ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރި މުޒާހަރާއެއްގެ ތެރެއިން: އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
މުޒާހަރާއިން ހައްޔަރު ކުރި، ބާކީ ތިބި ދެ މީހުން ވެސް ކޯޓުން ދޫކޮށްލައިފި
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވަލައި، އިދިކޮޅުން އިއްޔެ މާލޭގައި ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިއަދު މެންދުރާ ހަމައަށް ދޫނުކޮށް ތިބި ދެ މީހުން ވެސް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟- އިއްޔެ މުޒަހާރާ ތެރެއިން ހަމަނުޖެހުމަކަށްގޮސް، ފުލުހުންގެ ދައުރު ހުރަސް އެޅި ކަމަށް ބުނެ ޖުމްލަ 29 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ރޭގެ ވަގުތެއްގައި ބަންދުން ދޫކޮށްލި އެވެ.
ފުލުހުންގެ ބަސް - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހައްޔަރުގައި ބާކީ ތިބި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ޝަރުތުތަކަކާ އެކު އެ ދެމީހުން ވެސް ބަންދު ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ޝަރުތުތަކަކީ ބޮކައިކަމެއް ނޭނގެ އެވެ.
ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ބަންދަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކަށް ތުހުމަތުކުރަނީ:
-
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުން
-
ފުލުހުންގެ ވެހިކަލަށް ހަމަލާ ދިނުން
-
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި މާރަމާރީ ހިންގުން
ބަންދުގައި ހުރި ދެ ވަނަ މީހާއަށް ކުރާ ތުހުމަތުތަކަކީ:
-
އަމުރަށް ނުކިޔަމަންތެރިވުން
-
ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުން
އިއްޔެގެ މުޒާހަރާ ކޮންޓްރޯލުކުރަން ގިނަ އަދަދެއްގެ ފުލުހުން ނުކުތެވެ. އެގޮތުން، ޝީލްޑާއި ފުލް ގިއަރުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވި އެވެ. މުޒާހަރާ ކުރިއަށް ދިޔަ ވަގުތު، ބޮޑުތަކުރުފާނު މަގުން ރާޅުގަނޑާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް ފުލުހުން ތިބީ ބެރިކޭޑު ޖަހައިގެން ބަންދުކޮށްގެންނެވެ.