީލަތުން މި އަހަރު ހޯދި ފައިސާ އާއި އެ މައްސަލަތަކުގެ ތަފްސީލު އާއްމުކޮށްފަ އެވެ. އެގޮތުން:
-
މި އަހަރު ރިޕޯޓުކުރީ 814 މައްސަލަ
-
އެއީ މިދިޔަ އަހަރާ ބަލާއިރު %90 އިތުރު އަދަދެއް
އެ މައްސަލަތައް ފުލުހުން ވަނީ ބައިތަކަށް ބަހާލައިފަ އެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު:
-
ސްކޭމް މައްސަލަތައް %66
-
އެހެނިހެން ކުށްތައް %13.6
-
ހެކްކުރުން %10.2
-
އޮންލައިން ހެރެސްމެންޓް %9،6؛ އޭގެ ތެރޭގައި ހިމެނެނީ ބަރަހަނާ މަންޒަރުތައް މެދުވެރިކޮށް ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމާއި އަގުވައްޓާލުމާއި ބުލީ ކުރުމުގެ މައްސަލަތައް