ޕްރައިމަރީގެ ކެމްޕޭނުގައި އަލީ އާޒިމް (މ) ރައްޔިތުންނާ ބައްދަލުކުރައްވަނީ (ފޮޓޯ/އެކްސް)

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އިންތިޒާމު ކުރަނީ ގަވައިދާ ހިލާފަށް: އަލީ އާޒިމް

އޭނާ ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާ އެ ކަންތައް އިސްލާހުކޮށްދެއްވުމަށް އެމްޑީޕީގެ އިސްތިއުނާފު ކޮމެޓީ އަށް ސިޓީ އެއް ފޮނުވާފައި

އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވައިދާ ހިލާފަށް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ކަންތައް އިންތިޒާމުކުރާކަމަށް ބުނެ، ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓު އަލީ އާޒިމް، އެޕާޓީގެ އިސްތިއުނާފް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށް އެޑްރެސްކުރައްވާ އާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގެ ކަންތައް އިންތިޒާމު ކުރަމުން އަންނައިރު؛

  • ޕްރައިމަރީގައި ވޯޓުލެވޭ ރަށްތަކާއި ސިޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކުރުމުގައި ކަން ހިނގާފައިވަނީ  އިދާރީ ގޮތުން ޕާޓީގެ އިންތިހާބާއިބެހޭ ގުނަވަންތައް ޙަރަކާތްތެރިވަމުން އަންނަގޮތުން އޭނާގެ އޮންތިހާބީ ހައްގަށް އުނިކަން ލިބިދާނެ ކަމަށް

ތަފްސީލް - އެ ކަންތަކުގެ ތަފްސީލް ބަޔާންކުރައްވާ އާޒިމްގެ ސިޓީގައި ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވައިދުން ބާރު ލިބިގެން މިހާތަނަށް ވެސް އަމަލު ކުރަމުން އައިސްފައިވާ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ގަވައިދުގައި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ އިންތިހާބަށް އިއުލާންކުރާ ދުވަހާ ހަމައަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަ ރީވެފައިވާ ފަރާތްތަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ

  • މިހާތަނަށް ޕާޓިން އިންތިހާބަށް ހުޅުވާލަން އިއުލާންކޮށްވަނީ 11 ޑިސެމްބަރުގައި ޝާއިއުކޮށްފައިވާ އިއުލާނަކުން

  • އޭގެ ފަހުން ދާއިރާތަކަށް ބަދަލު އައިސްފައިވާތީ، އެ ދާއިރާތަކުގެ ޓިކެޓުގައި ވާދަކުރަން ބޭނުން މީހުންނަށް ކުރިމަތިލާން ހުޅުވާލި

  • މިހާތަނަށް ޕާޓީ އިން އިންތިހާބުގައި ވާދަކުރަން ހުޅުވާލީ 11 ޑިސެމްބަރުގައި އެކަނި

  • ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު އޭގެ ކުރީގެ ތާރީހަކަށް ބަންދުކުރެވޭ ގޮތަށް ކަނޑައަޅާ އާންމުކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވައިދު ތަންދޭ ކަމެއް ނޫން

  • އިންތިހާބުތަކާ ބެހޭ ގަވައިދު ބުނާގޮތުން ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ޕްރިއިމަރީގައި ވޯޓުލެވޭނީ 11 ޑިސެމްބަރާއި ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމަށް ދެކޭ ކަމަށް

އާޒިމްގެ ސިޓީގައި ވިދާޅުވީ އޭގެ ފަހުން ޑިސެމްބަރު 17 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޕާޓީގެ އިންތިހާބާ ބެހޭ ގަވައިދުގައި، ގަވައިދުގެ 4 ވަނަ ނަންބަރު ބަދަލުކޮށްފައިވާ ކަމަށެވެ. މިހާރު އެ މާއްދާގަިއ ބުނަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނަށް ކަމަށް ލިޔެފައިވާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށް އާޒިމްގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ޒިންމާކުރެވިފައިވާ ކަންކަން އިންތިހާބުތަކާ ބެހޭ ގަވައިދާއި ހިލާފަށް، އިންތިހާބާ ބެހޭ ކޮމެޓީން ކުރަމުން ދާ ކަމަށް އާޒިމްގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

އާޒިމްގެ ސިޓީގައި ދެން ފާހަގަ ކުރައްވާފައިވާގޮތުން އިންތިހާބުގެ ކަންކަން ބަލައި ވިލަރެސްކުރުމަށް އެކުލަވަލެވިފައިވާ އިންތިހާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ މެމްބަރުން ވެސް ހިމެނެ އެވެ. އެގޮތުން އޭނާގެ ވާދަވެރި ކެންޑިޑޭޓު، މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމް އަށް ކެމްޕޭނު ކުރައްވަމުން ގެންދަވާ މުހައްމަދު ފަލާހަކީ ކޮމެޓީގެ މުގައްރިރު ކަމަށް ވިދާޅުވެފައިވެ އެވެ.

އަލީ އާޒިމް، އެމްޑީޕީގެ އިސްތިއުނާފު ކޮމެޓީގައި އެދިވަޑައިގެންފައިވަނީ؛

  • އިންތިހާބުތަކާބެހޭ ގަވައިދުގެ 4 ވަނަ މާއްދާގައިވާ ގޮތަށް ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ޕްރިއިމަރީގައި ވޯޓުލެވޭނީ 11 ޑިސެމްބަރު 2025 ދުވަހާ ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް

  • ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި އޮތް ގަވައިދަކީ ޕްރައިމަރީގައި އަމަލުކުރަން ޖެހޭނެ ގަވައިދުކަމަށް ކަނޑައަޅައިދިނުމަށް

  • ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބުތަކާ ބެހޭ ގަވައިދުގައި ޕާޓީގެ ސެކްރެޓޭރިއޭޓުން ކުރާންޖެހޭ މަސައްކަތް ކުރަންޖެހޭނީ ޕާޓީގެ ސެކްރެޓޭރިއޭޓުންކަމާއި އެމަސައްކަތް އެއްވެސް ހާލަތެއްގައި ޕާޓީގެ އެހެން ގުނަވަނަކާ ހަވާލު ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް

  • ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަކީ އިންސާފުވެރި ޕްރައިމަރީއަކަށް ހެދުމަށްޓަކައި އިންތިހާބާ ބެހޭ ކޮމިޓީއާއި އެ ކޮމިޓީގެ މެންބަރުން އަމަލުކުރުމަށް އެންގުމަށް



ކޮމެންޓް (1)

ކެޔޮގަނޑު

23 ޑިސެމްބަރު 2025
ދެން އަނެއްކާ ޕާޓީ ރޫޅާލަން ނުކުމޭ. ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް